ޑރ. މަހާތީރު، މެލޭޝިއާ ޑޮލަރުގެ ކާރިސާއިން ސަލާމަތް ކުރެއްވި ގޮތް

އެހެން ގައުމުތައް އައިއެފްއެފްގެ ޕްރޮގްރާމަށް ދިޔަނަމަވެސް މަހާތީރު އެކަން ގަބޫލެއް ނުކުރެއްވި އެވެ. މީގެ ބަދަލުގައި ހައްލު ގެނެސްދެއްވީ އެތެރޭގެ ބާޒާރުންނެވެ. މަސައްކަތް ކާމިޔާބު ކުރަން ތަޖުރިބާކާރުންގެ ލަފާ އެއްސެވި އެވެ.

މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު މަހާތީރު މުހައްމަދު -- އޭޕީ ފޮޓޯ

ރާއްޖޭގެ މާލީ ދާއިރާގައި ބަސްވިކޭ ބޭފުޅަކާއެކު އިއްޔެ ވަގުތުކޮޅެއް ހޭދަކޮށްލީމެވެ. އެ ބޭފުޅާގެ މައިގަނޑު ވާހަކައަކީ ރާއްޖެ އަށް ދިމާވެފައިވާ ޑޮލަރުގެ މައްސަލައެކެވެ. އެކަމުގެ ހައްލަށް ކުރެވިދާނެ ކަންތައްތަކެވެ. މި ވާހަކައިގެ ތެރެއިން ތިލަވި އަނެއް ވާހަކައަކީ ރާއްޖޭން ޑޮލަރު ބޭރުވުން ގިނަ ކަމެވެ. އިހަކަށްދުވަހަކުވެސް ރާއްޖޭގައި ހަރަކާތްތެރިވާ ބޭރުގެ ބޭންކްއަކުން އެތައް މިލިއަން ޑޮލަރެއްގެ "ބަލްކް" ޕޭމަންޓެއް ރާއްޖޭން ބޭރުކޮށްފި އެވެ. ބޭންކްތަކުން ވެސް ބޭނުން ވަރަކަށް ބޭރުކުރަނީ އެވެ. ދިވެހިންގެ އަތުގައި ރާއްޖޭގައި ހުރި ޑޮލަރުގެ އެއްވެސް ކޮންޓްރޯލެއް ހަގީގަތުގައި ނެތެވެ. ނަމަވެސް އެހެން ގައުމުގަތަކުގައި އިގްތިސޯދީ ގޮތުން މުށްބާރު ކުރަން ޖެހޭ ވަގުތުތަކުގައި އެ މީހުންގެ "ކެޕިޓަލް ކޮންޓްރޯލް" ނުވަތަ ރައުސްމާލު ކޮންޓްރޯލްކުރުގެ ސިޔާސަތުތައް ތަންފީޒު ކުރި އެވެ. މީގައި ދުނިޔެ ދަންނަ އެންމެ މަޝްހޫރު މިސާލަކީ "1997 ގެ މާލީ ކާރިސާ އާއި މެލޭޝިއާގެ ތަޖުރިބާ" އެވެ.

ތައިލެންޑުން ފެށިގެން މުޅި އޭޝިއާ އަށް ފެތުރުނު މާލީ ކާރިސާގައި ސަރަހައްދުގެ ގިނަ ގައުމުތަކުން އައިއެމްއެފްގެ އެހީއަށް އެދި "ނާށިގަނޑު" ދިއްކުރި އެވެ. އެ ފަރާތުގެ ހަރުކަށި އުސޫލުތަކަށް ބޯލެނބި އެވެ. ނަމަވެސް މެލޭޝިއާގެ އޭރު ބޮޑުވަޒީރުކަމުގައި ހުންނެވި ޑރ. މަހާތީރު މުހައްމަދު އިހްތިޔާރުކުރެއްވީ މުޅިން ތަފާތު މަގެކެވެ. އެ މަނިކުފާނު ވަނީ އައިއެމްއެފްގެ އެހީއަށް ފުރަގަސްދެއްވައި ގައުމުން ޑޮލަރު ބޭރުވުން ހުއްޓުވުމަށް 'ކެޕިޓަލް ކޮންޓްރޯލް' ގެ ފިޔަވަޅު ތަކެއް އަޅުއްވައި މެލޭޝިއާގެ ފައިސާ (ރިންގިޓް) ގެ އަގު އެމެރިކާ ޑޮލަރާ ގުޅުވާލައްވާފަ އެވެ. 

ސްޕެކިއުލޭޝަން އިންވެސްޓަރުންގެ އިތުބާރު ގެއްލުވާލި

ކާރިސާގެ ކުރިން މެލޭޝިއާގެ އިގްތިސާދީ ދުވެއްޔާއި ބޭންކިން ނިޒާމު އޮތީ ވަރަށް ރަނގަޅަށެވެ. އެހެންނަމަވެސް، ޕްރޮޕަޓީ އަދި ސްޓޮކް މާކެޓަށް އިންތިހާ އަށް ލޯނު ދޫކުރުމުގެ ސަބަބުން އުފެދިފައި އޮތް 'އެސެޓް ބަބުލް' އާއި، ބޭރުގެ އިންވެސްޓަރުންގެ ފައިސާއަށް އިޤުތިސާދު މާބޮޑަށް ބަރޯސާވެފައި އޮތުމަކީ އޭރު ފޮރުވިފައި އޮތް ވަރަށް ބޮޑު ނުރައްކަލެކެވެ.  މިކަން ގޯސްވީ ތައިލެންޑުގެ ފައިސާގެ އަގު ވެއްޓުމާއެކު އުފެދުނު ބިރުވެރިކަމުގައި ބޭރުގެ އިންވެސްޓަރުން މެލޭޝިއާގެ މާކެޓުން ފައިސާ ނެރެން ފެށުމެވެ. މީގެ އިތުރުން، ބައިނަލްއަޤުވާމީ ސްޕެކިއުލޭޓަރުންނަށް (ހާއްސަކޮށް ޖޯޖް ސޯރޯސް އަށް) މަހާތީރު ރައްދުކުރެއްވި ހަރުކަށި ބަސްފުޅުތަކުގެ ސަބަބުން އިންވެސްޓަރުންގެ އިތުބާރު ގެއްލި ރިންގިޓްގެ އަގާއި ސްޓޮކް މާކެޓް އިންތިހާއަށް ވެއްޓިގެން ދިޔައެވެ.

ކާރިސާގެ ކުރީކޮޅު މާލީ ވަޒީރު އަންވަރު އިބްރާހީމް މަސައްކަތްކުރެއްވީ އައިއެމްއެފްގެ ވިސްނުމާ އެއްގޮތަށް ޚަރަދު ކުޑަކޮށް، އިންޓަރެސްޓް ރޭޓް މަތިކުރާށެވެ. ނަމަވެސް މިކަމުގެ ސަބަބުން ވިޔަފާރިތައް ބަނގުރޫޓުވެ، އިޤުތިސާދު އެއްކޮށް ހުއްޓުމަކަށް އައެވެ. މަހާތީރާއި އަންވަރާ ދެމެދު އުފެދުނު އިޤުތިސާދީ އަދި ސިޔާސީ ހިޔާލުތަފާތުވުންތަކުގެ ނަތީޖާއަކަށްވީ، މަހާތީރު އިޤުތިސާދީ ބާރުތައް އަމިއްލަފުޅު މުށުތެރެއަށް ގެންނަވައި އަންވަރު މަޤާމުން ދުރުކުރެއްވުމެވެ. މިއާއެކު އަންވަރު ހައްޔަރުކުރެވި، މެލޭޝިއާގެ މަގުމަތީގައި "ރިފޯމާސީ" ގެ ނަމުގައި ބޮޑެތި މުޒާހަރާތަކެއް ފެށިގެން ދިޔަ އެވެ.

1998 ގައި ކެޕިޓަލް ކޮންޓްރޯލް

މަހާތީރު ގެންނެވި ހައްލުގެ އެންމެ މުހިންމު އަދި އެންމެ އިންޤިލާބީ ބަޔަކީ 1، ސެޕްޓެމްބަރު 1998 ގައި އިޢުލާންކުރި ރައުސްމާލު ކޮންޓްރޯލްކުރުމުގެ ސިޔާސަތުތަކާއި ފައިސާގެ އެކްސްޗޭންޖް ރޭޓް ފިކްސް ކުރުމުގެ ސިޔާސަތެވެ.މި ފިޔަވަޅުތަކުގެ މައިގަނޑު މަޤްސަދަކީ މެލޭޝިއާގެ މަނިޓަރީ ސިޔާސަތު ބޭރުގެ ނުފޫޒުން މިނިވަންކުރުމާއި އޮފްޝޯ މާކެޓްތަކުގައި ސްޕެކިއުލޭޓަރުން ރިންގިޓް ބޭނުންކޮށްގެން ކުޅެމުންދިޔަ ކުޅިގަނޑު ހުއްޓުވުމެވެ. ސެޕްޓެމްބަރު 2، 1998 ގައި މެލޭޝިއާ ސަރުކާރުން ނިންމީ 1 އެމެރިކާ ޑޮލަރަށް 3.80 ރިންގިޓްގެ ރޭޓެއް ކަނޑައަޅައި އެ ރޭޓުގައި ރިންގިޓް ފިކްސް ކުރުމަށެވެ. މި ރޭޓަކީ ކޮންޓްރޯލްތައް ގެނައުމުގެ ކުރިން މާކެޓުގައި ރިންގިޓް ޓްރޭޑްވަމުން ދިޔަ އެންމެ ފަހުގެ ރޭޓެވެ. މިކަމުގެ ސަބަބުން އިމްޕޯޓްކުރާ ފަރާތްތަކަށާއި އެކްސްޕޯޓްކުރާ ފަރާތްތަކަށް ފައިސާގެ އަގާމެދު އޮތް ޔަޤީންކަން ނެތްކަން ނިމުމަކަށް އައިސް، ވިޔަފާރިތަކަށް ދިގު މުއްދަތުގެ ޕްލޭންތައް ހެދުމުގެ ފުރުސަތު ފަހިވެގެން ދިޔައެވެ. މީގެ އިތުރުން 3.80 ގެ ރޭޓަކީ ރިންގިޓްގެ އަސްލު އަގަށްވުރެ ދަށް ރޭޓަކަށް ވުމުން މެލޭޝިއާގެ އެކްސްޕޯޓްތައް ބައިނަލްއަޤުވާމީ ބާޒާރުގައި އަގުހެޔޮވެ އެކްސްޕޯޓް އިތުރުވުމަށް މަގުފަހިވެގެން ދިޔަ އެވެ.

މަހާތީރު ތަޢާރަފުކުރެއްވި ކޮންޓްރޯލްތަކަކީ ވަރަށް ފުޅާ ދާއިރާއެއްގައި އެކުލަވާލެވިފައިވާ އަދި ހާއްސަކޮށް އޮފްޝޯ މާކެޓްތަކުގައި ރިންގިޓް ބޭނުންކުރުން އެއްކޮށް ހުއްޓުވުމަށް އަމާޒުކުރެވިފައިވާ ފިޔަވަޅުތަކެކެވެ.

ބޭރުގެ އިންވެސްޓަރުން މެލޭޝިއާގެ ސްޓޮކް މާކެޓުގައި އިންވެސްޓްކޮށްފައިވާ ފައިސާ، އިންވެސްޓްކުރާ ތާރީޚުން ފެށިގެން އެއް އަހަރު ދުވަސް ވަންދެން ގައުމުން ބޭރުކުރުން މަނާކުރެވުނެވެ. މީގެ ބޭނުމަކީ ކުރު މުއްދަތުގެ ސްޕެކިއުލޭޓިވް ފައިސާ ކުއްލިއަކަށް ޤައުމުން ބޭރުވެގެން ދިޔަ ނުދިނުމެވެ. މި ފިޔަވަޅަކީ ބައިނަލްއަޤުވާމީ މުޖުތަމަޢުން އެންމެ ބޮޑަށް ފާޑުކީ އެއް ފިޔަވަޅު ނަމަވެސް، މީގެ ސަބަބުން ކެޕިޓަލް ފްލައިޓް ވަގުތުން ހުއްޓުނެވެ. ފަހުން ފެބްރުއަރީ 1999 ގައި މި އުސޫލު ވަނީ ލުއިކޮށްދީ، ގްރެޖުއޭޓެޑް އެގްޒިޓް ޓެކުހަކަށް ބަދަލުކުރެވިފަ އެވެ.

މެލޭޝިއާ އިން ބޭރުގައި ރިންގިޓް ޓްރޭޑްކުރުން މަނާކުރެވުނެވެ. އަދި ބައިނަލްއަޤުވާމީ ވިޔަފާރީގެ މުއާމަލާތްތައް ރިންގިޓުން ކުރުން މަނާކޮށް އެފަދަ ހުރިހާ މުޢާމަލާތެއް ބޭރު ފައިސާ އިން (މައިގަނޑު ގޮތެއްގައި ޑޮލަރުން) ކުރުމަށް މަޖުބޫރުކުރެވުނެވެ. މީގެ ސަބަބުން ސިންގަޕޫރު ފަދަ ޤައުމުތަކުގައި ހިންގަމުންދިޔަ އޮފްޝޯ ރިންގިޓް މާކެޓްތައް އެއްކޮށް ބަންދުވެ، ސްޕެކިއުލޭޓަރުންނަށް ރިންގިޓް ޝޯޓް-ސެލް ކުރުމުގެ ފުރުސަތު ބަންދުވި އެވެ. ޤައުމުން ބޭރަށް ދަތުރުކުރާ މީހުންނަށް ގިނަވެގެން ގެންދެވޭނީ 1,000 ރިންގިޓް ކަމަށް ކަނޑައެޅި އެވެ. އަދި ބޭރު ފައިސާއިން ނަމަ ގެންދެވޭނީ ގިނަވެގެން 10,000 ރިންގިޓާ އެއްވަރުގެ ޢަދަދެކެވެ. އަދި މެލޭޝިއާގެ ރަށްވެހިން ބޭރު ޤައުމުތަކުގައި އިންވެސްޓްކުރުމަށް ފައިސާ ބޭރުކުރާނަމަ ހާއްސަ ހުއްދައެއް ނަގަންޖެހޭ ގޮތަށް ހަމަޖެއްސި އެވެ. މެލޭޝިއާގެ ރަށްވެހިންނަށް ބޭރުގެ ފަރާތްތަކަށް ރިންގިޓުން ލޯނު ދޫކުރުން މަނާކުރެވުނެވެ. އަދި ބޭރުގެ ފަރާތްތަކުން ރިންގިޓުން ލޯނު ހޯދުން ވެސް މަނާކުރެވުނެވެ.

ފުރަތަމަ ފާޑުކި، ފަހުން ތައުރީފުކުރި

މަހާތީރުގެ މި ނިންމެވުންތަކަށް ފުރަތަމަ ކުރިމަތިވީ ވަރަށް ބޮޑެތި ފާޑުކިޔުންތަކެކެވެ. ބައިނަލްއަޤުވާމީ މާލީ އިދާރާތަކާއި ހުޅަނގުގެ މީޑިއާތަކުން ސިފަކުރި ގޮތުގައި މިއީ މެލޭޝިއާގެ އިޤުތިސާދު އެތައް އަހަރެއް ފަހަތަށް ސޮއްސާލައި ބޭރުގެ އިންވެސްޓަރުން މެލޭޝިއާ ދޫކޮށް ދިއުމަށް މެދުވެރިވާނެ، އަދި އިޤުތިސާދީ ގޮތުން އަމިއްލައަށް މަރުވުން ފަދަ ކަމެކެވެ. ގިނަ ފަރާތްތަކުން ޤަބޫލުކުރި ގޮތުގައި ކެޕިޓަލް ކޮންޓްރޯލަކީ އިޤުތިސާދީ ގޮތުން "ޓެބޫ" ނުވަތަ މަނާ މައުސޫޢެކެވެ. ނަމަވެސް މި ފިޔަވަޅުތައް އެޅުމުގެ ހަފްތާއެއްހާ ދުވަސް ކުރިން އެމެރިކާގެ މަޝްހޫރު އިޤުތިސާދީ މާހިރު (އަދި ފަހުން ނޯބެލް އިނާމު ހާސިލުކުރެއްވި) ޕްރޮފެސާ ޕޯލް ކްރޫގްމަން ވަނީ ފޯޗޫން މަޖައްލާގައި ލިޔުއްވި އާޓިކަލެއްގައި ރައުސްމާލު ކޮންޓްރޯލް ކުރުމަށް ގޮވާލައްވާފަ އެވެ.

ކްރޫގްމަންގެ މި ލިޔުމަކީ މެލޭޝިއާގެ ފިޔަވަޅުތަކަށް ލިބުނު ވަރަށް ބޮޑު އިލްމީ ތާޢީދެކަށްވި އެވެ. މީގެ ސަބަބުން ކެޕިޓަލް ކޮންޓްރޯލަކީ މަނާ އެއްޗެއްގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް އައެވެ. ސެޕްޓެމްބަރު 1 ގައި މަހާތީރު ކޮންޓްރޯލްތައް އިއުލާން ކުރެއްވުމާއެކު ކްރޫގްމަން ވަނީ މަހާތީރަށް "އޯޕަން ލެޓާ" އެއްލިޔުއްވައި މި ފިޔަވަޅުތައް ކާމިޔާބު ކުރުމަށްޓަކައި ވިސްނަންޖެހޭ 4 ނުކުތާއެއް ފާހަގަކުރައްވާފަ އެވެ. 

ފުރަތަމަ ކަމަކީ އާންމު ވިޔަފާރިތަކަށް ބުރޫނާރާނެހެން ކޮންޓްރޯލްތައް ތަންފީޒުކުރުމެވެ. ދެވަނަ ކަމަކީ މިއީ ދާއިމީ ކަމަކަށް ނަހަދައި ގިނަވެގެން ތިން އަހަރުގެ ވަގުތީ ފިޔަވަޅެއްގެ ގޮތުގައި ބޭއްވުމެވެ. ތިންވަނަ ކަމަކީ ފައިސާގެ އަގު މާ ބޮޑަށް މަތިކުރުމުގެ ބަދަލުގައި، އެކްސްޕޯޓަށް ފައިދާވާނެހެން ކޮމްޕެޓިޓިވް ރޭޓެއްގައި ހިފެހެއްޓުމެވެ. އަދި ހަތަރުވަނަ ކަމަކީ ކޮންޓްރޯލްތަކުގެ ނިވަލުގައި ތިބެ ލިބޭ ވަގުތުގެ ބޭނުން ހިފައި އިޤުތިސާދީ އިސްލާޙުތައް ގެނައުން ހުއްޓާނުލައި މާލީ ނިޒާމު ސާފުކުރުމުގެ މަސައްކަތް ހަލުވިކުރުމެވެ. މަހާތީރުގެ ސަރުކާރުން އަމަލުކުރީ ހަގީގަތުގައި ވެސް ކްރޫގްމަން ދެއްވި ލަފަޔާ އެއްގޮތަށެވެ. ކޮންޓްރޯލްތަކަކީ ވަގުތީ އެއްޗެއްކަން ސާބިތުކޮށްދީ ފެބްރުއަރީ 1999 ގައި ކޮންޓްރޯލްތަކަށް ލުއިދީ، ސެޕްޓެމްބަރު 1999 ގައި މައިގަނޑު ކޮންޓްރޯލްތައް އުވާލިއެވެ. މީގެ އިތުރުން ޑޮލަރަކަށް 3.80 ރިންގިޓް ކަނޑައެޅުމަކީ އެކްސްޕޯޓްކުރާ ފަރާތްތަކަށް ލިބުނު ވަރަށް ބޮޑު ފައިދާއެކެވެ. ސަބަބަކީ އެއީ ރިންގިޓްގެ އަސްލު އަގަށްވުރެ ދަށް ރޭޓަކަށް ވުމުންނެވެ.

މެލޭޝިއާގެ ކާމިޔާބީއަށްފަހުން އައިއެމްއެފުން އެއްބަސްވި

މަހާތީރުގެ ސްޓްރެޓެޖީގެ ކާމިޔާބީ އެންމެ ރަނގަޅަށް ވަޒަންކުރެވެނީ އައިއެމްއެފްގެ ޕްރޮގްރާމްތަކުގައި ބައިވެރިވި ސަރަހައްދުގެ އެހެން ގައުމުތަކާ މެލޭޝިއާގެ ނަތީޖާ އަޅާކިޔުމުންނެވެ. ތައިލެންޑް، އިންޑޮނޭޝިއާ އަދި ދެކުނު ކޮރެއާއިން އައިއެމްއެފްގެ ލޯނުތައް ނަގައި، އެ އިދާރާގެ ހަރުކަށި ޝަރުތުތަކާ އެއްގޮތަށް އަމަލުކުރިއެވެ. މެލޭޝިއާގެ އިޤުތިސާދު އަލުން ކޮޅަށްޖެހުންފެށުނީ އެހެން ޤައުމުތަކަށްވުރެ ކުޑަކޮށް ލަހުން ނަމަވެސް، ރިކަވަރީގެ ބާރުމިން ތައިލެންޑާއި އިންޑޮނޭޝިއާއަށްވުރެ މާ ބޮޑަށްވެސް ހަލުވިވެފައި ވަރުގަދައެވެ. އަދި 1999 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުން ފެށިގެން މެލޭޝިއާގެ އިޤުތިސާދު ވަނީ ވަރަށް އަވަސް ރިކަވަރީއެއް ފެނުނެވެ. ނަތީޖާއެއްގެ ގޮތުން 1999 ގައި އިގްތިސޯދު % 6.1 ގެ ކުރިއެރުމެއް ހޯދިއިރު 2000 ވަނަ އަހަރު %8.9 ގެ ކުރިއެރުމެއް ހޯދިއެވެ .މެލޭޝިއާ އަށްވުރެ އަވަހަށް އިޤުތިސާދީ ކުރިއެރުން ހޯދީ ހަމައެކަނި ދެކުނު ކޮރެއާއިންނެވެ. ނަމަވެސް ދެކުނު ކޮރެއާއާ ޚިލާފަށް މެލޭޝިއާއިން މި ކާމިޔާބީ ހޯދީ އައިއެމްއެފްގެ އެތައް ބިލިއަން ޑޮލަރެއްގެ ދަރަންޏަކާ ނުލަ އެވެ. އޭގެ ބަދަލުގައި މެލޭޝިއާއިން އިޤުތިސާދު ކޮޅަށްޖެހުމަށް ބޭނުންކުރީ އެތެރޭގެ ވަސީލަތްތަކެވެ. 

ސަރުކާރުން ބަޖެޓް ޑެފިސިޓްކޮށް، މާކެޓަށް ފައިސާ ނެރެ  އިޤުތިސާދީ ހަރަކާތްތައް އިތުރުކުރިއެވެ. މީގެ އިތުރުން މެލޭޝިއާގެ އެކްސްޕޯޓް ސެކްޓަރި ހާއްސަކޮށް 2000 ވަނަ އަހަރާ ދިމާކޮށް ދުނިޔޭގެ ބާޒާރުގައި އިލެކްޓްރޯނިކްސްއަށް އޮތް ޑިމާންޑް ބޮޑުވުމާއި "ޕާމް އޮއިލް" އަދި ޕެޓްރޯލިއަމްގެ އަގު ބައިނަލްއަޤުވާމީ ބާޒާރުގައި އުފުލުމަކީ މެލޭޝިއާގެ އިޤުތިސާދު ކޮޅަށްޖެހުމަށް ލިބުނު ވަރަށް ބޮޑު އެހީތެރިކަމެކެވެ. ފަހުން، 2003 ވަނަ އަހަރު އައިއެމއެފްގެ މެނޭޖިންގ ޑިރެކްޓަރ ހޯސްޓް ކޯލާ ވެސް ވަނީ މެލޭޝިއާއިން އެޅި ރައުސްމާލު ކޮންޓްރޯލްގެ ފިޔަވަޅުތައް މަސައްކަތްކުރިކަން އާންމުކޮށް އިޢުތިރާފުވެފަ އެވެ. މިއީ އައިއެމްއެފް ފަދަ އިދާރާއަކުން، އެމީހުންގެ ފަލްސަފާއާ އިދިކޮޅު ސިޔާސަތެއް ކާމިޔާބުވިކަން ޤަބޫލުކުރި މަދު ފަހަރުތަކުގެ ތެރެއިން ފަހަރެކެވެ. މިއިން ދައްކުވައިދެނީ މަހާތީރުގެ ޕޮލިސީ ޗޮއިސްތަކަކީ ހަމައެކަނި ސިޔާސީ ގޮތުން ނިންމެވި ނިންމެވުންތަކެއް ނޫން ކަމާއި އޭގައި އިގްތިސާދީ ގޮތުން ހަރުދަނާ ފަންތީގެ ނިންމުމެއް ކަމެވެ. 

ޑރ. މަހާތީރުގެ މި ފިޔަވަޅުތަކުން އެނގެނީ ބޭނުންވަނީ އެންމެ ކަމެކެވެ. އެއީ އިހުލާސްތެރި މަސައްކަތްތެކެވެ. އަދި ފޯކަސް މަސައްކަތް ތަކެވެ. ކަން ކުރަން ބޭނުންވުމެވެ. މައްސަލައިގެ ސަބަބުގައި ހިފުމެވެ. އެކަމަށް މަސައްކަތް ކުރުމެވެ. ކޮންމެހެން ރާއްޖޭގައި ކެޕިޓަލް ކޮންޓްރޯލް ކުރާކަށް ނުޖެހެ އެވެ. ބޭނުންވަނީ މިކަމަށް ކެރޭ މަސައްކަތްތަކެއް ކުރުމެވެ/ 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.