ބޭރުގެ ބުކިން ޕްލެޓްފޯމުތަކާއި ޓްރެވަލް އޭޖޭންޓުންގެ އަތުން ޖީއެސްޓީ ނަގަން ގާނޫނު އިސްލާހުކުރަނީ

ސަރުކާރުގެ ފަރާތުން ކުޅުދުއްފުށީ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ދާއޫދު ހުށަހެޅުއްވި މި އިސްލާހުން ދައުލަތުގެ އާމްދަނީއަށް އަހަރަކު 1.61 ބިލިއަން ރުފިޔާ އިތުރުވެގެންދާނެ ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ.

ވީއައިއޭގައި ޓޫރިސްޓުންނަށް މަރުހަބާ ކިޔަނީ -- އެމްއޭސީއެލް

ރާއްޖޭން ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި އޮންލައިން ބުކިން ޕްލެޓްފޯމުތަކުން ދޭ ހިދުމަތްތަކުން މުދަލާއި ހިދުމަތުގެ އަގުން ޓެކްސް (ޖީއެސްޓީ) ނެގުން ލާޒިމުކުރުމަށްޓަކައި ޓެކްސް ނެގުމާ ބެހޭ ގާނޫނަށް މުހިންމު އިސްލާހެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ. 

ސަރުކާރުގެ ފަރާތުން ކުޅުދުއްފުށީ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ދާއޫދު ހުށަހެޅުއްވި މި އިސްލާހުން ދައުލަތުގެ އާމްދަނީއަށް އަހަރަކު 1.61 ބިލިއަން ރުފިޔާ އިތުރުވެގެންދާނެ ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ.

މި އިސްލާހުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގައި "ޑެސްޓިނޭޝަން ޕްރިންސިޕަލް" ތަންފީޒުކޮށް، ރާއްޖޭން ބޭރުގައި ހިންގާ އޮފްޝޯ ބުކިން ޕްލެޓްފޯމުތަކާއި ބޭރުގެ ޓްރެވަލް އެޖެންޓުން ރާއްޖޭގެ ފަތުރުވެރިކަމާ ގުޅުވައިގެން ފޯރުކޮށްދޭ ހިދުމަތްތަކުން އިންސާފުވެރިކަމާއެކު ޓެކްސް ނެގޭނެ ހަރުދަނާ އުސޫލުތަކެއް ކަނޑައެޅުން ކަމަށް ބުނެފައިވެ އެވެ.

ދާއޫދު ހުށަހެޅުއްވި އިސްލާހުގެ ތެރޭގައި، ރާއްޖޭގައި ދާއިމީ ތަނެއް ނެތް ބޭރުގެ ފަރާތްތަކުން ދޭ އިންބައުންޑް ޓޫރިޒަމްގެ ހިދުމަތްތަކަކީ ވެސް ފަތުރުވެރިކަމުގެ ދާއިރާގެ ޚިދުމަތްތަކުގެ ގޮތުގައި ބަލައި، އެއިން ޓެކްސް ނެގުމާއި، ފަތުރުވެރިކަމުގެ ހިދުމަތްދޭ ތަންތަނުން ހިދުމަތް ދޭތާ ގިނަވެގެން 3 ދުވަހުގެ ތެރޭގައި ޓެކްސް އިންވޮއިސް ދޫކުރުން ލާޒިމުކުރުން ހިމެނެ އެވެ.

އަދި ބޭރުގެ އޮފްޝޯ ވިޔަފާރިތަކުން ފަތުރުވެރިންގެ އަތުން އަގު ނަގާނެ ގޮތުގެ ތަފުސީލީ މިންގަނޑުތައް ވެސް މި އިސްލާހުގައި ވަނީ ބަޔާންކޮށްފަ އެވެ.

މި ނިޒާމު ތަންފީޒުކުރުމަށްޓަކައި ދައުލަތުން ކެޕިޓަލް ހަރަދުގެ ގޮތުގައި 2.8 މިލިއަން ރުފިޔާ ހަރަދުކުރަންޖެހޭއިރު، އިދާރީ މުވައްޒަފުންނަށް ރިކަރަންޓް ޚަރަދުގެ ގޮތުގައި އަހަރަކު 5.1 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

ނަމަވެސް، މި ނިޒާމުގެ ސަބަބުން ދައުލަތަށް ލިބޭ އާމްދަނީ އެތައް ގުނައަކުން އިތުރުވެ، އަހަރަކު 1.61 ބިލިއަން ރުފިޔާ ލިބޭނެކަމަށް މި އިސްލާހުގައި ވަނީ ލަފާކޮށްފަ އެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ވަނީ މި އާ ނިޒާމު ތަންފީޒުކުރުމުގައި ބޭރުގެ ޕްލެޓްފޯމުތަކާއެކު މަޝްވަރާކޮށް، ޓެކްސް ދެއްކުމުގައި އެ ފަރާތްތަކަށް ލުއިފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދޭނެ ކަމުގެ ޔަގީންކަން ދީފަ އެވެ. 

ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވަނީ މިއަހަރުގެ އޮކްޓޯބަރު 1 ވަނަ ދުވަހުން ފެށިގެން މި އިސްލާހަށް އަމަލުކުރަން ފެށުމަށެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.