ބިން އަތުލެވޭ ބިލާ ދެކޮޅަށް ޕެޓިޝަނެއް، 700 އަށް ވުރެ ގިނަ ސޮއި

އެ ބިލު އަނބުރާ ގެންދަން ގޮވާލާފައިވާ އިރު މަޖިލީހުން މިއަދު ވަނީ ބިލު ބަލައިގަންނަން ނިންމައިފަ

ތުޅާދޫ ދާއިރާގެ މެންބަރު އަބްދުﷲ ހަންނާން އަބޫބަކުރު --

ސަރުކާރުން ބޭނުންވެއްޖެ ނަމަ ރަށްރަށުގެ ބިންތައް ކައުންސިލުން އަތުލުމުގެ ބާރު ލިބޭ ގޮތަށް މަޖިލީހަށް ހުށަހަޅާފައިވާ ބިލް އަނބުރާ ގެންދަން ގޮވާލާ ޕެޓިޝަނެއްގައި ސޮއި ކުރަން ފަށައިފި އެވެ.

ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލްހަންނާނު ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހަށް މަޖިލީހުގައި މިއަދު ބަހުސް ކުރުމަށް ފަހު ވަނީ ބަލައިގަންނަން ފާސްކޮށްފަ އެވެ.

ކޮމަނާސް ޖަމިއްޔާގެ ރައީސް މިދުއަމް ސައުދު ހުށަހަޅާފައިވާ އީ-ޕެޓިޝަންގައި ބުނެފައި ވަނީ ހަންނާން ހުށަހެޅި އިސްލާހުގެ އާހިރު ނަތީޖާ އަކަށް ވެގެންދާނީ ކައުންސިލަރުންގެ ބާރު ކެނޑި އެ ބާރު ވަޒީރުންގެ މަޖިލީހަށް ލިބުން ކަމަސެވެ. 

މީގެ އިތުރުން ކެބިނެޓުގެ ނިންމުންތަކާ ދެކޮޅު ހަދާކަމަށް ބުނެ ކައުންސިލަރުންނަށް ފިޔަވަޅު އަޅަން ފުރުސަތު އެ ބިލުން ލިބޭ ކަމަށާއި ރައްޔިތުންގެ ފަރާތުން ކަންކަމުގައި ބަސްބުނުމުގެ ހައްގުވެސް ހަނިވެގެންދާ ކަމަށް އެ ޕެޓިޝަންގައި ބުނެފައިވެ އެވެ.

އެހެންކަމުން އެ ބިލު އަނބުރާ ގެންދިޔުމަށް ޕެޓިޝަންގައި ވަނީ ގޮވާލައިފަ އެވެ.  

އެ ޕެޓިޝަންގައި ސޮއި ކުރި މީހުންގެ އަދަދު މިހާތަނަށް ވަނާީ 721 އަށް އަރައިފަ އެވެ. 

އެ ބިލުގައިވާ ގޮތުން ކައުންސިލްގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ބިމާއި ތަންތަނުގައި ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އެތަންތަން ކައުންސިލްގެ އިހްތިސާސުން ވަކި ކުރުމަށް ވަޒީރުންގެ މަޖިލީހަށް ނިންމިދާނެ އެވެ.

އެފަދަ ނިންމުމެއް ވަޒީރުންގެ މަޖިލީހުން ނިންމުމުން ކަމާބެހޭ ގައުމީ އިދާރާ އިން ކައުންސިލަށް އެކަން އެންގުމުން އެ ބިމެއް ނުވަތަ ތަނެއް ކައުންސިލްގެ މިލްކިއްޔަތުން ވަކިވެ ދައުލަތުގެ ފުރިހަމަ ބާރު ހިނގާ ބިމާއި ތަންތަން ކަމުގައި ވެގެންދާނެ ކަމަށް އެ ބިލުގައި ބުނެފައިވެ އެވެ.

ރަށެއް ނުވަތަ ސިޓީއެއްގެ ފިސްކަލް ޑިވަލޮޕްމަންޓް ޕްލޭން ފާސްކޮށް އަމަލުކުރަން ފެށުމުގެ ކުރިން ސަރުކާރުގެ ފަރާތުން ތަރައްގީގެ މަޝްރޫއެއް ކުރިޔަށް ގެންދިޔުމަށް ބިމެއް ހޯދުމަށް އެދޭ ހާލަތުގައި މަޝްރޫއުތަކަށް ބޭނުންވާ ބިން ކައުންސިލްތަކުން ހަވާލު ކުރަން ވާނެ ކަމަށް ވެސް ބިލުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން ސިޓީތަކާއި ރަށްރަށުގެ މަންފާ އަށް ސަރުކާރުން ކުރިޔަށް ގެންދަން ބޭނުންވާ މަޝްރޫއުތަކަށް އެ ކައުންސިލަކުން ފުރިހަމަ އަށް އެއްބާރުލުން ދޭން ޖެހޭނެ ކަމަށާއި އެކަމަށް ހުރަސް އެޅޭ ފަދަ ގޮތަކަށް އަމަލުކުރުން ނުވަތަ މަޝްރޫއުތައް ހުއްޓުވުމަށް މެދުވެރިވާ ފަދަ ނިންމުންތައް ނިންމައިގެން ނުވާނެ ކަމަށް ވެސް އެ ބިލުގައި ބުނެފައިވެ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.