ފަނޑިޔާރުން ރިޓަޔަ ކުރާ އުމުރު މަތިކުރުމަށް ގެންނަން ހުށަހަޅާފައިވާ އިސްލާހާމެދު، އދ. ގެ ސްޕެޝަލް ރެޕަޓުއާ އޮން ދަ އިންޑިޕެންޑެންސް އޮފް ޖަޖެސް އެންޑް ލޯޔަރސް، މާގަރެޓް ސެޓަރތްވައިޓް ކަންބޮޑުވުން ފާޅުކުރައްވަ އެވެ.

ސްރީލަންކާގެ ފަނޑިޔާރުންގެ ރިޓަޔަމަންޓް އުމުރު މަތިކުރުމަކީ ލަންކާ ސަރުކާރުން ފަނޑިޔާރުގެއަށް އަތް ބާނަން އުޅުންފަދަ ކަމެއްގެ ގޮތުގައި ތުހުމަތުކޮށް އދ. އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ސްރީލަންކާގެ މަތީ ކޯޓުތަކުގެ ފަނޑިޔާރުން ރިޓަޔަ ކުރާ އުމުރު މަތިކުރުމަށް އެ ގައުމުގެ ގާނޫނުއަސާސީއަށް ގެންނަން ހުށަހަޅާފައިވާ އިސްލާހާމެދު، އދ. ގެ ސްޕެޝަލް ރެޕަޓުއާ އޮން ދަ އިންޑިޕެންޑެންސް އޮފް ޖަޖެސް އެންޑް ލޯޔަރސް، މާގަރެޓް ސެޓަރތްވައިޓް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މީގެ ސަބަބުން ޝަރުއީ ދާއިރާގެ މިނިވަންކަމާއި، ފަނޑިޔާރުގެއާމެދު އާންމުންގެ މެދުގައި އޮންނަ އިތުބާރަށް އަސަރުކޮށްފާނެ ކަމަށެވެ.
މި އޮގަސްޓު މަހުގެ 7 ވަނަ ދުވަހު ސްރީލަންކާ ސަރުކާރަށް ފޮނުއްވި ސިޓީއެއްގައި ސްޕެޝަލް ރެޕަޓުއަރ ވިދާޅުވެފައިވަނީ، މިހާރު ހުށަހަޅާފައިވާ ގޮތަށް އެ އިސްލާހު އޮތުމަކީ، ޝަރުއީ ދާއިރާގެ މިނިވަންކަމާއި އިންސާފުވެރި ޝަރީއަތެއް ލިބުމުގެ ހައްގާ ގުޅޭ ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ މިންގަނޑުތަކާ ފުށުއަރާ ކަމަކަށް ވެދާނެ ކަމަށެވެ.
މި އިސްލާހުގައި ހުށަހަޅާފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ރިޓަޔަރކުރަންޖެހޭ އުމުރު 65 އިން 67 އަށް، އަދި ކޯޓް އޮފް އެޕީލްގެ ފަނޑިޔާރުންގެ އުމުރު 63 އިން 65 އަށް މަތިކުރުމަށެވެ. މާގަރެޓް ފާހަގަކުރެއްވި ގޮތުގައި މި ބަދަލުތައް ހަމަޖެހިފައިވަނީ ހަމައެކަނި ކުރިމަގުގައި އައްޔަންކުރާ ފަނޑިޔާރުންނަށް އެކަންޏެއް ނޫނެވެ. އޭގެ ބަދަލުގައި މިހާރު މަގާމުގައި ތިއްބެވި ފަނޑިޔާރުންނަށްވެސް މީގެ އަސަރު ކުރާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ފަނޑިޔާރުންގެ ތަޖުރިބާ ދެމެހެއްޓުމާއި މުއައްސަސާގެ ހިންގުން މެދުނުކެނޑި ކުރިއަށްގެންދިއުމުގެ މަގުސަދުގައި ރިޓަޔަރކުރާ އުމުރު މަތިކުރުމަކީ ބަލައިގަނެވިދާނެ ކަމެއްކަމަށް އޭނާ އެއްބަސްވެވަޑައިގަތެވެ. ނަމަވެސް، ޝަރުއީ ދާއިރާގެ މުއްދަތާ ގުޅޭގޮތުން ގެންނަ މިފަދަ ބަދަލުތަކަކީ ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވި، އަދި ހަރުދަނާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ގެންނަންޖެހޭ ބަދަލުތަކެއްކަމަށް އޭނާ ވިދާޅުވިއެވެ. ސަބަބަކީ، ސަރުކާރާއި ގާނޫނު ހަދާ މަޖިލީހުގެ ބާރުތައް މުރާޖައާކުރުމުގެ މުހިންމު ދައުރެއް ޝަރުއީ ދާއިރާއިން އަދާކުރާތީއެވެ.
މި އިސްލާހުގެ ސަބަބުން ވަކި ފަނޑިޔާރުންތަކަކަށް ސީދާ މަންފާއެއް ލިބޭނެކަން ބަޔާންކޮށްފައި ނެތް ނަމަވެސް، އަމަލީ ގޮތުން މަތީ ކޯޓުތަކުގެ ބައެއް ފަނޑިޔާރުންގެ މަގާމުގެ މުއްދަތު އިތުރުވެގެން ހިނގައިދާނެކަމުގެ އިންޒާރު އޭނާ ދެއްވިއެވެ. އިންތިގާލީ އިންތިޒާމުތަކެއް ނުވަތަ މިނިވަން ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް ނެތުމުން، މިއީ އާންމުކޮށް އަމަލުކުރާނެ ދުސްތޫރީ އުސޫލެއް ގާއިމުކުރުމުގެ ބަދަލުގައި، ވަގުތީ މަންފާއެއް ހާސިލުކުރުމަށް ޝަރުއީ ދާއިރާގެ އެކުލެވުމަށް ބަދަލު ގެނައުމުގެ ނިޔަތުގައި ކުރާ ކަމެއްކަމުގެ ތަސައްވުރެއް އުފެދިދާނެކަމަށްވެސް އެ ސިޓީގައި ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން، މި މުއްދަތު އިތުރުވުމުގެ ސަބަބުން މަންފާ ލިބޭ ފަނޑިޔާރުން، މި އިސްލާހުގެ ދުސްތޫރީ ސައްހަކަން ކަނޑައަޅަން ޖެހިއްޖެ ހާލަތެއްގައި މަސްލަހަތު ފުށުއަރާފާނެތީ އެކަމާ މެދުވެސް ސްޕެޝަލް ރެޕަޓުއަރ ކަންބޮޑުވުން ފާޅުކުރެއްވިއެވެ. މިއީ ސީދާ ބޭއިންސާފުވުން ކަމަށް ނުވި ނަމަވެސް، މިފަދަ މަސްލަހަތު ފުށުއަރާ ހާލަތްތައް ހައްލުކުރާނެ ނިޒާމެއް ނެތުމަކީ ފަނޑިޔާރުގޭގެ އިންސާފުވެރިކަމާމެދު އާންމުންގެ އިތުބާރު ކުޑަވެދާނެ ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.
ފަނޑިޔާރުން ރިޓަޔަކުރާ އުމުރަށް ގެންނަ ކޮންމެ ބަދަލެއްވެސް ގެންނަންވާނީ ދެފުށް ފެންނަ، އެންމެންގެ ބައިވެރިވުން ހިމެނޭ، ވަކި ފަރާތަކަށް ނުޖެހޭ އަދި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވިގެން ކުރިއަށްގެންދާ އިސްލާހީ މަސައްކަތެއްގެ ތެރެއިންކަމަށް އޭނާ ލަފާދެއްވިއެވެ. އެކަށީގެންވާ މަޝްވަރާ އާއި ރައްކާތެރިކަމުގެ ފިޔަވަޅުތަކަކާ ނުލައި ކުއްލިއަކަށް ގެންނަ މިފަދަ ބަދަލަކީ ޝަރުއީ ދާއިރާގެ މިނިވަންކަމަށް އޮތް ވަރަށް ބޮޑު ނުރައްކަލެއްކަމަށް އޭނާ އިންޒާރު ދެއްވިއެވެ.