ބައްސާރާއި އާއިލާގެ ބައެއް މެމްބަރުން މައްޗަށް މަރުގެ ހުކުމް އިއްވައިފި

ގާތްގަނޑަކަށް 14 އަހަރު ވަންދެން ކުރި ހަނގުރާމައިގެ ތެރޭގައި ހިންގާފައިވާޖަރީމާތަކާ ގުޅިގެން، ކުރީގެ ރައީސް ބައްޝާރުލް އަސަދާއި، އޭނާގެ ކޮއްކޮ މާހިރުލް އަސަދުގެ އިތުރުން ދެބެންގެދެދަރި އާތިފް ނަޖީބުގެ މަރަން ވަނީ ހުކުންކޮށްފަ އެވެ.

ބައްސާރު އަސަދު އަދި އާތިފް ނަޖީބު -- އޭޕީ ފޮޓޯ

ސޫރިޔާގައި ގާތްގަނޑަކަށް 14 އަހަރު ވަންދެން ކުރި ހަނގުރާމައިގެ ތެރޭގައި ހިންގާފައިވާ ބޮޑެތި ޖަރީމާތަކާ ގުޅިގެން، އެ ގައުމުގެ ކުރީގެ ރައީސް ބައްޝާރުލް އަސަދާއި، އޭނާގެ ކޮއްކޮ މާހިރުލް އަސަދުގެ އިތުރުން ދެބެންގެދެދަރި އާތިފް ނަޖީބުގެ މައްޗަށް މަރުގެ ހުކުމް އިއްވައިފިއެވެ.

ބައްޝާރުލް އަސަދު ވަނީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު ވެރިކަމުން ވައްޓާލުމާ ގުޅިގެން މިހާރު ރަޝިޔާގައި ހިމާޔަތް ހޯދައިގެން އުޅޭ ބައްޝާރުގެ މައްޗަށް ދިމިޝްގުގެ ކްރިމިނަލް ކޯޓުން ހުކުމް އިއްވާފައިވަނީ އޭނާގެ ޣައިރު ހާޒިރުގައެވެ. އޭނާގެ މައްޗަށް ސާބިތުވެފައިވަނީ ގަސްދުގައި މީހުން މެރުމާއި، އަނިޔާކުރުމާއި އަދި އިންސާނިއްޔަތާ ހިލާފު ޖަރީމާތައް ހިންގުމުގެ ކުށެވެ.

މާހިރުލް އަސަދު - ރަޝިޔާގައި މިހާރު ދިރިއުޅެމުންދާ ބައްޝާރުގެ ކޮއްކޮ މާހިރުލް އަސަދުގެ މައްޗަށްވެސް ގަސްދުގައި މީހުން މެރުމާއި އަނިޔާކުރުމުގެ ކުށް ސާބިތުވެ، އޭނާގެ ޣައިރު ހާޒިރުގައި ވަނީ މަރުގެ ހުކުމް އިއްވާފައެވެ.

އާތިފް ނަޖީބު - ސޫރިޔާގެ ދެރްއާ ޕްރޮވިންސްގެ ޕޮލިޓިކަލް ސެކިއުރިޓީގެ ކުރީގެ ވެރިޔާ އާތިފް ނަޖީބު ހައްޔަރުކޮށްފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުއެވެ. އިންސާނިއްޔަތާ ހިލާފު ޖަރީމާތައް ހިންގިކަން ސާބިތުވެ އޭނާގެ މައްޗަށް މަރުގެ ހުކުމް އިއްވިއިރު، އޭނާ ހުރީ ކުށްވެރިން ލާ ޔުނީފޯމުގައި ކޯޓުގެ ކޮށީގެ ތެރޭގައެވެ. އޭނާގެ މައްޗަށް ސާބިތުވި ކުށްތަކުގެ ތެރޭގައި 15 އަހަރުން ދަށުގެ ކުޑަކުދިން ގަސްދުގައި މެރުމާއި، މަރުވުމާ ހަމައަށް މީހުންނަށް އަނިޔާކުރުން ހިމެނެއެވެ. 2011 ވަނަ އަހަރު ދެރްއާގައި މުޒާހަރާކުރި މީހުންނާ ދެކޮޅަށް ހިންގި ލޭއޮހޮރުވުންތަކުގެ އިސްމީހަކީ ނަޖީބެވެ.

އިންތިގާލީ ސަރުކާރުގެ ފުރަތަމަ ބޮޑު ޝަރީއަތް

މިއީ ސޫރިޔާގެ އިންތިގާލީ ސަރުކާރުން ކުރީގެ ސަރުކާރުގެ އިސްވެރިންނާ ދެކޮޅަށް މިއަހަރު ޝަރީއަތް ހިންގަން ފެށިފަހުން އިއްވި މިފަދަ ފުރަތަމަ ހުކުމެވެ.

މައްސަލަ ބެއްލެވި ފަނޑިޔާރު ފަޚްރުއްދީން އަލް-އަރްޔާން ވިދާޅުވީ، ހެކިންގެ ބަޔާންތަކުން ބައްޝާރަކީ މި ޖަރީމާތައް ހިންގުމުގައި އެންމެ އިސްކޮށް ގޮތްނިންމި ފަރާތްކަން ސާބިތުވާ ކަމަށެވެ. އަދި އޭނާ ވަނީ މިކަންކަން ކުރުމަށްޓަކައި ދައުލަތުގެ މުއައްސަސާތައް ބޭނުންކޮށްފައި ކަމަށްވެސް ފަނޑިޔާރު ފާހަގަކުރެއްވިއެވެ.


އަލްޖަޒީރާ އިން ދިމިޝްގުގައި ހުރެ ރިޕޯޓުކުރި ގޮތުގައި، މި ހުކުމުގެ ސަބަބުން ސޫރިޔާގެ ރައްޔިތުންނަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެންދާނެއެވެ. މިއީ އެތައް ޒަމާނެއް ވަންދެން އެމީހުންގެ ދަރިންނަށް އަނިޔާކޮށް، ގެދޮރުން ބޭރުކޮށް އަދި މުޖުތަމައުތައް ހަލާކުކޮށްލި މީހުންނަށް ހައްގު އަދަބު ލިބިގެންދާތަން ދެކެން ރައްޔިތުން ކުރަމުން އައި އިންތިޒާރުގެ ނިމުމެވެ.

މި ހުކުމަކީ ބައްޝާރުގެ ވެރިކަމުގައި ޖަރީމާތައް ހިންގި އެހެނިހެން ފަރާތްތަކުގެ މައްޗަށްވެސް ޝަރީއަތް ހިންގުމަށް ހުޅުވިގެންދިޔަ ވަރަށް މުހިންމު ގާނޫނީ މަގެއް ކަމަށް ރިޕޯޓަރުން ވަނީ ފާހަގަކޮށްފައެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.