ޔާމީން މި ވިދާޅުވަނީ ބަރުލަމާނީ އަށް ތާއީދުކުރުން ހުއްޓާލި ސަބަބު

މީގެ ކުރިން ތާއީދު ކުރެއްވީ އެ ނިޒާމުގައި ރަނގަޅު އުސޫލުތަކެއް ހުރުމުން ކަމަށާއި ނަމަވެސް މިހާރު ރާއްޖޭގެ ހާލަތަކަށް ނުފެތޭނެ ކަމަށް ޔާމީން ވިދާޅުވި

ފްރަންޓް އޮފީސް ޖަލްސާއެއްގައި ޔާމީން ވާހަކަ ދައްކަވަނީ--

ރާއްޖެ އަށް ބަރުލަމާނީ ނިޒާމް ގެންނަން ކުރިން ތާއީދު ކުރެއްވި ކަމަށް އެ ވިސްނުން ދޫކޮށްލާފައިވާ ކަމަށާއި އެ ނިޒާމް ރާއްޖޭގައި މިހާރު މަސައްކަތް ނުކުރާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ގާނޫނުއަސާސީ އިސްލާހު ކުރި އިރު ރާއްޖޭގައި އޮންނަން ފެންނަ ނިޒާމަކާ ގުޅޭ ގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގާފައި ވަނީ 2007 ވަނަ އަހަރެވެ. އޭރު މަޖިލިސް މެންބަރެއްގެ ގޮތުގައި ހުންނެވި ޔާމީން ތާއީދު ކުރެއްވީ ބަރުލަމާނީ ނިޒާމަށެވެ.

ގާނޫނުއަސާސީ އަށް 18 އަހަރު ފުރުމާ ގުޅިގެން "ސަންގު ޓީވީ" އަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ ބަރުލަމާނީ ނިޒާމަކީ ރަނގަޅު އުސޫލުތަކެއް ހުރި އަދި ރާއްޖެ އަށް ފައިދާ ވާނެ ނިޒާމެއް ކަމަށް މީގެ ކުރިން ގަބޫލު ކުރެއްވި ކަމަށެވެ.

ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ތެރެއަށް ފައިސާގެ ނުފޫޒު ވަނުމާއި މެންބަރުން ގައުމުގެ މަސްލަހަތަށް ވުރެ އަމިއްލަ މަސްލަހަތަށް މަސައްކަތް ކުރާތަން ފެނުނު ކަމަށާއި އެހެންވެ އެ ނިޒާމަށް ތާއީދު ކުރުން ހުއްޓާލެއްވި ކަމަށް ޔާމީން ވިދާޅުވި އެވެ.

"ބަރުލަމާނީ ނިޒާމަށް މިހާރު ތާއީދެއް ނުކުރަން. އެކަން ނުކުރާ ސަބަބަކީ އަޅުގަނޑޫ ގަބޫލު ކުރާ ގޮތުގައި މަޖިލިސް އޮތީ ސޭލްގައި. މެންބަރުން ގައުމުގެ ހައްގުގައި ރައްޔިތުންނަށް ދަތިވެފައި ހުރި ކަންކަމަށް ބަލާފައި ރައްޔިތުންގެ މަސްލަހަތަށް ބަލާފައެއް ނޫން މަސައްކަތް ކުރަނީ." ޔާމީން ވިދާޅުވި އެވެ.

އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެ ޕާޓީގެ ކުރީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އިސްވެ ހުންނަވައި އަލުން ގާނޫނުއަސާސީ އަށް ބޮޑެތި ބަދަލުތަކެއް ގެންނަން ނިންމަވައި "ބޮޑު ބަދަލު" ގެ ނަމުގައި ވަނީ ކެމްޕެއިނެއް ފައްޓަވައިފަ އެވެ.

އެކަމަށް ތާއީދު ކުރައްވަންތޯ ޔާމީނާ ސުވާލު ކުރުމުން އޭނާ ވިދާޅުވީ ތާއީދު ނުކުރައްވާ ކަމަށެވެ. ސަބަބަކީ އެ ދެ ބޭފުޅުން ވަކާލާތު ކުރައްވާ ބަދަލެއް ރާއްޖޭގައި މަސައްކަތް ނުކުރާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.

"ނުކުރަން ތާއީދެއް، އެއީ ވޯކް ކުރާނެ ނިޒާމެއް ނޫން. ބޮޑު ވަޒީރެއް ހުންނަންޏާ ރައީސެއް ހުންނާކަށް ނުޖެހޭ. ރައީސް ހުންނަންޏާ ބޮޑު ވަޒީރެއް ހުންނާކަށް ނުޖެހޭ. އެގްޒެކެޓިވް ބާރަކީ އެކެއްގެ އަތުގައި ހުންނަ ބާރެއް. އެހެންވެ ދެވަނަ މީހަކު ހުންނާކަށް ނުޖެހޭ." ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ ނަޝީދަކީ އެންމެ ކުރިން ފެށިގެން ބަރުލަމާނީ ނިޒާމް ގެންނަން ވަކާލާތު ކުރައްވާ ބޭފުޅެއް ކަމަށާއި ނަމަވެސް ރާއްޖޭގެ މިހާރު އޮތް ހާލަތަށް ބަލާއިރު އެ ނިޒާމް ނުގުޅޭ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.