ލޯނުތައް ދެއްކުމަށް ޖުމްލަ 9.6 ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލޯނު ދެއްކުމަށް ޚަރަދުކުރި 3.9 ބިލިއަން ރުފިޔާއާ އަޅާބަލާއިރު ވަރަށް ބޮޑު އިތުރުވުމެކެވެ.

މިއަހަރުގެ މިހާތަނަށް ދައުލަތުގެ ބަޖެޓުން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ބޭރުގެ ލޯނުތައް އަދާކުރުމަށް ކަމަށާއި، މިދިޔަ އަހަރާ އަޅާބަލާއިރު ލޯނު ދެއްކުމަށް ކުރި ހޭދަ 146 އިންސައްތަ އިތުރުވެފައިވާކަން މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ އެންމެ ފަހުގެ 'ވިކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް' ރިޕޯޓު ދައްކާގޮތުން، 06 އޯގަސްޓް 2026 ގެ ނިޔަލަށް ދައުލަތުގެ ލޯނުތައް ދެއްކުމަށް ޖުމްލަ 9.6 ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލޯނު ދެއްކުމަށް ޚަރަދުކުރި 3.9 ބިލިއަން ރުފިޔާއާ އަޅާބަލާއިރު ވަރަށް ބޮޑު އިތުރުވުމެކެވެ. 2026 ވަނަ އަހަރަށް ލޯނު ދެއްކުމަށް ބަޖެޓުގައި ކަނޑައަޅާފައިވާ ޖުމްލަ އަދަދަކީ 12.9 ބިލިއަން ރުފިޔާއެވެ.
ލޯނު ދެއްކުމުގެ ޚަރަދުތައް ބޮޑުވެފައިވާއިރު، ދައުލަތުގެ ރިކަރަންޓް ޚަރަދުތައްވެސް ވަނީ އަހަރުން އަހަރަށް ބަލާއިރު 20.2 އިންސައްތަ އިތުރުވެ 23.9 ބިލިއަން ރުފިޔާއަށް މައްޗަށް ގޮސްފައެވެ. މީގެ ތެރޭގައި ސަބްސިޑީއަށް ކުރި ޚަރަދު 75.7 އިންސައްތަ އިތުރުވެ 3.2 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، އާސަންދައަށް ވަނީ 1.3 ބިލިއަން ރުފިޔާ ހޭދަކޮށްފައެވެ. މީގެ އިތުރުން ސަރުކާރު ހިންގުމާއި އިދާރީ ޚަރަދުތައް 26.3 އިންސައްތަ އިތުރުވެ 14.4 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ. އަދި އުމްރާނީ ތަރައްޤީއާއި އެހެނިހެން ކެޕިޓަލް ޚަރަދުތަކުގެ ގޮތުގައި 3.4 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
ޚަރަދުތައް އިތުރުވި ނަމަވެސް، ދައުލަތަށް ލިބުނު އާމްދަނީވެސް ވަނީ ބޮޑުތަނުން އިތުރުވެފައެވެ. އެގޮތުން ޓެކްސް އާމްދަނީން ލިބުނު ކުރިއެރުމާއެކު އޯގަސްޓް 6 ގެ ނިޔަލަށް ދައުލަތަށް ޖުމްލަ 26.5 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 24.2 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 9.3 އިންސައްތައިގެ ކުރިއެރުމެކެވެ. މީގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރާ ޓެކްސް އާމްދަނީ ވަނީ 18.7 ބިލިއަން ރުފިޔާއިން 20.5 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ.
މުދަލާއި ޚިދުމަތުން ނަގާ ޓެކްސް (ޖީ.އެސް.ޓީ): 10.5 ބިލިއަން ރުފިޔާ (މީގެ ތެރޭގައި ޓީ.ޖީ.އެސް.ޓީގެ ގޮތުގައި 7.1 ބިލިއަން ރުފިޔާ އަދި ޖީ.ޖީ.އެސް.ޓީގެ ގޮތުގައި 3.4 ބިލިއަން ރުފިޔާ ހިމެނޭ)
ވިޔަފާރީގެ ފައިދާއިން ނެގޭ ޓެކްސް: 5.3 ބިލިއަން ރުފިޔާ
ކޯޕަރޭޓް އިންކަމް ޓެކްސް: 2.7 ބިލިއަން ރުފިޔާ
އިމްޕޯޓް ޑިއުޓީ: 2.0 ބިލިއަން ރުފިޔާ
ގްރީން ޓެކްސް: 1.3 ބިލިއަން ރުފިޔާ
ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 5.5 ބިލިއަން ރުފިޔާ ލިބިފައިވާއިރު، އޭގެ ތެރޭގައި ހަރުމުދަލުން ލިބުނު 1.7 ބިލިއަން ރުފިޔާއާއި ސަރުކާރު ކުންފުނިތަކުގެ ޑިވިޑެންޑުގެ ގޮތުގައި ލިބުނު 483.1 މިލިއަން ރުފިޔާ ހިމެނެއެވެ. މީގެ އިތުރުން ހިލޭ އެހީގެ ގޮތުގައި ލިބުނު މިންވަރު ވަނީ ދެގުނަ އިތުރުވެ، 454.8 މިލިއަން ރުފިޔާއަށް އަރާފައެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން، މި މުއްދަތުގެ ނިޔަލަށް ދައުލަތުގެ އޯވަރޯލް ފިސްކަލް ބެލެންސް ހުރީ 792.8 މިލިއަން ރުފިޔާގެ ޑެފިސިޓެއްގައެވެ. ނަމަވެސް، ލޯނުތައް އަދާކުރުމަށް ހޭދަކުރި މިންވަރު ނުހިމަނައި ބަލާ ޕްރައިމަރީ ބެލެންސް ހުރީ 2.4 ބިލިއަން ރުފިޔާގެ ސަރޕްލަސްއެއްގައެވެ.