އެސެންޝަލް ކޮމޯޑިޓީސް ޕްރައިސް އިންޑެކްސް ދައްކާ ގޮތުން މި އަހަރުގެ ޖޫން މަހުން ޖުލައި މަހަށް މާލޭގެ އޯވަރޯލް އީސީޕީއައި ވަނީ %1.27 ދަށްވެފަ އެވެ.

އާއްމު ގޮތެއްގައި ބޭނުންކުރާ 96 މުދާ ހިމަނައިގެން އެކުލަވާލީ އަސާސީ މުދަލުގެ އަގަށް އަންނަ ބަދަލު ދައްކުވައިދޭ، އެސެންޝަލް ކޮމޯޑިޓީސް ޕްރައިސް އިންޑެކްސް (އީސީޕީއައި) ދައްކާ ގޮތުން ޖުލައި މަހު ތަކެތީގެ އަގުތައް ދަށްވެއްޖެ އެވެ.
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ނެރޭ ކޮންސިއުމާ ޕްރައިސް އިންޑެކްސް (ސީޕީއައި) ގެ ސަބް-އިންޑެކްސްއެއް ކަމަށްވާ އެސެންޝަލް ކޮމޯޑިޓީސް ޕްރައިސް އިންޑެކްސް (އީސީޕީއައި) ގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ޖޫން މަހުން ޖުލައި މަހަށް މާލޭގެ އޯވަރޯލް އީސީޕީއައި ވަނީ 1.27 ޕަސެންޓް ދަށްވެފަ އެވެ.
ޖުމްލަކޮށް ބަލާނަމަ ކާބޯތަކެތީގެ އަގުތައް ވަނީ 1.81 ޕަސެންޓް ދަށްވެފަ އެވެ. މީގެ ތެރޭގައި އެންމެ ބޮޑަށް އަގު ދަށްވެފައިވަނީ ތަރުކާރީގެ ބާވަތްތަކުންނެވެ. އަދި މޭވާގެ އަގުތައްވެސް ވަނީ 1.42 ޕަސެންޓް ދަށްވެފަ އެވެ.
ނަމަވެސް ކިރާއި، ބިސް އަދި ޑެއިރީ އުފެއްދުންތަކުގެ އަގު 0.95 ޕަސެންޓް އަދި ތެލާއި ފެޓްސްގެ ބާވަތްތަކުގެ އަގު 0.74 ޕަސެންޓް ވަނީ އުފުލިފަ އެވެ.

މި މުއްދަތުގައި ބުއިންތަކަށް ބޭނުންކުރާ ތަކެތީގެ އަގުތައް ވަނީ 0.35 ޕަސެންޓް އުފުލިފަ އެވެ. މީގެ ތެރޭގައި މޭވާއާއި ތަރުކާރީ ޖޫހުގެ އަގު 2.39 ޕަސެންޓަށް ބޮޑުވެފައިވާއިރު، ކޮފީގެ ބާވަތްތަކުގެ އަގު 0.30 ޕަސެންޓަށް ވަނީ ބޮޑުވެފަ އެވެ. އަދި ގޭހާއި ތެލުގެ ބައިގެ އަގުތަކަށް ބަދަލެއް އައިސްފައެއް ނުވެ އެވެ. އަދި އަމިއްލަ ސާފުތާހިރުކަމަށް ބޭނުންކުރާ ތަކެތި (ޕާސަނަލް ކެއާ) ގެ ބައިގައި ހިމެނޭ މި ތަކެތީގެ އަގުތައް ވަނީ 0.07 ޕަސެންޓް އުފުލިފަ އެވެ.
އީސީޕީއައި އާއި ސީޕީއައިގެ ތަފާތަކީ ކޮބާ ؟ - ސީޕީއައަކީ މިއީ އާންމު ރައްޔިތުން ދިރިއުޅުމުގައި ގަންނަ އަދި ބޭނުންކުރާ ގިނަ ބާވަތްތަކެއްގެ މުދަލާއި ޚިދުމަތުގެ (މިސާލަކަށް: ކުލި، ދަތުރުފަތުރު، ސިއްޙީ ފަރުވާ، ތަޢުލީމު) އަގަށް އަންނަ ބަދަލުތައް މުޅިއެކު މިންކުރާ މައިގަނޑު އިންޑެކްސް އެވެ. ނަމަވެސް އީސީޕީއަކ އަކީ މީގެ ތެރެއިން ހަމައެކަނި އެންމެ ޒަރޫރީ މުދަލުގެ އަގުތަކަށް އަންނަ ބަދަލުތައް މިންކުރުމަށް ވަކިން އެކުލަވާލާފައިވާ އިންޑެކްސްއެކެވެ. އީސީޕީއައިގެ ބާސްކެޓުގައި ހިމެނެނީ ކާބޯތަކެއްޗާއި، ބުއިންތަކާއި، ގޭހާއި އެހެނިހެން ތެޔޮ، އަދި އަމިއްލަ ސާފުތާހިރުކަމަށް ބޭނުންކުރާ ތަކެތި ހިމެނޭހެން ޖުމްލަ 96 ބާވަތެކެވެ. ސީޕީއައި އިން އާންމުކޮށް ބޭނުންކުރާ ފުޅާ ދާއިރާއެއްގެ މުދަލަކާއި ޚިދުމަތެއްގެ އަގުތައް ވަޒަންކުރާއިރު، އީސީޕީއައި އިން ޚާއްޞަކަން ދެނީ ދިރިއުޅުމަށް އެންމެ އަސާސީ އަދި ޒަރޫރީ މުދަލުގެ އަގުތައް އުފުލޭކަން ދުރާލާ ދެނެގަތުމަށެވެ.