މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ބިލު ބަލައިގެންފައިވަނީ އެކަމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 55 މެމްބަރުންގެ އިއްތިފާގުންނެވެ. އެ ބިލު ބަލައިގަތުމާ ދެކޮޅަށް 8 މެމްބަރަކު ވޯޓު ދެއްވި އެވެ.

ރަށްރަށުގެ ބިންތައް ކައުންސިލްގެ އިހްތިސާސުން ވަކިކޮށް ސަރުކާރަށް ނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ރައްޔިތުންގެ މަޖިލީހަށް ބަލައިގެންފި އެވެ.
ތުޅާދޫ ދާއިރާގެ މިނިވަން މެންބަރު އަބްދުލްހަންނާނު އަބޫބަކުރު އަމިއްލަ ގޮތުން ހުށަހަޅުއްވާފައިވާ ބިލުގައި ބުނެފައި ވަނީ ކައުންސިލްގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ބިމާއި ތަންތަނުގައި ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އެތަންތަން ކައުންސިލްގެ އިހްތިސާސުން ވަކި ކުރުމަށް ވަޒީރުންގެ މަޖިލީހަށް ނިންމިދާނެ ކަމަށެވެ.
އެފަދަ ނިންމުމެއް ވަޒީރުންގެ މަޖިލީހުން ނިންމުމުން ކަމާބެހޭ ގައުމީ އިދާރާ އިން ކައުންސިލަށް އެކަން އެންގުމުން އެ ބިމެއް ނުވަތަ ތަނެއް ކައުންސިލްގެ މިލްކިއްޔަތުން ވަކިވެ ދައުލަތުގެ ފުރިހަމަ ބާރު ހިނގާ ބިމާއި ތަންތަން ކަމުގައި ވެގެންދާނެ ކަމަށް އެ ބިލުގައި ބުނެފައިވެ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްދިޔަ ބަހުސްގައި، އެމްޑީޕީ މެމްބަރުން ވަނީ އެ ބިލާ ފާޅުގައި ދެކޮޅު ހައްދަވައިފަ އެވެ.
ކެންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވީ، އެ ބިލު ކަނޑައެޅިގެން ގާނޫނުއަސާސީ އާ ހިލާފު ކަމަށެވެ.
އަދި މި ސަރުކާރު ފެށުނީއްސުރެ ވެސް މަސައްކަތް ކުރަމުން ގެންދަނީ ލާމަރުކަޒީ ނިޒާމު ފުނޑުފުނޑުކޮށްލަން ކަމަށާއި މި އިސްލާހަކީ ވެސް އޭގެ ބޮޅެއް ކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ.
އޭނާ ވަނީ، ހަންނާން ފަދަ މިނިވަން މެމްބަރަކު ލައްވައި ބިލު ހުށަހެޅިޔަސް، މިކަމުގެ ފަހަތުގައި އޮތީ ސަރުކާރުކަމަށް ވެސް ވިދާޅުވެފަ އެވެ.
"އަޅުގަނޑު މި ދަންނަވަނީ މިނިވަން މެމްބަރަކު ލައްވައި ސަރުކާރުން ގަސްދުގައި މުޅި ލާމަރުކަޒީ ނިޒާމު މިހައިހިސާބަށް ވެސް މި ސަރުކާރު އައިއްސުރެ ފުނޑާލުމަށްޓަކައި ކުރަމުންދާ މަސައްކަތުގެ ތެރެއިން އަނެއްކާ ވެސް ހަމައެކަނި ކައުންސިލްތަކަށް ލިބިފައި އޮތް ބާރު ފުނޑުފުނޑު ކޮށްލުމަށްޓަކައި ލާމަރުކަޒީ ނިޒާމަށް ގެންނަ ބަދަލެކޭ،" މައުރޫފް ވިދާޅުވި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ބިލު ބަލައިގެންފައިވަނީ އެކަމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 55 މެމްބަރުންގެ އިއްތިފާގުންނެވެ. އެ ބިލު ބަލައިގަތުމާ ދެކޮޅަށް 8 މެމްބަރަކު ވޯޓު ދެއްވި އެވެ.
ބިލުގައިވާ ގޮތުން ރަށެއް ނުވަތަ ސިޓީއެއްގެ ފިސްކަލް ޑިވަލޮޕްމަންޓް ޕްލޭން ފާސްކޮށް އަމަލުކުރަން ފެށުމުގެ ކުރިން ސަރުކާރުގެ ފަރާތުން ތަރައްގީގެ މަޝްރޫއެއް ކުރިޔަށް ގެންދިޔުމަށް ބިމެއް ހޯދުމަށް އެދޭ ހާލަތުގައި މަޝްރޫއުތަކަށް ބޭނުންވާ ބިން ކައުންސިލްތަކުން ހަވާލު ކުރަން ވާނެ އެވެ.
މީގެ އިތުރުން ސިޓީތަކާއި ރަށްރަށުގެ މަންފާ އަށް ސަރުކާރުން ކުރިޔަށް ގެންދަން ބޭނުންވާ މަޝްރޫއުތަކަށް އެ ކައުންސިލަކުން ފުރިހަމަ އަށް އެއްބާރުލުން ދޭން ޖެހޭނެ ކަމަށާއި އެކަމަށް ހުރަސް އެޅޭ ފަދަ ގޮތަކަށް އަމަލުކުރުން ނުވަތަ މަޝްރޫއުތައް ހުއްޓުވުމަށް މެދުވެރިވާ ފަދަ ނިންމުންތައް ނިންމައިގެން ނުވާނެ ކަމަށް ވެސް އެ ބިލުގައި ބުނެފައިވެ އެވެ.
ކައުންސިލްތަކުގެ ބިންތައް ނެގުމުގެ ބާރު ސަރުކާރަށް ދޭ ގޮތަށް އިސްލާހެއް ހުށަހެޅި އިރު ތަރައްގީގެ މަޝްރޫއުތަކަށް ކައުންސިލްތަކުން އެއްބާރުލުން ނުދޭ މައްސަލަ ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ވަނީ އެކި ފަހަރުގެ މަތިން ފާހަގަ ކުރައްވައިފަ އެވެ.
ކައުންސިލް އިންތިހާބުގެ ތެރޭގައި ވެސް ސަރުކާރުގެ ފަރާތުން ދެއްކި އެންމެ ބޮޑު އެއް ޝަކުވާއަކީ ސަރުކާރުގެ އަގުލަބިއްޔަތު ނުލިބިއްޖެ ނަމަ މަޝްރޫއުތައް ހިންގަން ބޭނުންވާ ބިން ދޫކުރުން ފަދަ ކަންކަމަށް ކައުންސިލްތަކުން އެއްބާރުލުން ނުދިނުމެވެ.