ރާއްޖޭގައި މަސައްކަތްކުރާ ޑޮކްޓަރުންގެ 60 ޕަސެންޓަކީ އަދިވެސް ބިދޭސީން: ގީލާ

މިނިސްޓަރު ވިދާޅުވީ، ސިއްހީ ދާއިރާގައި ގިނައިން ބިދޭސީން ތިބުމުގެ ސަބަބުން، ޑޮކްޓަރަކު ވަޒީފާއިން ވަކިވެގެންދާ ހާލަތްތަކުގައި އެ މަގާމަށް އަލުން މީހަކު ހޯދުމަށް އިދާރީ ގޮތުން ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭ ކަމަށެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރު ގީލާ މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ. --ފޮޓޯ: މަޖިލީހުގެ އިދާރާ

ރާއްޖޭގައި ސިއްހީ ހިދުމަތް ފޯރުކޮށްދިނުމުގައި އަދިވެސް އެންމެ ބޮޑު ހިއްސާއެއް ކުރަނީ ބިދޭސީން ކަމަށާއި، މަސައްކަތްކުރާ ޑޮކްޓަރުންގެ 60 ޕަސެންޓަކީ ބިދޭސީން ކަމަށް ހެލްތު މިނިސްޓަރު ގީލާ އަލީ މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރަކު ކުރެއްވިސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ސިއްހީ ދާއިރާގައި ގިނައިން ބިދޭސީން ތިބުމުގެ ސަބަބުން، ޑޮކްޓަރަކު ވަޒީފާއިން ވަކިވެގެންދާ ހާލަތްތަކުގައި އެ މަގާމަށް އަލުން މީހަކު ހޯދުމަށް އިދާރީ ގޮތުން ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭ ކަމަށެވެ.

ސިއްހީ ދާއިރާގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، ސިއްހީ ދާއިރާގައި 12،000 އަށްވުރެ ގިނަ މީހުން ހިދުމަތްކުރާއިރު، އަތޮޅު ތެރޭގައި 7،000 އަދި މާލޭގައި 5،000 އަށްވުރެ ގިނަ މުވައްޒަފުން އެބަ ތިއްބެވެ.

އަދި ޖުމްލަ މުވައްޒަފުންގެ ތެރެއިން 3،400 އަށްވުރެ ގިނަ މީހުންނަކީ ބިދޭސީން ކަމަށް ގީލާ ވިދާޅުވި އެވެ.

"އުއްމީދުކުރަނީ އަޅުގަނޑުމެންގެ ސިއްހީ ހިދުމަތަކީ ގިނަ އަދަދެއްގެ ދިވެހިންނާ އެކު ފޯރުކޮށްދެވޭ ހިދުމަތެއް ކަމުގައި ވާންޖެހުން. އެކަމަށްޓަކައި މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގައި މިހާރު ވެސް ތަމްރީނުތައް ފޯރުކޮށްދެމުންދޭ. އަދި އުއްމީދުކުރަނީ ގިނަ އަދަދެއްގެ ދިވެހިން މި ކޯސްތަކަށް ކުރިމަތިލައި، މި ހިދުމަތަކީ ގިނަ އަދަދެއްގެ ދިވެހިންނާ އެކު ފޯރުކޮށްދޭ ހިދުމަތަކަށް ވުން،" އޭނާ ވިދާޅުވި އެވެ.

ސިއްހީ ދާއިރާގައި ދިވެހިންގެ އަދަދު އިތުރުކުރުމުގެ ގޮތުން ސަރުކާރުން ވަނީ ވަކި ދާއިރާތަކުން ބިދޭސީންނަށް ވޯކް ޕާމިޓު ދިނުން ހުއްޓާލުމަށް މުއްދަތުތަކެއް ކަނޑައަޅައިފަ އެވެ. 

އެގޮތުން، ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގަވާއިދަށް ހޯމް މިނިސްޓްރީން ގެނެސްފައިވާ އިސްލާހުގެ ދަށުން، ގަވާއިދަށް އަމަލުކުރަން ފަށާތާ ތިން އަހަރުގެ ތެރޭގައި ނަރުހުންގެ ކޯޓާތައް ބާތިލްކުރުމަށް ވަނީ ނިންމައިފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.