މި ބަދަލަކީ ޓޫރިޒަމް ސިނާއަތުގައި މަސައްކަތް ކުރާ ޖަމިއްޔާތަކުންވެސް ކުރިން އެދުނު ބަދަލެކެވެ. މި ބަދަލުގެ ސަބަބުން މާރުކުރާ އަދަދު 100 މިލިއަން ޑޮލަރުވަރު އިތުރު ވެގެންދާނެ އެވެ.

ރާއްޖޭގެ މާލީ ނިޒާމަށް ވަންނަ ބޭރު ފައިސާގެ މިންވަރު އިތުރުކުރުމުގެ މަގުސަދުގައި، ޓޫރިޒަމް ސިނާއަތުގައި ހަރަކާތްތެރިވާ ހުރިހާ ރިސޯޓުތަކުން ވެސް ކޮންމެ މަހަކު ލިބޭ ޖުމްލަ އާމްދަނީގެ 20 ޕަސެންޓް މާރުކުރަން ލާޒިމުކޮށް މާރުކުރަން ޖެހޭ ގޮތަށް، ބަދަލު ކުރަން ހުށަހަޅަން ތައްޔާރު ވެއްޖެ އެވެ.
މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ބޭރު ފައިސާއާ ބެހޭ ގާނޫނަށް އާ ބަދަލާއެކު ގާނޫނުގެ ދަށުން "ކެޓެގަރީ އޭ" ގައި ހިމެނޭ ރިސޯޓުތަކަށް މިހާރު ދީފައި އޮންނަ ހާއްސަ އިހުތިޔާރު އުވާލާނެ އެވެ. މިހާރު އުސޫލު އޮންނަ ގޮތުން ނަމަ ރިސޯޓުތަކަށް އާމްދަނީގެ 20 ޕަސެންޓް މާރުކުރުމުގެ ބަދަލުގައި، ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރުގެ ރޭޓުން ފައިސާ މާރުކުރުމުގެ ފުރުސަތު ވެސް އޮވެ އެވެ.
ނަމަވެސް މި އިހުތިޔާރުގެ ސަބަބުން ބޮޑެތި އަދި އަގުބޮޑު ރިސޯޓުތަކުން ބޭނުންކުރަމުން އަންނަނީ 500 ޑޮލަރުގެ ރޭޓުން ފައިސާ މާރުކުރުމުގެ އޮޕްޝަނެވެ. އަދި 20 ޕަސެންޓުން މާރުކުރަން ޖެހެނީ އާމްދަނީ ދަށް ކުދި ރިސޯޓުތަކަށެވެ. މީގެ ސަބަބުން ނިޒާމަށް ވަނަން ޖެހޭ ބޮޑު އަދަދެއް ނުލިބެ އެވެ. މިއީ ޓޫރިޒަމް މައި ޖަމިއްޔާތަކުން ވެސް ހުށަހެޅި ބަދަލެކެވެ. މި ބަދަލު ގެންނަން އަނެއް ސަބަބަކީ މީގެ ސަބަބުން ހަމަހަމަކަން ކުޑަވުމެވެ.
އެމްއެމްއޭއިން ވަނީ ގާނޫނަށް މި އިސްލާހު ގެންނަން އެޓާނީ ޖެނެރަލްގެ ލަފާ ހޯދަން ހުށަހަޅާފަ އެވެ.
އެމްއެމްއޭއިން އަންދާޒާކުރާ ގޮތުގައި މި ބަދަލުގެ ސަބަބުން ރާއްޖޭގެ ބޭންކުތަކަށް އަހަރެއްގެ މައްޗަށް އިތުރަށް 100 މިލިއަން ޑޮލަރު ވަންނާނެ އެވެ.
ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު ޓޫރިޒަމް ދާއިރާއިން 5.6 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނު ނަމަވެސް، އޭގެ ބޮޑު ބައެއް ރާއްޖޭގެ ބޭންކިން ސިސްޓަމަށް ނުވަންނަކަން ފާހަގަ އެވެ. ބޭންކިން ނިޒާމަށް ވަތްކަމަށް ދައްކަނީ އެންމެ 3.5 ބިލިއަން ޑޮލަރެވެ.
މި ބަދަލު ގެނައި ނަމަވެސް ރަށު ޓޫރިޒަމްގެ ގެސްޓްހައުސްތައް ހިމެނޭ "ކެޓެގަރީ ބީ" އަށް ގާނޫނުން އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެ އެވެ. އަދި ޓޫރިޒަމް ފިޔަވައި ޑޮލަރުން އާމްދަނީ ލިބޭ އެހެނިހެން ވިޔަފާރިތައް ހިމެނޭ "ކެޓެގަރީ ސީ" އިން ޑޮލަރު މާރުކުރަން ޖެހޭ އާމްދަނީގެ ތްރެޝްހޯލްޑް ވަނީ 15 މިލިއަނުން 25 މިލިއަން ޑޮލަރަށް މަތިކުރަން ނިންމާފަ އެވެ.
މި ބަދަލު ގެންނަ ސަބަބަކީ ކޮންސްޓްރަކްޝަން އަދި ޓެލެކޮމް ފަދަ ދާއިރާތައް ހިމެނޭ މި ކެޓެގަރީގައި މިހާރުވެސް ފައިސާ މާރުކުރަނީ 12 ވަރަކަށް ކުންފުނިން ކަމަށްވާއިރު، މި ބަދަލުގެ ސަބަބުން ޖުމްލަކޮށް މާރުކުރެވޭ ޑޮލަރުގެ އަދަދަށް އުނިކަމެއް ނާންނާނެ އެވެ. މީގެ އިތުރުން ދިވެހި ވިޔަފާރިތަކަށް ލުއި ދިނުމުގެ ގޮތުން ޑޮލަރު މާރުކުރަންޖެހޭ ނިސްބަތް ހަތް ޕަސެންޓަށް ކުޑަކޮށްދިނުމުގެ އިހުތިޔާރުވެސް އިސްލާހުގައި ހިމަނާފައިވެ އެވެ.
އެމްއެމްއޭއިން ވަނީ މީގެ އިތުރުން "ޑިޕޮސިޓް ރިކުއާމެންޓް" މޮނިޓާކުރުމަށްޓަކައި ރާއްޖޭގައި ބޭނުންކުރާ ބޭރު ބޭންކުތަކުގެ ޕީއޯއެސް މެޝިންތަކުން ހިންގާ މުއާމަލާތްތަކުގެ ފައިސާ ދިވެހިރާއްޖޭގެ ބޭންކް އެކައުންޓަކަށް ޖަމާވާން ޖެހޭގޮތަށް ހެދުމަށް "ނެޝަނަލް ޕޭމެންޓް ސިސްޓަމް" ގެ ގާނޫނަށްވެސް ބަދަލު ގެންނަން ވަނީ ނިންމާފައެވެ. މީގެ އިތުރުން، ރާއްޖޭގައި ހިނގާ ހުރިހާ އޮންލައިން މުއާމަލާތްތަކެއް އެއްވިއުގައަކުން މޮނިޓާކުރުމަށްޓަކައި "ނެޝަނަލް ސްވިޗެއް" ލޯންޗުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ވެސް އެމްއެމްއޭއިން ނިންމާފައިވެ އެވެ. މިކަމަށް މަގު ފަހިކުރުމަށްޓަކައި ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް މިހާރު ހުށަހަޅާފައިވާއިރު، މި ސިސްޓަމް ގާއިމުވުމުން ހުރިހާ މުއާމަލާތްތަކެއްގެ މައުލޫމާތު ވަރަށް ފުރިހަމަ އަށް ބެލެހެއްޓިގެންދާނެ އެވެ.