އަމާން ޓަވަރުތައް ހުރި ސަރަހައްދު ސާފުކުރުމަށް އިއްޔެ ފެށި ހަރަކާތުގެ ތެރެއިން 670 ޓަނުގެ ކުނި މިހާތަނަށް އުކާލާފައިވާއިރު، އެ މަސައްކަތުގެ ބާކީ ބައި މިއަދު ފުރިހަމަ ކުރުމަށް ނިންމާފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުރިއަށްގެންދާ "މަދިރިން ރައްކާ" ކެމްޕޭނުގެ ދަށުން، ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އާ ގުޅިގެން "އަމާން" ޓަވަރުތައް ހިމެނޭ ސަރަހައްދު ސާފުކުރުމުގެ ބޮޑު ހަރަކާތެއް ކުރިއަށްގެންގޮސްފި އެވެ.
އެޗްޑީސީން ބުނީ މި ހަރަކާތަކީ އެ ސަރަހައްދުގައި ހުރި މަދިރި އާލާވާ ތަންތަން ނައްތާލައި، މަދިރީގެ ޒަރީއާއިން ރައްޔިތުންނަށް ދިމާވެފައިވާ ސިއްހީ ނުރައްކާތަކުން ސަލާމަތްކުރުމަށް ކުރިއަށްގެންދިޔަ ހަރަކާތެއް ކަމަށެވެ.
އެގޮތުން، މިއަދު ހެނދުނު ފެށި މި ހަރަކާތުގެ ދަށުން، އަމާން ދޯދި 11 އިން ފެށިގެން، 14 ވަނަ ޓަވަރު ހިމެނޭ ސަރަހައްދުގައި ހުރި ކުނިތައް އެކި ބާވަތްތަކަށް ވަކިކޮށް، އެ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
އަމާން ޓަވަރުތައް ހުރި ސަރަހައްދު ސާފުކުރުމަށް އިއްޔެ ފެށި ހަރަކާތުގެ ތެރެއިން 670 ޓަނުގެ ކުނި މިހާތަނަށް އުކާލާފައިވާއިރު، އެ މަސައްކަތުގެ ބާކީ ބައި މިއަދު ފުރިހަމަ ކުރުމަށް ނިންމާފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ.
ސާފުކުރުމުގެ ހަރަކާތް ނިންމުމަށްފަހު، އެ ސަރަހައްދު ހިތްގައިމު "ގްރީން ޒޯނަކަށް" ބަދަލުކުރުމަށް ވަނީ ނިންމާފަ އެވެ. އެގޮތުން، އެ ސަރަހައްދުގައި މަޑުކޮށްލައިގެން ތިބެވޭ ގޮތަށް ޖޯލިފަތިތަކާއި، ބައްތި ހަރުކުރުމުން، އެއީ އަމާން ޓަވަރުތަކުގެ ރައްޔިތުންނަށް ހިތްފަސޭހަ މާހައުލަކަށް ވެގެންދާނެ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.
މިއަދުގެ ހަރަކާތުގައި އަމާން ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުންގެ އިތުރުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)، މޯލްޑިވްސް ޕޮލިސް ސާވިސް އަދި މޯލްޑިވްސް އޯޝަން ޕްލާސްޓިކް އެލަޔަންސްގެ މުވައްޒަފުން ވަނީ ބައިވެރިވެފަ އެވެ.

މީގެ ކުރިންވެސް އަމާން ޓަވަރުތައް ހިމެނޭ ސަރަހައްދު ސާފުކުރުމުގެ ހަރަކާތްތައް އެފްޑީސީން ކުރިއަށް ގެންގޮސްފައިވެ އެވެ. "ފަހި ސާފުވެށި" ކެމްޕޭނުގެ ދަށުން މިހާތަނަށް ހިންގުނު ސާފުކުރުމުގެ ހަރަކާތްތަކުގައި އެ ސަރަހައްދުތަކުން ޖުމްލަ 5,040 ޓަނުގެ ކުނި ވަނީ އުކާލާފަ އެވެ. މިއީ ގާތްގަނޑަކަށް 670,320 ކޮތަޅުގެ ކުންޏެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، އޮކްޓޫބަރު 2025 އިން މާރިޗު 2026 އަށް ހިންގި ހަރަކާތުގައި 3,178 ޓަނުގެ ކުނި އުކާލެވިފައިވާއިރު، މިއަހަރުގެ މޭ އިން ޖޫން މަހަށް ކުރިއަށްދިޔަ ޕްރޮގްރާމްގައި 1,862 ޓަނުގެ ކުނި ވަނީ އުކާލާފަ އެވެ. މި މަސައްކަތްތަކަށް އެފްޑީސީގެ ބަޖެޓުން ޖުމްލަ 13.48 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.
"މަދިރިން ރައްކާ" ކެމްޕޭނަކީ، ހުޅުމާލޭގައި މަދިރި އާލާވުން ކޮންޓްރޯލުކޮށް، މަދިރީގެ ޒަރީއާއިން ޖެހޭ ބަލިތައް ނައްތާލުމަށް އެޗްޑީސީން އިސްނަގައިގެން ސިލްސިލާކޮށް ކުރިއަށްގެންދާ ހަރަކާތެކެވެ. އެގޮތުން އެ ހަރަކާތުގެ ދަށުން މީގެ ކުރިން ހުޅުމާލެތެރެ ސާފުކުރުމާއި، ރަށުތެރެ ފޮގް ކުރުމުގެ ހަރަކާތްތައް އެ ފަހަރުމަތިން ކުރިއަށް ގެންގޮސްފައިވެ އެވެ.