ޓޫރިޒަމް މިނިސްޓްރީން ބީލަމަށް ހުޅުވާލާފައިވާ ސަރަޙައްދުތަކާއި އެންމެ ކުޑަކޮށް ހުށަހެޅޭނެ ލީސް އެކުއިޒިޝަން ކޮސްޓުގައި ހދ. އަތޮޅުގެ އިތުރުން ލ. ފޮނަގާދޫ އާއި ސ. ދޮންހެރަ ހިމެނެ އެވެ.

އައްޑޫގައި ހަލާލް ޓޫރިޒަމް ތަރައްގީ ކުރަން ފަންޑު މެނޭޖުމަންޓުން ކުރިން އިއުލާނުކުރި ދޮންހެެރަ ހިމެނޭހެން، "ހަލާލު ޓޫރިޒަމް މޮޑެލް" ގެ ދަށުން ރިސޯޓު ތަރައްޤީކޮށް، ހިންގުމަށް ރާއްޖޭގެ ތިން ސަރަހައްދެއް ބީލަމަށް ހުޅުވާލައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން ބީލަމަށް ހުޅުވާލާފައިވާ ސަރަޙައްދުތަކާއި އެންމެ ކުޑަކޮށް ހުށަހެޅޭނެ ލީސް އެކުއިޒިޝަން ކޮސްޓުގައި ހދ. އަތޮޅުގެ އިތުރުން ލ. ފޮނަގާދޫ އާއި ސ. ދޮންހެރަ ހިމެނެ އެވެ.
ހދ. އަތޮޅު (މަކުނުދޫ ފަޅުން ބައެއް) - 200 ހެކްޓަރުގެ މި ސަރަޙައްދުގައި އެންމެ މަދުވެގެން 150 އެނދު ތަރައްޤީކުރަން ޖެހޭއިރު، އެންމެ ކުޑަ ލީސް އެކުއިޒިޝަން ކޮސްޓަކީ 1,269,000 އެމެރިކާ ޑޮލަރެވެ.
ލ. ފޮނަގާދޫ - 8.18 ހެކްޓަރުގެ މި ރަށުގައި އެންމެ މަދުވެގެން 100 އެނދު ތަރައްޤީކުރަން ޖެހޭއިރު، އެންމެ ކުޑަ ލީސް އެކުއިޒިޝަން ކޮސްޓަކީ 588,960 އެމެރިކާ ޑޮލަރެވެ.
ސ. ދޮންހެރަ (އަދި އިތުރު ކުޑަ ރަށެއް) - ޖުމްލަ 9.23 ހެކްޓަރުގެ މި ސަރަޙައްދުގައި އެންމެ މަދުވެގެން 100 އެނދު ތަރައްޤީކުރަން ޖެހޭއިރު، އެންމެ ކުޑަ ލީސް އެކުއިޒިޝަން ކޮސްޓަކީ 498,420 އެމެރިކާ ޑޮލަރެވެ.
މި ޕްރޮޖެކްޓްތަކަށް ޝައުޤުވެރިވާ ފަރާތްތަކުން 35,000 އެމެރިކާ ޑޮލަރުގެ ބިޑް ސެކިއުރިޓީއެއް ހުށަހަޅަންޖެހެއެވެ. ބީލަން ފޮތް ގަތުމުގެ ފުރުސަތު އަންނަ މަހުގެ 17 ވަނަ ދުވަހާ ހަމައަށް ހުޅުވާލެވިފައިވާއިރު، ބީލަން ފޮތުގެ އަގަކީ ދިވެހިންނަށް 1,500 ޑޮލަރު އަދި ބިދޭސީ ފަރާތްތަކަށް 2,000 ޑޮލަރެވެ. ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 18 ވަނަ ދުވަހުގެ ހެނދުނު 09:00 އެވެ. މިކަމާ ގުޅޭ ޕްރީ-ބިޑް ބައްދަލުވުންތައް އޮންނާނީ އަންނަ 09 ސެޕްޓެމްބަރު އަދި 14 އޮކްޓޯބަރު މަހު އޮންލައިން ކޮށެވެ.