އެ ޕެޓިޝަންގައި ސޮއި ކުރި މީހުންގެ އަދަދު މިހާރު ވަނީ 2190 އަށް އަރާފަ އެވެ.

ސަރުކާރުން ބޭނުންވެއްޖެ ނަމަ ރަށްރަށުގެ ބިންތައް ކައުންސިލުން އަތުލުމުގެ ބާރު ލިބޭ ގޮތަށް މަޖިލީހަށް ހުށަހަޅާފައިވާ ބިލް އަނބުރާ ގެންދަން ގޮވާލައި ހުށަހެޅި އީ-ޕެޓިޝަނަށް އިސްކަންދީ، ބަހުސް ކުރަން ޖެހޭ ވަރަށް ސޮއި ހަމަވެއްޖެ އެވެ.
ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އެ އިސްލާހަށް މަޖިލީހުގައި ބަހުސް ކުރުމަށް ފަހު ވަނީ ބަލައިގަންނަން ފާސްކޮށްފަ އެވެ.
ކޮމަނާސް ޖަމިއްޔާގެ ރައީސް މިދުއަމް ސައުދު ހުށަހަޅާފައިވާ އީ-ޕެޓިޝަންގައި ބުނެފައި ވަނީ ހަންނާން ހުށަހެޅި އިސްލާހުގެ އާހިރު ނަތީޖާ އަކަށް ވެގެންދާނީ ކައުންސިލަރުންގެ ބާރު ކެނޑި އެ ބާރު ވަޒީރުންގެ މަޖިލީހަށް ލިބުން ކަމަސެވެ.
މީގެ އިތުރުން ކެބިނެޓުގެ ނިންމުންތަކާ ދެކޮޅު ހަދާކަމަށް ބުނެ ކައުންސިލަރުންނަށް ފިޔަވަޅު އަޅަން ފުރުސަތު އެ ބިލުން ލިބޭ ކަމަށާއި ރައްޔިތުންގެ ފަރާތުން ކަންކަމުގައި ބަސްބުނުމުގެ ހައްގުވެސް ހަނިވެގެންދާ ކަމަށް އެ ޕެޓިޝަންގައި ބުނެފައިވެ އެވެ.
އެހެންކަމުން އެ ބިލު އަނބުރާ ގެންދިޔުމަށް ޕެޓިޝަންގައި ވަނީ ގޮވާލައިފަ އެވެ.
އެ ޕެޓިޝަންގައި ސޮއި ކުރި މީހުންގެ އަދަދު މިހާރު ވަނީ 2190 އަށް އަރާފަ އެވެ. މަޖިލީހުގެ އީ-ޕެޓިޝަން ގަވާއިދު ބުނާ ގޮތުން، ޕެޓިޝަނަށް 2،100 ސޮއި (ވޯޓުލެވޭ އާބާދީގެ 0.5 ޕަސެންޓް) ހަމަވުމުން އެ ޕެޓިޝަން ވެގެންދާނީ ހާއްސަ ޕެޓިޝަނަކަށެވެ. އެހެންކަމުން ކަމާ ގުޅުންހުރި ކޮމެޓީއަށް ފޮނުވައިގެން ދިރާސާކުރުން ލާޒިމް ވާނެ އެވެ.
ހަންނާން ހުށަހެޅުއްވި ބިލުގައިވާ ގޮތުން ކައުންސިލްގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ބިމާއި ތަންތަނުގައި ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އެތަންތަން ކައުންސިލްގެ އިހްތިސާސުން ވަކި ކުރުމަށް ވަޒީރުންގެ މަޖިލީހަށް ނިންމިދާނެ އެވެ.
އެފަދަ ނިންމުމެއް ވަޒީރުންގެ މަޖިލީހުން ނިންމުމުން ކަމާބެހޭ ގައުމީ އިދާރާ އިން ކައުންސިލަށް އެކަން އެންގުމުން އެ ބިމެއް ނުވަތަ ތަނެއް ކައުންސިލްގެ މިލްކިއްޔަތުން ވަކިވެ ދައުލަތުގެ ފުރިހަމަ ބާރު ހިނގާ ބިމާއި ތަންތަން ކަމުގައި ވެގެންދާނެ ކަމަށް އެ ބިލުގައި ބުނެފައިވެ އެވެ.