ސައީދުގެ އިތުބާރު ނެތް މައްސަލަ؛ ޖަވާބުދާރީވާން ގަޑިއިރެއް

ކޮމިޓީން ފާސް ކުރީ ސައީދު ޖަވާބުދާރީވާން އަދި މެންބަރުން ބަހުސް ކުރަން 1 ގަޑިއިރު ދިނުމަށް

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ. --ފޮޓޯ: ރައީސް އޮފީސް

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރު ނެތް މައްސަލާގައި ޖަވާބުދާރީވާން އެއް ގަޑިއިރު ދިނުމަށް މަޖިލީހުގެ އާންމު ކޮމިޓީން މިއަދު ނިންމައިފި އެވެ.

އިކޮނޮމިކް މިނިސްޓަރުގެ މަގާމުން ސައީދު ވަކި ކުރުމަށް އިދިކޮޅު އެމްޑީޕީން މަޖިލީހަށް މައްސަލައެއް ހުށަހެޅީ މި މަހު 1 ގަ އެވެ.

އެކަމާ ގުޅޭ ގޮތުން މިއަދު ބޭއްވި މަޖިލީހުގެ އާންމު ކޮމިޓީގެ ބައްދަލުވުމުގައި ފޭދޫ ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމްދީދީ ހުށަހެޅުއްވީ މިނިސްޓަރު ޖަވާބުދާރީވުމަށް އެއް ގަޑިއިރުގެ ވަގުތެއް ދިނުމަށެވެ. އަދި އެ މައްސަލާގައި ބަހުސް ކުރަން މެންބަރުންނަށް ވެސް ގަޑިއިރެއް ދިނުމަށް އޭނާ ހުށަހެޅުއްވި އެވެ.

އެ ހުށަހެޅުމަށް ތާއީދުކޮށް ފާސްވެގެން ދިޔައީ ކޮމިޓީ އަށް ހާޒިރުވި މެންބަރުންގެ އިއްތިފާގުންނެވެ.

އެމްޑީޕީގެ 13 މެންބަރުން ސޮއި ކުރައްވައި ހުށަހެޅި ގަރާރުގައިވާ ގޮތުން ސައީދު ވަނީ މިނިސްޓަރެއްގެ މަސްއޫލިއްޔަތު އަދާ ކުރުމުގައި ސައީދު ގާނޫނުއަސާސީ އާ ހިލާފުވެފަ އެވެ. އަދި މަޖިލީހަށް ޖަވާބުދާރީވުމުގައި ވެސް އިހުމާލުވެފައިވާތީ އޭނާގެ މައްޗަށް އިތުބާރު ގެއްލިފައިވާ ކަމަށް އެ މައްސަލަގައި ބުނެފައިވެ އެވެ.

ސައީދަށް ތުހުމަތު ކުރައްވާ މައިގަނޑު ހަ މައްސަލައެއް އެ ގަރާރުގައި ވަނީ ފާހަގަ ކޮށްފަ އެވެ. އެއީ

ސައީދުގެ އިތުބާރު ނެތް ކަމަށް ހުށަހަޅާ ސަބަބުތައް

  • 1.ޑޮލަރުގެ އަގު ކަޅުބާޒާރުގައި ހުއްޓުމެއް ނެތި މައްޗަށް ގޮސް ތަކެތީގެ އަގު އިންތިހާ އަށް އުފުލުން.
  • 2.ދައުލަތުގެ މުދަލާއި ފައިސާ އަމާނާތްތެރިކަމާއެކު ނުބެލެހެއްޓުން.
  • 3.ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުމަށް ހުރަސް އެޅުން.
  • 4.ޕްރައިވެޓް ސެކްޓާ ހިމާޔަތް ކުރުމުގައި ފެއިލްވުން.
  • 5.އެސްއީޒެޑް ގާނޫނަށް ގެނައި އިސްލާހާއި ދައުލަތުގެ ސިޔާދަތަށް ނުރައްކާވުން.
  • 6.އިގްތިސާދީ މަލަމަތި ބަދަލު ކޮށްލާނެ ކަމަށް ބުނެ ސައީދު ތަފާތު ބިޔަ މަޝްރޫއުތަކެއް އިއުލާން ކުރެއްވި ނަމަވެސް މަޝްރޫއުތައް ހުއްޓިފައިވުން.

ގާނޫނުއަސާސީގައި ބުނާ ގޮތުން މިނިސްޓަރެއްގެ އިތުބާރު ނެތް ކަމަށް ފާސް ވާނީ މަޖިލީހުގެ އަގުލަބިއްޔަތުންނެވެ. ނަމަވެސް މިވަގުތު މަޖިލީހުގައި އޮތީ ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ ސުޕަ މެޖޯރިޓީ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.