މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ދެވަނަ ދައުރު ފަސް ދުވަހަށް އިތުރުކުރަން ފާސްކޮށްފައިވަނީ އެކަމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 58 މެމްބަރުންގެ އިއްތިފާގުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މި ހިނގާ ދެވަނަ ދައުރު، މި މަހުގެ 20 ވަނަ ދުވަހާ ހަމައަށް ދަންމާލައިފި އެވެ.
މަޖިލީހުގެ ގަވާއިދުގައި ބުނާ ގޮތުން މަސައްކަތްތައް ބެހިފައިވަނީ ތިން ދައުރަކަށެވެ. ފުރަތަމަ ދައުރު ހިނގަނީ ފެބްރުއަރީ 1 އިން ފެށިގެން މެއި 15 އަށެވެ. ދެވަނަ ދައުރު ޖޫން 1 އިން ފެށިގެން އޮގަސްޓު 15 އަށް ނިމޭއިރު ތިންވަނަ ދައުރު ފަށަނީ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހު އެވެ. އަދި އެ ދައުރު ނިމޭނީ ނޮވެމްބަރު މަހުގެ ފަހު ދުވަހު އެވެ.
މަޖިލީހުގެ އަދުގެ ޖަލްސާ ފެށުމުގެ ކުރިން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله ވަނީ މުހިންމު މަސައްކަތްތަކެއް ނިންމަން ހުރުމުން، އޯގަސްޓް 20 އާ ހަމައަށް ދައުރު އިތުރުކުރަން ހުށަހަޅުއްވައިފަ އެވެ.
އެއާއެކު، މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ދެވަނަ ދައުރު ފަސް ދުވަހަށް އިތުރުކުރަން ފާސްކޮށްފައިވަނީ އެކަމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 58 މެމްބަރުންގެ އިއްތިފާގުންނެވެ.
މަޖިލީހުގެ މި ދައުރު ދަންމާލާފައިމިވަނީ، ސަރުކާރުން ބޭނުންވެއްޖެ ނަމަ ރަށްރަށުގެ ބިންތައް ކައުންސިލުން އަތުލުމުގެ ބާރު ލިބޭ ގޮތަށް ގާނޫނަށް ގެންނަ އިސްލާހެއްގެ މަސައްކަތެއް ކުރަމުންދާ ދަނޑިވަޅެއްގަ އެވެ.
މަޖިލީހުގެ ތުޅާދޫ ދާއިރާގެ މިނިވަން މެމްބަރު އަބްދުލް ހައްނާނު ހުށަހަޅުއްވާފައިވާ އެ ބިލުގައިވާ ގޮތުން ކައުންސިލްގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ބިމާއި ތަންތަނުގައި ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އެތަންތަން ކައުންސިލްގެ އިހްތިސާސުން ވަކި ކުރުމަށް ވަޒީރުންގެ މަޖިލީހަށް ނިންމިދާނެ އެވެ.
އެފަދަ ނިންމުމެއް ވަޒީރުންގެ މަޖިލީހުން ނިންމުމުން ކަމާބެހޭ ގައުމީ އިދާރާ އިން ކައުންސިލަށް އެކަން އެންގުމުން އެ ބިމެއް ނުވަތަ ތަނެއް ކައުންސިލްގެ މިލްކިއްޔަތުން ވަކިވެ ދައުލަތުގެ ފުރިހަމަ ބާރު ހިނގާ ބިމާއި ތަންތަން ކަމުގައި ވެގެންދާނެ ކަމަށް އެ ބިލުގައި ބުނެފައިވެ އެވެ.
ރަށެއް ނުވަތަ ސިޓީއެއްގެ ފިސްކަލް ޑިވަލޮޕްމަންޓް ޕްލޭން ފާސްކޮށް އަމަލުކުރަން ފެށުމުގެ ކުރިން ސަރުކާރުގެ ފަރާތުން ތަރައްގީގެ މަޝްރޫއެއް ކުރިޔަށް ގެންދިޔުމަށް ބިމެއް ހޯދުމަށް އެދޭ ހާލަތުގައި މަޝްރޫއުތަކަށް ބޭނުންވާ ބިން ކައުންސިލްތަކުން ހަވާލު ކުރަން ވާނެ ކަމަށް ވެސް ބިލުގައި ބުނެފައިވެ އެވެ.
މީގެ އިތުރުން ސިޓީތަކާއި ރަށްރަށުގެ މަންފާ އަށް ސަރުކާރުން ކުރިޔަށް ގެންދަން ބޭނުންވާ މަޝްރޫއުތަކަށް އެ ކައުންސިލަކުން ފުރިހަމަ އަށް އެއްބާރުލުން ދޭން ޖެހޭނެ ކަމަށާއި އެކަމަށް ހުރަސް އެޅޭ ފަދަ ގޮތަކަށް އަމަލުކުރުން ނުވަތަ މަޝްރޫއުތައް ހުއްޓުވުމަށް މެދުވެރިވާ ފަދަ ނިންމުންތައް ނިންމައިގެން ނުވާނެ ކަމަށް ވެސް އެ ބިލުގައި ބުނެފައިވެ އެވެ.