އިހުސާން ވިދާޅުވީ، ފުލުހުންނާއި އަވަށްޓެރި ގައުމުތަކުގެ އެހީތެރިކަމާ އެކު ކުރިއަށްގެންދިޔަ ތަހުގީގުން ސާފުވި ގޮތުގައި އަލިފާން ރޯވާން މެދުވެރިވީ ކަރަންޓު ވައިރިންގަށް ދިމާވި މައްސަލައަކުން ކަމަށެވެ.

ސަރުކާރުގެ ދެ މިނިސްޓްރީއަކާއި މާލެ ސިޓީ ކައުންސިލްގެ ބައެއް އޮފީސްތައް ހިންގަމުން އައި ޓިނު ބިލްޑިންގާއި އެ ތަނާ ޖެހިގެން ހުންނަ ގްރީން ބިލްޑިންގުގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާގެ ތަހުގީގު ނިމިފައިވާ ކަމަށާއި، އެއީ ގަސްދުގައި ރޯކޮށްލައިގެން ހިނގި ހާދިސާއެއް ނޫން ކަން ސާބިތުވެފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ހުސެއިން ޒިޔާދު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން އިހުސާން ވިދާޅުވީ، ފުލުހުންނާއި އަވަށްޓެރި ގައުމުތަކުގެ އެހީތެރިކަމާ އެކު ކުރިއަށްގެންދިޔަ ތަހުގީގުން ސާފުވި ގޮތުގައި އަލިފާން ރޯވާން މެދުވެރިވީ ކަރަންޓު ވައިރިންގަށް ދިމާވި މައްސަލައަކުން ކަމަށެވެ.
އަދި ހާދިސާ ހިނގި ވަގުތު އެންމެ ފުރަތަމަ އެ ސަރަހައްދަށް ދިޔަ ފުލުހުންގެ ބޮޑީކެމް ފުޓޭޖްތަކުން ވެސް އެކަން ކަށަވަރުވާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ފުލުހުންގެ ބޮޑީކެމް ވީޑިއޯއިން އެންމެ ފުރަތަމަ އަލިފާން ރޯވެފައިވަނީ ސީލިންގަނޑު ތެރޭގައި ހުރި އެއާކޯނުތަކެއްގެ ވައިރުތަކެއްގައި ކަން ސާބިތުވެ އެވެ.
އެހެންކަމުން މިއީ ބަޔަކު ގަސްދުގައި ރޯކޮށްލައިގެން ހިނގި ހާދިސާއެއް ނޫން ކަން ތަހުގީގުން ސާފުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޑިސެމްބަރު 2024 ގައި ހިނގި މި ހާދިސާގައި ޓިނު ބިލްޑިންގުގައި ރޯވި އަލިފާންގަނޑު ފެތުރިގެން ގޮސް އެންވަޔަރުމެންޓް މިނިސްޓްރީ ހިންގި ގްރީން ބިލްޑިންގަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.
ހައުސިން މިނިސްޓްރީއާއި ކޮންސްޓްރަކްޝަން މިނިސްޓްރީ ހިންގި ޓިނު ބިލްޑިންގާއި ގްރީން ބިލްޑިންގް ބޭނުންނުކުރެވޭ ވަރަށް އަނދައިގެން ދިޔުމާ ގުޅިގެން، އެ ތިން މިނިސްޓްރީގެ މަސައްކަތްތައް ވަގުތީ ގޮތުން މިހާރު ކުރިއަށްގެންދަނީ ދަރުބާރުގޭގަ އެވެ.