ޑޮލަރު ފަހާ ދުވަން ނުކުންނަ ރުފިޔާ މަދެއް ނުވޭ

ވީކްލީ ފިސްކަލް ރިޕޯޓުން އެނގޭ ގޮތުގައި މި އަހަރު ޖުމްލަ ބަޖެޓުގެ ހަރަދު ހުރީ 36 ބިލިއަން ރުފިޔާގަ އެވެ. ނަމަވެސް މިދިޔަ އަހަރު މި އަދަދު ހުރީ 28 ބިލިއަން ރުފިޔާގަ އެވެ.

ފިނޭންސް މިނިސްޓަރު ޒަރީރު

ކޮންމެ މަހަކު ދައުލަތުން އާމްދަނީ ހޯދާ ގޮތުގެ އެންމެ ރީތި ތަސްވީރެއް ފެންނަނީ މަރުކަޒީ ބޭންކުގެ "ފައިނޭންޝަލް ޕޮޒިޝަން" އިންނެވެ. މި ހިސާބުަތައް ހާވާލުމުން ނިމިދިޔަ މަހު ސަރުކާރުން މާލީ އަހުލާގު ގެންގުޅުނު ގޮތް ސާފުވެ އެވެ. މިދިޔަ މަހުގެ ސްޓޭޓްމަންޓް އޮފް ފައިނޭންޝަލް ޕޮޒިޝަން ރިޕޯޓުން ފެންނަން އޮތް ހަގީގަތަކީ މިހާރު އިގްތިސޯދުގައި އޮތް އެންމެ ބޮޑު ނުތަނަވަސްކަމަށް ލުއިކަމެއް ގެންނާނެ އުޅުމެއް ފެންނާން ނެތް ކަމެވެ. މި ހިސާބުތަކުން ފެންނަނީ މަހުން މަހަށް ޑޮލަރު ފަހާ ދުވަން ނުކުންނަ ރުފިޔާގެ އަދަދު އިތުރު ވަމުންދާ ކަމެވެ. 

ޖުލައި މަހުގެ ފައިނޭންޝަލް ޕޮޒިޝަން ރިޕޯޓުގައިވާ ގޮތުން ބޭރު ފައިސާގެ މާލީ އެސެޓްސް ނުވަތަ ފޮރިން ކަރަންސީ ފައިނޭންޝަލް އެސެޓްސް ވަނީ ޖޫން މަހުގެ 12.9 ބިލިއަން ރުފިޔާގައި ހުރިނަމަވެސް ޖުލައި މަހު 12 ބިލިއަން ރުފިޔާއަށް ދަށްވެފަ އެވެ. ނަމަވެސް ދިވެހި ރުފިޔާގެ މާލީ އެސެޓްސް ނުވަތަ ލޯކަލް ކަރަންސީ ފައިނޭންޝަލް އެސެޓްސް ވަނީ ޖޫން މަހުގެ 15.7 ބިލިއަން ރުފިޔާއިން 18 ބިލިއަން ރުފިޔާއަށް މަތިވެފަ އެވެ. 

މި ބަދަލު އައި މައިގަނޑު ސަބަބަކީ ޓީބިލްގައި އިންވެސްޓްކޮށްފައިވާ އަދަދު އިތުރުވުމެކެވެ. މިގޮތުން ޖޫން 2026 ގެ ނިޔަލަށް ސަރުކާރުގެ ޓްރެޝަރީ ބޮންޑުގައި އިންވެސްޓްކޮށްފައިވަނީ 13.9 ބިލިއަން ރުފިޔާ އެވެ. ނަމަވެސް މިިދޔަ ޖުލައި މަހު މި އަދަދު ވަނީ 16.3 ބިލިއަން ރުފިޔާ އަށް އިތުރުވެފަ އެވެ. މިއީ ގާތްގަނޑަކަށް 2.4 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ. 

ދިވެހި ރުފިޔާގެ އެސެޓް އިތުރުވިނަމަވެސް ބޭރު ފައިސާގެ އެސެޓް ވަނީ ދަށްވެފަ އެވެ. މިކަން ދިމާވުމުގެ ސަބަބަކީ ނަގުދު ފައިސާ އާއި ބޭންކުތަކުގައި ހުރި ފައިސާ އަދި ކުރު މުއްދަތުގެ ލޯނުގެ ގޮތުގައި ހުރި ފައިސާގެ އަދަދު ވަރަށް ބޮޑަށް ދަށްވެފައި ވުމެވެ. ނަގުދު ފައިސާ އާއި ބޭންކުތަކުގައި ހުރި ފައިސާގެ ގޮތުގައި ޖޫން މަހުގެ ނިޔަލަށް 8.1 ބިލިއަން ރުފިޔާ ހުރިނަމަވެސް ޖުލައި މަހުގެ ނިޔަލަށް މި އަދަދު ވަނީ 7.4 ބިލިއަން ރުފިޔާއަށް ދަށްވެފަ އެވެ. 

ދިވެހި ރުފިޔާގެ އެސެޓް އިތުރުވުމުން ވާނީ ކިހިނެއް ؟

މި ރިޕޯޓުން ފެންނަ ގޮތުގައި ސަރުކާރުގެ ޓްރެޝަރީ ބޮންޑުތަކަށް އިންވެސްޓްކޮށްގެން ދިވެހި ރުފިޔާގެ އެސެޓްސް ބޮޑުތަނުން އިތުރުވުމަކީ މެކްރޯ-އިކޮނޮމިކް ގޮތުން ބޮޑެތި ގޮންޖެހުންތަކާ ދައުލަތް ކުރިމަތިވާނެ ކަމެކެވެ. 

ކުރިމަތިވެދާނެ މައްސަލަތައް

ތަކެތީގެ އަގު އުފުލުން - އިގްތިސޯދުގެ ތެރޭގައި ދައުރުވާ ދިވެހި ރުފިޔާގެ ނިސްބަތް ވަރަށް ބޮޑަށް އިތުރުވުމުން (އެކްސެސް ލިކުއިޑިޓީ) މުދަލާއި ހިދުމަތަށް އޮންނަ ޑިމާންޑު ބޮޑުވެ ތަކެތީގެ އަގު އުފުލިގެންދެ އެވެ.

ބޭރު ފައިސާގެ ރިޒާވަށް ކުރާ ޕްރެސަރު -  ރާއްޖެއަކީ އިމްޕޯޓަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ ގައުމަކަށް ވުމުން، މާކެޓުގައި ރުފިޔާ ގިނަވާ ވަރަކަށް އިމްޕޯޓުކުރާ މިންވަރު އިތުރުވެ، ޑޮލަރަށް އޮންނަ ޑިމާންޑު ބޮޑުވެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން މަރުކަޒީ ބޭންކުގެ ބޭރު ފައިސާގެ ރިޒާވް ހުސްވުމުގެ ބިރު ބޮޑުވެއެވެ.

ޑޮލަރުގެ ރޭޓް މަތިވުން - ރަސްމީ ރޭޓުގައި ބޭންކުތަކުން ބޭނުންވާ ވަރަށް ޑޮލަރު ލިބެން ނެތް ހާލަތެއްގައި، އިތުރުވާ ރުފިޔާ ބޭނުންކޮށްގެން ވިޔަފާރިތަކުން ކަޅު ބާޒާރުން ޑޮލަރު ހޯދަން މަސައްކަތް ކުރެއެވެ. މީގެ ސަބަބުން ޕެރެލަލް މާކެޓުގައި ޑޮލަރުގެ އަގު އިންތިހާއަށް އުފުލިގެންދެއެވެ.

ފައިސާގެ ގަތުމުގެ ބާރު ދަށްވުން - އިންފްލޭޝަނާއި ޑޮލަރުގެ އަގު އުފުލުމުގެ ސަބަބުން ދިވެހި ރުފިޔާގެ އަސްލު އަގު ވެއްޓި، އާންމު ރައްޔިތުންގެ ފޯރުންތެރިކަން ކުޑަވެގެންދެ އެވެ.

ބަޖެޓުން ހަރަދު ފެންނަ ގޮތް

ފިނޭންސް މިނިސްޓްރީން އެންމެފަހުން ނެރުނު ވީކްލީ ފިސްކަލް ރިޕޯޓް ދައްކާ ގޮތުން ޖުމްލަ ބަޖެޓުގެ ހަރަދު ހުރީ 36 ބިލިއަން ރުފިޔާގަ އެވެ. ނަމަވެސް މިދިޔަ އަހަރު މި އަދަދު ހުރީ 28 ބިލިއަން ރުފިޔާގަ އެވެ. އަދި ރިކަަރަންޓް ހަރަދުތައް މި އަހަރު 25 ބިލިއަން ރުފިޔާގައި ހުރިއިރު މިދިޔަ އަހަރު މިއަދަދު ހުރީ 21 ބިލިއަން ރުފިޔާގަ އެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.