މިނިސްޓްރީން ބުނެފައި ވަނީ އެމީހުން ހޯދުމުގައި، ލިބެން ހުރި ހުރިހާ ވަސީލަތެއް ބޭނުންކުރަމުން ދާނެ ކަމަށެވެ.

މިދިޔަ ބުދަ ދުވަހުގެ ރޭ ލާމު އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ދަތުރުކުރި ސަޕްލައި ދޯންޏެއް ދިޔަވެ، އަޑިއަށް ދަނިކޮށް، އެ ދޯނި ސަލާމަތްކުރަން އުޅުމުގެ ތެރޭގައި ކަނޑަށް ގެއްލުނު ސިފައިންގެ މީހާ އާއި، ފުލުހަކާއި އެ ދޯނީގެ ކައްޕި ހޯދުމުގެ އޮޕަރޭޝަނަށް ބޭރުގެ އެހީ ހޯދަން މަސައްކަތް ކުރަމުންދާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.
ހިލައާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރަމުން ދިޔަ އެ ސަޕްލައި ދޯނީގައި އެ ދޯނީގެ ކައްޕި، މުހައްމަދު ހަމްދޫން ހިމެނޭހެން އަށް މީހުން ދަތުރުކުރި އެވެ. އެކަން ރިޕޯޓު ކުރުމުން ވަގުތުން ސިފައިންނާއި ފުލުހުން އެ ސަރަހައްދަށް ގޮސް ކުރި މަސައްކަތުން އެ އުޅަނދުގައި ތިބި ހަތް ފަޅުވެރިން ވަނީ ސަލާމަތްކޮށްފަ އެވެ.
ގެއްލުނު ތިން މީހުން ތިބީ ދޯނީގެ ވަތަށް ފައިބައި، ދިޔަ ހިއްކުމުގެ މަސައްކަތުގަ އެވެ. ނަމަވެސް ދޯންޏަށް އެރި ބިޔަ ރާޅަކާއެކު ދޯނި ބަންޑުން ޖަހައިލީ އެވެ. އޭގެ ފަހުން އެ ތިން މީހުންގެ ހަބަރެއް ނުވެ އެވެ.
ފޮރިން މިނިސްޓްރީން ރޭ ބުނީ، މިވަގުތު އެންމެ އިސްކަމެއް ދެނީ ގެއްލުނު ތިން މީހުން ހޯދުމަށް ކަމަށެވެ. އަދި މިހާރު ހިނގަމުންދާ ސާޗް އޮޕަރޭޝަނަށް އިތުރު އެހީތެރިކަމާއި ޓެކްނިކަލް ސަޕޯޓް ހޯދުމަށް ބޭރުގެ ގައުމުތަކާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށާއި އޭގެ ތެރޭގައި އަޑިއަށް ދިޔަ އުޅަނދު ހޯދުމުގެ މަސައްކަތް ވެސް ހިމެނޭ ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނެފައި ވަނީ އެމީހުން ހޯދުމުގައި، ލިބެން ހުރި ހުރިހާ ވަސީލަތެއް ބޭނުންކުރަމުން ދާނެ ކަމަށެވެ.
ގެއްލުނު މީހުން ހޯދަން ހިންގާ ސާޗް އޮޕަރޭޝަނުގައި މިހާތަނަށް ވައިގެ މަގުން 6112 އަކަ ނޯޓިކަލް މޭލު ބަލައިފައިވެ އެވެ. އަދި ކަނޑުމަގުން 1370.10 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށް އެމްއެންޑީއެފުން ރޭ ބުނެފައިވެ އެވެ.