މި ފައިސާ ދޫކޮށްފައިވަނީ އެ ބޭންކުގެ 'އެނާޖީ ސެކިއުރިޓީ އެމަޖެންސީ އެސިސްޓެންސް ޕްރޮޖެކްޓް' ގެ ދަށުންނެވެ.

އޭޝިއަން ޑިވަލޮޕްމަންޓް ބޭންކް (އޭޑީބީ) އިން ރާއްޖެ އަށް 50 މިލިއަން ޑޮލަރު (771 މިލިއަން ރުފިޔާ) ގެ ލޯނެއް ދީފި އެވެ.
އޭޑީބީން އިއްޔެ ބުނީ ރާއްޖެ އަށް 50 މިލިއަން ޑޮލަރުގެ ލޯނެއް ދޭން ނިންމީ މެދުއިރުމަތީގައި ހިނގާ ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖޭގެ އިގުތިސާދަށް ކުރިމަތިވާ ދަތިތަކަށް ލުޔެއް ހޯދައިދީ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް އެހީވުމަށެވެ.
އެގޮތުން ކަރަންޓާއި ފެން އުފެއްދުމަށް ބޭނުންވާ ޑީސަލް އެތެރެ ކުރުމަށާއި ކާބޯތަކެއްޗާއި ބޭސްފަރުވާގެ ސާމާނު އުފުލުމަށް ބޭނުންވާ ތެޔޮ ގަންނަން އެ ފައިސާ ބޭނުން ކުރާނެ ކަމަށް އޭޑީބީން ބުންޏެވެ.
އޭޑީބީން ބުނި ގޮތުގައި ރާއްޖޭގައި ކަރަންޓު އުފެއްދުމަށް ބޭނުންކުރާ ހަކަތައިގެ 94 ޕަސެންޓަކީ ޑީސަލް އެވެ.
މެދުއިރުމަތީގެ ހަމަނުޖެހުންތަކާއެކު ދުނިޔޭގެ ތެލުގެ ބާޒާރުގެ އަގު އިންތިހާ އަށް އުފުލިފައިވީ ނަމަވެސް ރާއްޖޭގައި އަދިވެސް ތެޔޮ ވިއްކަނީ ހެޔޮ އަގުގަ އެވެ. އެއީ ބޮޑު އަގުގައި ގަތުމަށް ފަހު ބޮޑު އަދަދެއް ސަބްސިޑީ އަށް ހޭދަ ކޮށްގެންނެވެ.
އެ ގެއްލުންތަކުން އަރައިގަތުމަށް އޭޑީބީން އެހީވެފައިވާ އިރު މި ފަހުން ވޯލްޑް ބޭންކުން ވެސް ވަނީ ރާއްޖެ އަށް 40 މިލިއަން ޑޮލަރުގެ ލޯނެއް ދީފަ އެވެ.