މިދިޔަ މަހު ޑޮލަރު ވިއްކި އަދަދު ބޮޑުތަނުން އިތުރު

އެމްއެމްއޭ އިން ބޭންކުތަކަށް ވިއްކާ ޑޮލަރުގެ މިންވަރު، ހިނގަމުން މިދާ ހަފްތާ އިން ފެށިގެން ތިން ހަފްތާގެ މުއްދަތަށް އިތުރުކުރުމަށް ވަނީ ނިންމާފައެވެ.

ރާއްޖޭގެ މަރުކަޒީ ބޭންކް، އެމްއެމްއޭ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސް ހިސާބުތަކަށް ދައްކާގޮތުން ޖޫންމަހާއި އަޅައިބަލާއިރު ޖުލައި މަހު ޑޮލަރު ވިއްކި އަދަދު ބޮޑުތަނުން އިތުރުވެއްޖެ އެވެ.

މިގޮތުން، ޖުލައި މަހަކީ އެމްއެމްއޭއަށް ބޭރުފައިސާ ލިބުނު ޖުމްލަ އަދަދަށްވުރެ އެމްއެމްއޭއިން ބޭރުފައިސާ ވިއްކި ޖުމްލަ އަދަދު އިތުރުވި މަހެކެވެ. މީގެ މައިގަނޑު ސަބަބަކީ ފާއިތުވި ޖުލައި މަހަކީ ފަތުރުވެރިކަމުގެ އޯފް-ސީޒަން ކަމަށް ވުމާއެކު އެމްއެމްއޭއަށް ލިބުނު ބޭރުފައިސާގެ އަދަދު ދަށްވުމެވެ. އަދި، ޖުލައި މަހަކީ ސްކޫލް ބަންދާ ދިމާކޮށް ޑޮލަރަށް އޮންނަ ޑިމާންޑް އިތުރަށް ބޮޑުވެގެން ދިޔަ މަހެއްކަން ފާހަގަކުރެވެއެވެ. މިގޮތުން، އެމްއެމްއޭއިން ޖުލައި މަސް ތެރޭގައި ދަތުރުފަތުރާއި، ބޭސްފަރުވާއާއި، އުމްރާގެ ދަތުރުތަކަށް ޑޮލަރު ވިއްކި މިންވަރުވަނީ ޖޫންމަހާއި އަޅާބަލާއިރު 172 ޕަސެންޓުން އިތުރުވެފަ އެވެ.

ބޭންކިން ނިޒާމުގެ ތެރެއިން ބޭރު ފައިސާ ލިބުން އިތުރަށް ފަސޭހަކޮށްދިނުމުގެ ގޮތުންނާއި ބޭރު ފައިސާގެ ބާޒާރަށް އިތުރު ލުޔެއް ހޯދައި ދިނުމުގެ ގޮތުން، ބޭންކުތަކަށް ޑޮލަރު ވިއްކާ މިންވަރު އަނެއްކާ ވެސް އިތުރުކުރުމަށް އެމްއެމްއޭއިން ވަނީ މިމަހުގެ 11 ގައި ނިންމާފަ އެވެ. 

އެމްއެމްއޭ އިން ބޭންކުތަކަށް ވިއްކާ ޑޮލަރުގެ މިންވަރު، ހިނގަމުން މިދާ ހަފްތާ އިން ފެށިގެން ތިން ހަފްތާގެ މުއްދަތަށް އިތުރުކުރުމަށް ވަނީ ނިންމާފަ އެވެ. މި ސިޔާސަތުގެ ތެރެއިން، އާންމު އުސޫލުގެ ދަށުން ކޮންމެ ހަފްތާއަކު އެމްއެމްއޭއިން ބޭންކުތަކަށް ވިއްކަމުންދާ ބޭރު ފައިސާއާއި އަޅާބަލާއިރު، 51 ޕަސެންޓް އިތުރު އަދަދެއް ވިއްކުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.

މި ނިންމުމުގެ މައިގަނޑު މަގުސަދަކީ އެމްއެމްއޭ އިން ބުނި ގޮތުގައި، ވިޔަފާރިތަކުން މުދާ އިމްޕޯޓްކުރުމަށް ހަދަންޖެހޭ ޓީޓީ އަދި އެލްސީ އަށް ބޭނުންވާ ބޭރު ފައިސާ ހޯދުމުގައި ހުރި ދަތިތަކަށް ލުޔެއް ހޯދައިދިނުމެވެ.

އެމްއެމްއޭ އިން ކޮންމެ މަހަކު އާންމު ކުރަމުންދާ ރިޒަރވް އަދަދުތަކަށް ބަލާއިރު ޖުލައިމަސް ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒަރވް ވަނީ 686.8 މިލިއަން ޑޮލަރުން 638.0 މިލިއަން ޑޮލަރަށް (%7 އިން) ދަށްވެފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.