ޔޫކޭން ޑިޔުޓީ ކަނޑާލުމުން ރާއްޖޭގައި މަސްގަތުމުގެ ވާދަވެރި ބާޒާރެއް އުފެދިއްޖެ: ޝިޔާމް

މީގެ ސަބަބުން އަމިއްލަ ކުންފުނިތަކާއި މިފްކޯއަށް ވެސް މަސްވެރިންގެ އަތުން އަގުބޮޑުކޮށް މަސްގަތުމުގެ ފުރުސަތު ހުޅުވިގެން ގޮސްފައިވާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރު ޝިޔާމް މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ. --ފޮޓޯ: މަޖިލީހުގެ އިދާރާ

އިނގިރޭސިވިލާތަށް ރާއްޖޭން އެކްސްޕޯޓްކުރާ މަހުގެ ބާވަތްތަކުން ނަގަމުން އައި ޑިޔުޓީ ކަނޑާލުމާ ގުޅިގެން، ރާއްޖޭގައި މަސް ގަތުމުގެ ހަގީގީ ވާދަވެރި ބާޒާރެއް އުފެދިފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޝިޔާމް ވިދާޅުވީ، ޔޫކޭން ނަގަމުން އައި ޑިޔުޓީ އުވާލުމުން ރާއްޖޭގެ އެކްސްޕޯޓަރުންނަށް 20 ޕަސެންޓުގެ ކުރިއެރުމެއް ލިބިފައިވާ ކަމަށެވެ. 

މީގެ ސަބަބުން އަމިއްލަ ކުންފުނިތަކާއި މިފްކޯއަށް ވެސް މަސްވެރިންގެ އަތުން އަގުބޮޑުކޮށް މަސްގަތުމުގެ ފުރުސަތު ހުޅުވިގެން ގޮސްފައިވާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

"މިހާރު ހޮރައިޒަން ފިޝަރީޒް، އެންސިސް ފިޝަރީޒް އަދި މިފްކޯއިން ވެސް ރަނގަޅު އަގުގައި މަސް ގަންނަމުން އެ ދަނީ. މަހުގެ ވާދަވެރި ބާޒާރެއް އުފެދިއްޖެ ކަން އަޅުގަނޑުމެން އެންމެން އެބަ ގަބޫލުކުރަން،" ޝިޔާމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ޔޫރަޕާއި އިނގިރޭސިވިލާތުން ނަގާ ޓެކްސް ކުޑަކުރުމަށް ވޭތުވެދިޔަ 14 އަހަރު އެކި ސަރުކާރުތަކުން މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބުވެފައެއް ނުވެ އެވެ. 

ނަމަވެސް، އިނގިރޭސިވިލާތަކީ އަހަރަކު ގާތްގަނޑަކަށް 18 މިލިއަން ޕައުންޑުގެ މަސް ރާއްޖޭން ބޭރުކުރާ އެންމެ ބޮޑު ބާޒާރު ކަމަށްވާތީ، މި ޓެރިފް ކަނޑާލުމަކީ މަސްވެރިކަމުގެ ދާއިރާއަށް ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި ޝިޔާމް ފާހަގަކުރެއްވި އެވެ.

މަސް ގަންނަ އަގާ ގުޅޭގޮތުން ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުން ޝިޔާމް ވިދާޅުވީ، މިހާރު ކިލޯއަކަށް 20ރ. އަށް ވުރެ ދަށްކޮށް މަސް ނުގަންނާނެ ކަމަށާއި، ބައެއް ދުވަސްދުވަހު އަމިއްލަ ކުންފުނިތަކުން ކިލޯއަކަށް 21ރ. އާއި 22ރ. އާ ދެމެދުގެ އަގެއް ދެމުންދާ ކަމަށެވެ.

ރާއްޖޭގެ މަހަށް އެންމެ ރަނގަޅު އަގު ނުލިބޭ އެންމެ ބޮޑު ހުރަހަކީ އަގު އެއްކުރެވޭ މިންވަރު މަދުވުންކަން ފާހަގަކުރައްވައި، ސަރުކާރުން އެކަން ބަދަލުކުރުމަށް ކުރަމުންދާ މަސައްކަތްތައް މިނިސްޓަރު ހިއްސާކުރެއްވި އެވެ.

މިގޮތުން، މި ސަރުކާރު ހަވާލުވިިއިރު ދުވާލަކު 50 ޓަނު މަސް ދަޅުގައި ބަންދުކުރެވުނު ނަމަވެސް، އެ އަދަދު ދުވާލަކު 300 ޓަނަށް އިތުރުކުރުމުގެ މަސައްކަތް ކުރެވެމުންދާކަމަށް އޭނާ ވިދާޅުވި އެވެ.

އަދި މިފްކޯގައި މިހާރު ހުރި 9،000 ޓަނުގެ ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ 25،000 ޓަނަށް ބޮޑުކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، މި ބަދަލުތަކާއެކު ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ކުރިއަށް އޮތް ތަނުގައި އިތުރު ދިރުމެއް ލިބިގެންދާނެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.