"އިސްލާމްދީނަށް ބީރައްޓެހި ނުވަތަ އިސްލާމްދީނާ ދުރު ސިޔާސަތުތައް ތަންފީޒުކުރާ ކޮންމެ ފަހަރަކު، ދިވެހި ގައުމުގެ މިނިވަންކަން އޮތީ ގެއްލިފައި ނުވަތަ ދިވެހިރާއްޖޭގެ މިނިވަންކަން ވަނީ ނުރައްކަލުގެ ތުންފަތްމައްޗަށް ހުށަހެޅިފައި،"

އިސްލާމްދީނާ ފުށުއަރާ އެއްވެސް ގާނޫނެއް އުފަން ނުކުރެވޭނެ ފަދަ، ހަރުދަނާ ބަދަހި ނިޒާމެއް ގާއިމް ކުރުމަށް މިއަހަރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ހއ. އުތީމުގައި މިއަދު ހެނދުނު ބޭއްވި ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، އިސްލާމްދީނާ ބީރައްޓެހި ސިޔާސަތުތައް ތަންފީޒުކުރާ ކޮންމެ ފަހަރަކު ރާއްޖޭގެ މިނިވަންކަން ނިގުޅައިގެންފައިވާ ކަމަށެވެ. އަދި އިސްލާމްދީން ހިމާޔަތް ކުރާނެ ފުރިހަމަ ނިޒާމެއް ގައުމުގައި ގާއިމްވެފައި އޮންނަން ޖެހޭކަން ގަބޫލުކުރައްވާ ކަމަށެވެ.
"އިސްލާމްދީނަށް ބީރައްޓެހި ނުވަތަ އިސްލާމްދީނާ ދުރު ސިޔާސަތުތައް ތަންފީޒުކުރާ ކޮންމެ ފަހަރަކު، ދިވެހި ގައުމުގެ މިނިވަންކަން އޮތީ ގެއްލިފައި ނުވަތަ ދިވެހިރާއްޖޭގެ މިނިވަންކަން ވަނީ ނުރައްކަލުގެ ތުންފަތްމައްޗަށް ހުށަހެޅިފައި،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރާއްޖޭގައި ހެދޭ ގާނޫނުތަކާއި ގަވާއިދުތައް ހުންނަން ޖެހޭނީ އިސްލާމް ދީނުގެ އިންތަކާއި މިންތަކުގެ ތެރޭގައި ކަމަށެވެ. އެހެންނަމަވެސް އެފަދަ ނިޒާމީ ބަދަހި އޮނިގަނޑެއް މިހާތަނަށް ލިޔެވިފައި ނެތްކަން ހިތާމައާއެކު އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

"އެހެންވީމާ އަޅުގަނޑު މިއަދު ގަސްދުކުރަނީ މިކަން މިހެން އޮތް އޮތުމަށް ނިމުމެއް ގެންނަން. ދިވެހިރާއްޖޭގައި މާތްވެގެންވާ އިސްލާމްދީނާ ފުށުއަރާ، ނުވަތަ އިސްލާމްދީނާ ހިލާފު އެއްވެސް ގާނޫނެއް އުފަން ނުކުރެވޭނެ ފަދަ، ހަރުދަނާ ބަދަހި ނިޒާމެއް، އުސޫލީ ގޮތުންނާއި، ނިޒާމީ ގޮތުން ކަށަވަރުކުރަން،" ރައީސް ވިދާޅުވި އެވެ.
އެކަން ކަށަވަރު ކުރުމަށްޓަކައި މަޖިލީހުގެ މިއަހަރުގެ ތިން ވަނަ ދައުރަށް ހުށަހަޅުއްވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފަ އެވެ.
"އެހެންވީމާ، އެފަދަ ނިޒާމެއް ގާއިމުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިން ވަނަ ދައުރަށް އިރާދަކުރެއްވިއްޔާ ހުށަހަޅާނެކަމުގެ ފުރިހަމަ ޔަގީންކަން ދިވެހިރާއްޖޭގެ ލޮބުވެތި އެންމެހައި ރައްޔިތުންނަށް މިއަދު އަޅުގަނޑު އަރުވަން،" ރައީސް ވިދާޅުވި އެވެ.