ނިޝާން ދިޔަމިގިލީ ޝަރަފުގެ އިއްޒަތް، ކަށިމާ އަހުމަދު ޝާކިރަށް އަރުވައިފި

މި އިއްޒަތް ކަށިމާ ޝާކިރަށް އެރުއްވީ، ހއ. އުތީމުގައި ބޭއްވި މިއަހަރުގެ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި، ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

ނިޝާން ދިޔަމިގިލީ ޝަރަފުގެ އިއްޒަތުގެ ވެރިކަމުގެ ލަގަބު ކަށިމާ އަހުމަދު ޝާކިރަށް އެރުއްވުން --

ނިޝާން ދިޔަމިގިލީ ޝަރަފުގެ އިއްޒަތުގެ ވެރިކަމުގެ ލަގަބު، މައްޗަންގޮޅި ކަށިމާ އަހުމަދު ޝާކިރަށް އަރުވައިފިއެ ވެ. 

މި އިއްޒަތް ކަށިމާ ޝާކިރަށް އެރުއްވީ، ހއ. އުތީމުގައި ބޭއްވި މިއަހަރުގެ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި، ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

ކަށިމާ ޝާކިރު ދިވެހި ދައުލަތުގެ ހިދުމަތް ފެށްޓެވީ ޖުލައި 30، 1969 ގައެވެ. މެދުނުކެނޑި 41 އަހަރަށްވުރެ ގިނަ ދުވަހު ދައުލަތަށް ހިދުމަތް ކުރެއްވިއިރު، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ޝިޕިންގެ ވަކީލު ކަމާއި، ޝިޕިން މާސްޓާ ކަމާއި، ޑިރެކްޓާ އޮފް އެޑްމިނިސްޓްރޭޝަންގެ މަގާމާއި، ޑިރެކްޓާ ޖެނެރަލް ކަމުގެ އިތުރުން ދިވެހިބަހާއި ތާރީހަށް ހިދުމަތްކުރާ ގައުމީ މަރުކަޒުގެ އެގްޒެކެޓިވް ޑިރެކްޓާ ކަމުގެ މަގާމު ފަދަ އިސް މަގާމުތައް ފުރުއްވާފައިވެ އެވެ. 

އޭގެ އިތުރުން އެމަނިކުފާނު ވަނީ ރައްޔިތުންގެ މަޖިލީހުގެ މާލެއަތޮޅު މެންބަރުކަމާއި، ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މާލެއަތޮޅު މެންބަރުކަން ވެސް ކުރައްވާފަ އެވެ. 

އަދި ދައުލަތުގެ ހިދުމަތުން ވަކިވެވަޑައިގަތުމަށް ފަހު، 12 އަހަރަށް ވުރެ ދިގު މުއްދަތެއް ވަންދެން ވިލާ ކޮލެޖުގައި ކިޔަވައި ދެއްވައި، ސީނިއާ ކަރިކިއުލަމް ޑިވެލޮޕާއެއްގެ މަގާމުގައި ވެސް މަސައްކަތް ކުރެއްވި އެވެ.

ރާއްޖޭގެ ތާރީހު ދިރާސާ ކުރެއްވުމާއި، ތާރީހީ ފޮތް ލިޔުއްވުމުގެ ރޮނގުން ވެސް ކަށިމާ ޝާކިރު ގެންދަވަނީ، ގިނަ ހިދުމަތްތަކެއް ކުރައްވަމުންނެވެ. އޭގެ ތެރޭގައި 640 ސޮފްހާގެ "ވިހިވަނަ ގަރުނުގެ ތެރޭގައި ދިވެހިރާއްޖެ" ފޮތާއި، އެ ސީރީޒްގެ އިތުރު 5 ވޮލިއުމް ލިޔުއްވުން ހިމެނެ އެވެ. އަދި ދީނީ ފޮތްތައް ވެސް ލިޔުއްވާފައިވެ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.