ދިވެހި ޒުވާނުންގެ މައްޗަށް އެމަނިކުފާނުގެ ހިތްޕުޅުގައި އޮތް އިތުބާރު ހާމަކުރައްވަމުން، ޒުވާނުންގެ ހިޔާލުތަކާއި، އަޑާއި، އުންމީދުތަކަކީ، ގައުމީ ތަރައްގީއަށް އަގުހުރި އުންސުރުތަކެއް ކަމަށް ވެސް ރައީސްގެ މެސެޖުގައި ވިދާޅުވެފައިވެ އެވެ.

ކޮންމެ ދިވެހި ޒުވާނަކަށް ވެސް އެ މީހެއްގެ ފުރިހަމަ ގާބިލިއްޔަތަށް ވާސިލުވެވޭނޭ ފަދަ ފަހި މާހައުލެއް އުފައްދައިގެން، ޒުވާނުން ބާރުވެރި ކުރުވުމުގެ އަޒުމުގައި ދިވެހި ސަރުކާރު ސާބިތުކަމާއެކު ދެމި އޮންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ ޒުވާނުންގެ ދުވަހާ ގުޅިގެން ފޮނުއްވި ހާއްސަ މެސެޖުގައި ރައީސް ވިދާޅުވީ ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް 45 އިންސައްތަ އަކީ ޒުވާނުންނަށްވާއިރު، ގައުމުގެ މުސްތަގުބަލު ބައްޓަންކުރުމުގައި ޒުވާނުން އަދާކުރަނީ މުހިންމު ދައުރެއް ކަމަށެވެ.
އެގޮތުން، ދީނީ، ތަޢުލީމީ، ސައިންސް އަދި ކުޅިވަރުގެ ދާއިރާއިން ޒުވާނުން ހޯދަމުންދާ ކާމިޔާބީތަކާއި ކުރާ އުންމީދުތަކަށް ސާބަސްދެއްވައި، މި ކަންކަމުން ހެކިކޮށްދެނީ މި ޖީލުން ކާމިޔާބީއަށް ވާސިލުވުމަށް ކުރާ މަސައްކަތްތައް ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ތައުލީމީ ދާއިރާއިން ހޯދާ ކާމިޔާބީތަކާ އެއްވަރަށް ވަޒީފާގެ މައިދާނުގައި ފުރުސަތު އުފެއްދޭކަން ކަށަވަރުކުރުމަށްޓަކައި، ގައުމީ ފެންވަރުގައި މަތީ ތައުލީމާއި ތަމްރީނުގެ ފުރުސަތުތައް އިތުރުކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަމުންގެންދާ ކަމަށެވެ. އެގޮތުން، ނޭޝަނަލް އެޕްރެންޓިސްޝިޕް ޕުރޮގުރާމާއި، ނޭޝަނަލް ސާވިސް ޕުރޮގުރާމު ފަރުމާކޮށްފައިވަނީ، ތައުލީމީ މައިދާނުން ވަޒީފާގެ މައިދާނަށް ދިއުމުގެ އިންތިގާލީ މަރުހަލާ އޮމާން ކޮށްދިނުމަށްކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ދިވެހި ޒުވާނުންގެ މައްޗަށް އެމަނިކުފާނުގެ ހިތްޕުޅުގައި އޮތް އިތުބާރު ހާމަކުރައްވަމުން، ޒުވާނުންގެ ހިޔާލުތަކާއި، އަޑާއި، އުންމީދުތަކަކީ، ގައުމީ ތަރައްގީއަށް އަގުހުރި އުންސުރުތަކެއް ކަމަށް ވެސް ރައީސްގެ މެސެޖުގައި ވިދާޅުވެފައިވެ އެވެ.
އަދި ދިވެހި ޒުވާނުންގެ ބުންވަރާއި ވިލުންތެރިކަމަށް ތައުރީފުކުރައްވައި، ޒުވާނުންގެ އިހުލާސްތެރިކަމުގެ ބާރުން، ފުދުންތެރިކަމާއި، ވިލުންތެރިކަމާއި، ދެމެހެއްޓެނިވި ތަރައްގީގެ މަންޒިލަށް ގައުމު މިސްރާބު ޖަހާނޭކަން ޔަގީންކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.