ގުދުރަތީ ގޮތުން ކިތަންމެ މުއްސަނދިނަމަވެސް މި ރަށް ހުޅުވާލީ އެންމެ 1,000,000 ޑޮލަރަށެވެ.

ރާއްޖޭގެ މާހައުލުން ފެންނަ އެންމެ ތަފާތު އަދި އެންމެ އަޖައިބު ކުރުވަނިވި އެއް ރަށް ކަމަށްވާ ށ. ނަލަންދޫގައި ޓޫރިޒަމް ފައްކާ ކުރަން ހުޅުވާލައިފި އެވެ.
ށ. އަތޮޅުގެ އުތުރުބިތުގައި އޮތް ގުދުރަތީ ޗާލުކަމާއި ތިމާވެށީގެ މުއްސަނދި މަޝްހޫރު ށ. ނަލަންދޫގައި ރިސޯޓެއް ތަރައްގީ ކުރަން ހުޅުވާލައިފި އެވެ. ކުރިން މެރިކަލްޗާގެ މަޝްރޫއުތައް ހިންގި އަދި އެފަދަ ރީތި މާހައުލެއް އޮތް މި ރަށް ޓޫރިޒަމަށް ހުޅުވާލަން ކުރި އިއުލާނުގައިވާ ގޮތުން ބޮޑުމިނުގައި 63.99 ހެކްޓަރު ހުންނަ މި ރަށް ހުޅުވާލީ 200 އެނދުގެ ރިސޯޓެއް ހަދާށެވެ.
ގުދުރަތީ ގޮތުން ކިތަންމެ މުއްސަނދިނަމަވެސް މި ރަށް ހުޅުވާލީ އެންމެ 1,000,000 ޑޮލަރަށެވެ.
މިހާރު ނޫހުގައި 2024 ގައި ޝާއިއުކުރި އާޓިކަލްއެއްގައިވާ ގޮތުން ތާރީހީ ބައެއް ފޮތްތަކުގައިވާ ގޮތުން މި ރަށުގެ އާދަޔާ ހިލާފު ވިލަކީ އަދި އޭރު ކިޔާ އުޅުނު ގޮތުން ނަމަ ކޯރަކީ، އުތީމުގެ ބޭފުޅުން ކަޅުއޮށްފުންމީގައި ފިއްލަވަން ވެސް ވަދެވަޑައިގެންނެވި ތަނެކެވެ.

ދިވެހި ސަރުކާރުގެ ގަދީމީ އާސާރާ ބެހޭ ކޮމެޓީގެ ފަރާތުން މަލިމް މުހައްމަދު ދީދީ (މަލިން މުހައްމައިދީ) މީގެ 80 ވަރަކަށް އަހަރު ކުރިން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކާއި ފަޅުރަށްތަކަށް ދަތުރެއް ކުރެއްވި އެވެ. އަދި އެ ކޮމެޓީގެ ފަރާތުން ދަތުރުގެ ޔައުމިއްޔާ އޭނާ ލިޔުއްވަމުން ގެންދެވި އެވެ. އެ ޔައުމިއްޔާއަށް ބަލައި އޭނާއަށް ފާހަގަކުރެއްވުނު ތަންތަނާއި ތަކެތީގެ މައުލޫމާތު ވުޒާރަތުއް ދާހިލިއްޔާގެ ފޮތްބައިގައި ލިޔެފައިވެ އެވެ. އެ ދަތުރުގައި އޭނާ ނަލަންދުއަށް ވެސް ވަޑައިގެންނެވި އެވެ. އެއީ ފެބްރުއަރީ 10، 1946 ގަ އެވެ.
"ވުޒާރަތުއް ދާހިލިއްޔާގެ ނަންބަރު 1"ގައި ނަލަންދުއާ ބެހޭ ގޮތުން ވަނީ ލިޔެފަ އެވެ.
"މި ރަށަށް ގޮސް ބެލިއިރު މި ކަޅުއޮށްފުންމި އައިގެން އުތީމު ބޭފުޅުން ވެދެވަޑައިގަތް ކަމުގައި ބުނެވޭ ކޯރުގެ ކަޑިންމާ އޮތީ މި ރަށުގެ ދެކުނު ކޮޅުން ހުޅަގުފަރާތަށް ފައިބަ އެވެ. ކަޑިންމައިގެ ތެރެއަށް މިހާރު ވެސް ބޮޑެތި މަސްދޯނި ފަހަރުގައި ބޮޑުދިޔާގައި ވަދެވޭނެ އެވެ،" އެ ފޮތުގައިވެ އެވެ.
މި ރަށަކީ މަސްވެރިކަމުގެ މަސައްކަތް ކުރަން 1999 ވަނަ އަހަރުން ފެށިގެން ދިގު މުއްދަތަކަށް ސަރުކާރުން އަމިއްލަ ފަރާތަކަށް ކުއްޔަށް ދޫކޮށްފައިވާ ރަށެކެވެ. އެ ފަރާތުން މި ރަށް މިހާރު ބޭނުންކުރަމުން އަންނަނީ ހުއިފިލަނޑާ ވިއްސައި އަލާކުރުމަށެވެ.