ފޭސްބުކް މާކެޓް ޕްލޭސް | ސްކޭމަރުންގެ އާ އައްޑާ

އެންޓި ސްކޭމް ސެންޓަރަށް ހުށަހެޅުނު 1093 މައްސަލައަކީ ފޭސްބުކް މާކެޓް ޕްލޭސް މެދުވެރިކޮށް މީހުންގެ އަތުން ފައިސާ ފޭރިގެންފައިވާ މައްސަލަތައް

ފޭސްބުކް މާކެޓް ޕްލޭސްގައި ފްރިޖެއް ޖަހައިގެން ވިއްކާލިތާ ހަފްތާއެއް ފަހުން ފޯނެއް އައެވެ. ވާހަކަ ދެއްކި މީހާ ބުނި ގޮތުގައި އޭނާއަކީ ފްރިޖު ގަތް މީހާގެ ބޭބެ އެކެވެ. އެ ފްރިޖު ބޭނުން ކުރަން ފެށިތާ ހަފްތާއެއް ނުވަނީސް ކުއްލިއަކަށް ހަލާކުވި ކަމަށާއި އެއްގޮތަކަށް ވެސް ކަރަންޓު ނާންނަ ކަމަށް އޭނާ ބުންޏެވެ. އެއްވެސް ލަހެއް ނުކޮށް އޭނާ ބޭނުންވީ ވަގުތުން ރީފަންޑެވެ.

"ކުޑަ އެއްޗެއް ވިޔަސް އޯކޭ. މިވަގުތު 2000 އެއް ވަރު ޖަމާކޮށްލަދީ." އޭނާ ބުންޏެވެ.

އެ ފައިސާ ޖަމާކުރުމުގެ ބަދަލުގައި ފްރިޖު ބަލައި ގެއަށް އައި މީހުންގެ ނަމްބަރު ހޯދައިގެން ގުޅައި އޮޅުން ފިލުވި އިރު، އޭގައި އެއްވެސް މައްސަލައެއް ނެތެވެ. ކުރިން ގުޅި ނަމްބަރުން ދެއްކި ވާހަކައެއް ދިމައެއް ނުވެ އެވެ. އެއީ ދަންނަ މީހެއް ވެސް ނޫން ކަމަށް ފްރިޖު ގަތް މީހާ ބުންޏެވެ.

ކަމުގެ ހަގީގަތް އޮޅުން ފިލުވައި ދަންނަ ފުލުހެއް ކައިރީ އަހައިލުމުން ބުނީ "ތިވާނީ ޖަލުން އައި ކޯލެއް" ކަމަށެވެ.

މިފަދަ ހާދިސާއެއް އެހެން މީހަކަށް ވެސް ދިމާވި އެވެ؛

ފޭސްބުކް މާކެޓް ޕްލޭސް އިން އެއްޗެއް ގަންނަން އުޅުމުން އެ ވިއްކި މީހާ އެދުނީ މުދާ ރިޒާވް ކުރަން އެޑްވާންސްކޮށް ފައިސާއެއް ޖަމާ ކުރުމަށެވެ.

ފައިސާ ޖަމާ ކުރި ހިސާބުން އެ މީހާ ގެއްލިއްޖެ އެވެ. ނަމްބަރަކަށް ވެސް ނުގުޅެ އެވެ. ސްކޭމެއްގެ މަޅިއެއްގައި ޖެހުނީ އެވެ.

ފަހަކަށް އައިސް މިފަދަ އެތައް ޝަކުވާއެއް ފޭސްބުކް މާކެޓް ޕްލޭސް އާ ގުޅޭ ގޮތުން ކުރަމުން އަންނަ އިރު، ފުލުހުން އިއްޔެ އާންމުކުރި ތަފާސްހިސާބުން އޮތީ އަސްލު މަންޒަރު ފެންނާށެވެ.

ސްކޭމަރުންގެ އާ އައްޑާއަކީ އެތައް ދިވެހިންނެއް މުދާ ގަނެވިއްކުމަށް ބޭނުންކުރާ ފޭސްބުކް މާކެޓް ޕްލޭސެވެ.

މާކެޓްޕްލޭސުން 1000 ވުރެ ގިނަ ކޭސް

ފުލުހުން ބުނި ގޮތުގައި އެންޓި ސްކޭމް ސެންޓަރަށް ހުށަހެޅުނު 3000 މައްސަލައިގެ ތެރެއިން 1093 އަކީ ފޭސްބުކް މާކެޓް ޕްލޭސް މެދުވެރިކޮށް އޮޅުވާލައިގެން މީހުންގެ އަތުން ފައިސާ ފޭރިގެންފައިވާ މައްސަލަތަކެވެ. ސްކޭމަރުން ދެވަނަ އަށް އެންމެ ގިނައިން ބޭނުން ކުރާ ޕްލެޓްފޯމަކީ ވައިބަރެވެ. ވައިބާ މެދުވެރިކޮށް ހިންގި 911 ސްކޭމްގެ މައްސަލައެއް ފުލުހަށް ވަނީ ހުށަހަޅައިފަ އެވެ.

ސްކޭމަރުން ބޭނުންކުރާ އިތުރު ޕްލެޓްފޯމްތައް:

  •  ފޭސްބުކް - 158
  •  ފޯނުން ގުޅައިގެން - 135
  •  އައި-ބޭ - 120
  •  ޓެލެގްރާމް - 100
  •  ވަޓްސްއެޕް - 91
  •  އިންސްޓަގްރާމް - 58
  •  ޓިކްޓޮކް - 39

ފުލުހުން ބުނި ގޮތުގައި މަކަރާއި ހީލަތުން ފައިސާ ހޯދުމަށް އެންމެ ގިނައިން ބޭނުންކޮށްފައި ވަނީ އޮންލައިންކޮށް ވިޔަފާރިކުރުމުގެ ނަމުގައި ހިންގާ އީ-ކޮމާސް ސްކޭމްތަކެވެ. މިފަދަ 1,478 މައްސަލައެއް ވަނީ ރިޕޯޓު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މީގެ އިތުރުން ޑޮލަރު މާރުކުރުމުގެ ނަމުގައި ހިންގި 540 ސްކޭމްގެ މައްސަލަ އާއި އެކި ފަރާތްތަކުގެ ނަމުގައި މީހުންނަށް އޮޅުވާލައިގެން ހިންގި 439 މައްސަލަ ރިޕޯޓު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ސްކޭމް ކުރަން ދެއްކި ސަބަބުތައް

  •  އޮންލައިން ވިޔަފާރި - 1478
  •  ޑޮލަރު މާރުކުރަން - 540
  •  އިމްޕާސިނޭޓް ކޮށްގެން - 439
  •  އިންވެސްޓު ކުރަން - 113
  •  ވިޝިން ސްކޭމް - 103
  •  ހުއްދަ ނެތް ޓްރާންސެކްޝަނަކުން - 133
  •  ފޭކް ލިންކެއް ފޮނުވައިގެން - 40

ސްކޭމް ކޯލް ކޮށްގެން މީހުންގެ އަތުން އެތައް ފައިސާއެއް ފޭރޭ އިރު ފުލުހުން ބުނި ގޮތުގައި އެ މުއައްސަސާއަށް ހުށަހެޅުނު ފުރަތަމަ 3000 މައްސަލައިގައި އާންމުންގެ އަތުން 35,144,703.32ރ. ވަނީ ގެއްލިފަ އެވެ. އޭގެ ތެރެއިން މިހާތަނަށް އަނބުރާ ހޯދާފައި ވަނީ 13,296,072.51ރ. ކަމަށް ފުލުހުން ބުންޏެވެ.

ފައިސާ ގެއްލުން 1196 ކޭސްއެއް ތަހުގީގު ކުރުމަށް ފަހު އެއްކޮށް ފައިސާ ރިކަވާ ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އެއްބައި ފައިސާ ރިކަވާ ކުރެވުނީ 279 މައްސަލައެއްގައި ކަމަށާއި ބާކީ އަދި ރިކަވާ ނުވާ ކަމަށް ފުލުހުން ބުންޏެވެ.

މާކެޓް ޕްލޭސް މެދުވެރިކޮށް ސްކޭމް ހިންގި މައްސަލަތައް އިތުރުވަމުން އަންނަ އިރު މި އަހަރު ފެބްރުއަރީ މަހު ފުލުހުން ވަނީ އެ މައްސަލާގައި މީހަކު ވެސް ހައްޔަރު ކޮށްފަ އެވެ. އޭނާ ހައްޔަރު ކުރީ ފޭސްބުކް މެދުވެރިކޮށް މުދާ ވިއްކާނެ ކަމަށް ބުނެ އޮޅުވާލައިގެން މީހެއްގެ އަތުން ފައިސާ ހޯދައި، އެ ފައިސާ އެހެން މީހެއްގެ އެކައުންޓަށް ޖަމާކުރުވައިގެން ނަގާފައިވާ މައްސަލައާ ގުޅިގެންނެވެ. 

އޭނާ ހައްޔަރު ކުރުމަށް ފަހު ކޭޝް ކާޑުތަކަކާއި، ސިމް ކާޑުތަކަކާއި، މޯބައިލް ފޯނުތަކެއްގެ އިތުރުން ދިވެހި ރުފިޔާއާއި ޑޮލަރު އޭނާގެ އަތުން ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.