މިނިސްޓަރު ވިދާޅުވީ، އަންނަ މަސްވެރިންގެ ދުވަހާ ދިމާކޮށް، ޑިސެމްބަރު މަހުގެ ތެރޭގައި އެ ރަށަށް މަސް ގަންނަން ފަށައި، އޮޕަރޭޝަންތައް ރަސްމީކޮށް ފަށާނެކަމުގެ ޔަގީންކަން އެ ކުންފުނިން ދީފައިވާ ކަމަށެވެ.

އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި ތ. ފުނައްޑޫއަށް މަސް ގަންނަން ފެށޭނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޝިޔާމް ވިދާޅުވީ، ފުނައްޑޫ އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތް މިހާރު އަމިއްލަ ކުންފުންޏަކާ ހަވާލުކުރެވިފައިވާ ކަމަށެވެ.
ނަމަވެސް އެއީ ކޮން ކުންފުންޏެއްކަން މިނިސްޓަރު ހާމަކުރައްވާފައެއް ނުވެ އެވެ.
މިނިސްޓަރު ވިދާޅުވީ، އަންނަ މަސްވެރިންގެ ދުވަހާ ދިމާކޮށް، ޑިސެމްބަރު މަހުގެ ތެރޭގައި އެ ރަށަށް މަސް ގަންނަން ފަށައި، އޮޕަރޭޝަންތައް ރަސްމީކޮށް ފަށާނެކަމުގެ ޔަގީންކަން އެ ކުންފުނިން ދީފައިވާ ކަމަށެވެ.
ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ ވެރިކަމުގައި، ތ. ތިމަރަފުށްޓާ ދާދި ކައިރީގައި އޮންނަ ފުނައްޑޫގައި މަސް ބަންދުކުރާ ކާރުހާނާއެއް ހެދުމަށް އެ ރަށް ދޫކުރީ ކުރީގެ ހޯމް މިނިސްޓަރު އަދި ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ތަސްމީން އަލީގެ ހިއްސާ އޮންނަ ކުންފުންޏަކަށެވެ.
ފުނައްޑޫ ޓޫނާ ޕްރޮޑަކްޓްސް އިން ނަގާފައިވާ ލޯނެއް ނުދެއްކުމުގެ ސަބަބުން، ލޯނާއި އިންޓަރެސްޓާއެކު 200 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުދެއްކިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެ ރަށް ނެގި އެވެ.
ބީއެމްއެލް އިން އެ ރަށް ވިއްކާލުމަށް 2013 އަދި 2014 ވަނަ އަހަރު އިއުލާނު ކުރި ނަމަވެސް ގަންނާނެ ބަޔަކު ނުވި އެވެ.
އޭގެފަހުން މާޗް 2022 ގައި އެ ފެކްޓްރީ ސަރުކާރަށް ގަނެ، އަލުން އޮޕަރޭޝަނަށް ގެނައުމަށްޓަކައި މިފްކޯއާ ހަވާލުކުރި ނަމަވެސް، މި ސަރުކާރު ވެރިކަމާ ހަވާލުވިއިރުވެސް އެތަން އޮޕަރޭޝަނަށް ގެނެވިފައެއް ނުވެ އެވެ.