މި ބައްދަލުވުމުގެ މައިގަނޑު މާލެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، އެމް.ޕީ.އެލްގެ އެންމެ މުހިންމު އެއް ސްޓޭކްހޯލްޑަރުންކަމުގައިވާ ކްލިއަރިން އޭޖެންޓުންނާއި، ލޮރީ ޑްރައިވަރުންގެ ޚިޔާލު ހޯދުމެވެ.

މާލެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫޢާ ގުޅިގެން، މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމް.ޕީ.އެލް) ގެ ސްޓޭކްހޯލްޑަރުންގެ ތެރެއިން، ކްލިއަރިން އެޖެންޓުންނާއި ލޮރީ ޑްރައިވަރުންނާއި މިއަދު ބައްދަލުކޮށްފިއެވެ.
ހޮޓެލް ޖެންގައި ބޭއްވި މި މަޝްވަރާ ބައްދަލުވުމަކީ، މާލެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމާ ގުޅިގެން އެމްޕީއެލްގެ ސްޓޭކްހޯލްޑަރުންނާއެކު ސިލްސިލާކޮށް ބާއްވަމުން އަންނަ މަޝްވަރާ ބައްދަލުވުމުގެ ތެރެއިން ކުރިއަށްދިޔަ މުހިންމު ބައްދަލުވުމެކެވެ.
މި ބައްދަލުވުމުގެ މައިގަނޑު މަޤްސަދަކީ މާލެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، އެމް.ޕީ.އެލްގެ އެންމެ މުހިންމު އެއް ސްޓޭކްހޯލްޑަރުންކަމުގައިވާ ކްލިއަރިން އޭޖެންޓުންނާއި، ލޮރީ ޑްރައިވަރުންގެ ޚިޔާލާއި މަޝްވަރާ ހޯދުމެވެ.
މި ބައްދަލުވުމުގައި ބައިވެރިންވަނީ މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫޢުގެ ތެރެއިން، ވީހާވެސް އަވަހަށް މުދާ ކްލިއަރކުރުމުގެ ނިޒާމެއް ގާއިމުކުރުމާ ގުޅޭގޮތުން އެބޭފުޅުންގެ ޚިޔާލުތަކެއް ހިއްސާކުރައްވާފައެވެ. އެމް.ޕީ.އެލްގެ އަމާޒަކީ ކްލިއަރިންގ އޭޖެންޓުންނާއި ލޮރީ ޑްރައިވަރުންނަށް ވީހާވެސް ފަސޭހަވާނެ ގޮތަކަށް ތިލަފުށީ ބަނދަރުގެ މަސައްކަތްތައް ބައްޓަންކުރުމެވެ.
މި މަޝްރޫޢާ ގުޅިގެން އެމް.ޕީ.އެލް އިން މިހާތަނަށް ވަނީ ސަރުކާރުގެ މިނިސްޓްރީތަކާއި، ކަމާގުޅޭ މުއައްސަސާތަކާއި، ވިޔަފާރިވެރިންނާއި، ޝިޕިންގ އޭޖެންޓުންނާއި، އެއަރލައިން އޭޖެންޓުންގެ އިތުރުން ފްރައިޓް ފޯވަރޑަރުންނާއި ބައްދަލުކޮށްފައެވެ. އަދި ކުރިއަށް އޮތް ތަނުގައި އެހެނިހެން ސްޓޭކްހޯލްޑަރުންނާ ބައްދަލުކުރުމަށް ވެސް ވަނީ ރޭވިފައެވެ.
މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަކީ، މިހާރުގެ ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ކުރިއަށްގެންދާ އެންމެ މުހިންމު އެއް މަޝްރޫޢެވެ. ތިލަފުށީ ބަނދަރު ތަރައްޤީކުރެވިގެންދާނީ ބައިނަލްއަޤުވާމީ މިންގަނޑުތަކަށް ފެތޭ، އެންމެ ފަހުގެ ޓެކްނޮލޮޖީއާއި ޒަމާނީ ވަޞީލަތްތައް ހިމެނޭ ބަނދަރެއްގެ ގޮތުގައެވެ. މިއީ ޖާގައިގެ ގޮތުން މިހާރުގެ ބަނދަރަށްވުރެ އެތައް ގުނައެއް ތަނަވަސް މަލްޓި-ޕާޕަސް ފެސިލިޓީތައް ހިމެނޭ މޮޑަން ޕޯޓެކެވެ.
މި ބަނދަރުގައި ޒަމާނީ ކޮންޓޭނަރ ޓާމިނަލަކާއި، ކޮންޓޭނަރ ފްރައިޓް ސްޓޭޝަންތަކުގެ އިތުރުން، އެކި ބާވަތްތަކުގެ މުދާ ބޭލުމަށް ޚާއްސަ މަލްޓި-ޕާޕަސް ޓާމިނަލްތަކާއި، އަވަހަށް ހަލާކުވާ ފަދަ (ޕެރިޝަބަލް) މުދާ ރައްކާކުރާނެ ޓާމިނަލްތައް ޤާއިމްކުރެވޭނެއެވެ. މީގެއިތުރުން، ބޮންޑެޑް ވެއަރހައުސްތަކާއި، އެކި ވަޞީލަތްތައް މެދުވެރިކޮށް މުދާ އުފުލައި ބެލެހެއްޓޭނެ ފުރިހަމަ ލޮޖިސްޓިކްސް ނިޒާމުތައްވެސް މި ބަނދަރުގައި ހިމެނިގެންދާނެއެވެ.
މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ މުހިންމު އިޤްތިޞާދީ ވައުދުފުޅެކެވެ. އެގޮތުން މި ބަނދަރު ވެގެންދާނީ ވިޔަފާރިވެރިންނާއި މި ކުންފުނީގެ އެހެނިހެން ސްޓޭކްހޯލްޑަރުންނަށް 24 ގަޑިއިރު ޚިދުމަތް ދެވޭނެ ފުރިހަމަ ނިޒާމެއް ގާއިމުވެފައިވާ ތަނަކަށެވެ. އަންނަ އަހަރުގެ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހު ޚިދުމަތަށް ހުޅުވުމަށް އަމާޒު ހިފާފައިވާ މި ބަނދަރު ވެގެންދާނީ، ޒަމާނީ ވަޞީލަތްތަކާއެކު ތަރައްޤީކުރެވޭ "ސްޓޭޓް އޮފް ދި އާޓް" މަލްޓި-ޕަރޕަސް ބަނދަރަކަށެވެ.