ބަނގުރޫޓުވުން ރާއްޖެ ސަލާމަތްކޮށްދޭން ބޮޑު އެހީއަކަށްވީ ބޭންކިން ނިޒާމަށް ޑޮލަރު މާރު ކުރުމެވެ. ރާއްޖޭގެ ތެޔޮ އެތެރެކުރަން ޑޮލަރު ހޯދައިދިނެވެ. އާއްމު ފަރުދުން ބޭރުގައި ހަރަދު ކުރަން ޑޮލަރު ފޯރުކޮށް ދިނެވެ. ލޯނުދޭން ބޭން ތިޔާގިކޮށް ދިނެވެ.

އަހަރެމެން ބޭރަށް ފުރަން ގޮސް ޑޮލަރު ކައުންޓަރަށް ޓިކެޓު ދައްކާލުމާއެކު 500 ޑޮލަރު ވަގުތުން ދެ އެވެ. އަދި އޮންލައިން ވިޔަފާރި ސައިޓްތަކުގެ މުދާ ޓުކުރިއަށް މުދާ ޖަމާކޮށް ފިޔާތާ އެންމެ ބަޓަަނަކުން އެ މުދާ ގަނެލެވެ އެވެ. ހަމައެހެންވެ ބޭރަށް ދާން އެއާލައިން ސައިޓްތަކުން ކާޑުން ޓިކެޓު ގަނެވެ އެވެ. މި ހުރިހާކަމެއް ފަސޭހައިން ވާއިރު ގިނަ ބަޔަކަށް ނޭނގި އޮތް "ސިއްރަކީ" މި ހުރިހާ ކަމެއް ވެސް ގުޅިފައިވަނީ ޑޮލަރާ އެވެ. އަދި މި ހުރިހާ ޑޮލަރެއްވެސް ބޭންކް ކާޑުތަކާ ހަމައަށް އަންނަނީ ރާއްޖޭގެ މާލީ ނިޒާމުގެ ބެލެނިވެރިޔާ މަރުކަޒީ ބޭންކް އިން ޑޮލަރު ދޫކުރާ މިންވަރެއްގެ މައްޗަށެވެ. އަދި މި ޑޮލަރު އެމްއެމްއޭ އަށް ލިބެނީ ޑޮލަރު ވަންނަ މައި ދޮރުތަކުން މާލީ ނިޒާމުތަކަށް ޑޮލަރު ލިބޭ މިންވަރެއްގެ މައްޗަށެވެ. މިގޮތުން ކޮވިޑަށްފަހު ބޭންކިން ނިޒާމަށް ޑޮލަރު މާރު ކުރުން މަދުވެގެން ދިޔަ އެވެ. އެހެންވެ މިކަން ހައްލު ކުރަން މަރުކަޒީ ބޭންކުން ވަނީ "ބޭރު ފައިސާއާ ބެހޭ ޤާނޫނު" 1 ޖަނަވަރީ 2025 އިން ފެށިގެން އަމަލު ކުރަން ފަށާފަ އެވެ. މި ގާނޫނާއެކު ޓޫރިޒަމް ސިނާއަތުން ލިބޭ ބޭރު ފައިސާ ސީދާ ރާއްޖޭގެ ރަސްމީ ބޭންކިން ނިޒާމުގެ ތެރެއަށް ވެއްދުމުގެ މަސައްކަތް ފެށި އެވެ.
މި ބަދަލާއެކު އެމްއެމްއޭ މެދުވެރިކޮށް ބޭންކްތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު ބޮޑުތަނުން އިތުރުވި އެވެ. ބޮޑު މި ބަދަލު ގެނައި އަހަރަކީ ރާއްޖޭގެ ތާރީހުގައި އިގްތިސޯދީ ގޮތުން އޮތް އެންމެ ނުތަނަވަސް އަހަރެވެ. ރާއްޖޭން 500 މިލިއަން ޑޮލަރުގެ ބޮޑު ދަރަންޏެއް އެއް ފަހަރާ އަދާކުރަން އޮތެ އެވެ. އެ ނުދައްކައިފިނަމަ ދިވެހިން މިހާތަނަށް ގެނައި ހުރިހާ ތަރައްގީއެއް އެންމެ ހިނދުކޮޅަކުން ދިޔައީ އެވެ. ގައުމުގެ މޫނުމަތީގައި "ބަނގުރޫޓު" ވި ގައުމެއްގެ ސިއްކަ ޖެހޭނެ އެވެ. ނަމަވެސް މިކަމަށް އޮތް އެންމެ ބޮޑު ހުރަހަކަށްވީ ގާނޫނީ ހިމާޔަތެއް ނެތް ސޮވްރިން ޑިވްޕޮމަންޓް ފަންޑް (އެސްޑީއެފް) ގައި މިކަމަށް ބޭނުން ކުރަން ބޭރު ފައިސާ ނެތުނެވެ. ރިޒާވް ކުޑަވުމެވެ. އެހެންވެ ރާއްޖެއަށް އޮތް ހަަމައެކަނި ޗޮއިސްއަކީ ބޭންކިން ނިޒާމަށް މާރުކުރުމެވެ.

ބޭންކިން ނިޒާމަށް ފައިސާ މާރުކުރުމުގެ އެންމެ މުހިންމު އެއް އަމާޒަކީ ދައުލަތުގެ ރަސްމީ ރިޒާވް (އޮފިޝަލް ރިޒާވް އެސެޓްސް) މަތިކޮށް، ބޭރުގެ ދަރަނި (ސޮވެރިން ޑެޓް) އަދާކުރުމުގެ ޤާބިލުކަން ކަށަވަރުކުރުމެވެ. މިގޮތުން 2023 ވަނަ އަހަރު ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ 589 މިލިއަން ޑޮލަރުގަ އެވެ، ނަމަވެސް، އައު ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، 2025 ވަނަ އަހަރުގެ މާރިޗު މަހު ރަސްމީ ރިޒާވް ވަނީ ރެކޯޑު މިންވަރަކަށް އިތުރުވެ 1.3 ބިލިއަން ޑޮލަރަށްވުރެ މައްޗަށް އަރާފައެވެ.
ތަފާސް ހިސާބުތަކުން ފެންނަނީ މި ފިޔަވަޅާއެކު މާރުކުރި ފައިސާގެ 56 ޕަސެންޓް ހަރަދުކޮށްފައިވަނީ ދަރަނި އަދާކުރާށެވެ. މީގެ އިތުރުން ރާއްޖޭގެ ބަލިފައި މައްޗަށް ފޮއިވެއްޓެން ދިމާނި އަނެއް ސަބަބަކީ މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު މަތިވުމެވެ. ކޮންމެހެންވެސް ތެޔޮ ބިލްތަކަށް ފައިސާ ދައްކަން ޑޮލަރު ބޭނުންވެ އެވެ. މީގެ އެންމެ ތެޔޮ ބިލަކަށް ފައިސާ ނުދެއްކުމަކީވެސް ގައުމު ބަނގުރޫޓުވުން އިއުލާނު ކުރުމެވެ. މި ތެލަކީ ޓޫރިޒަމް ހިންގަން ބޭނުންވާ ތެލެވެ. މިއީ އާއްމުންގެ ދަތުރުފަތުރާ ގުޅުން ހުރި ހަކަތަ އެވެ. ތަފާސް ހިސާބުތަކުން ފެންނަން އޮތް ހަގީގަތަކީ މި ފައިސާ އިން 800 އެތައް މިލިއަން ޑޮލަރެއް ހަމައެކަނި ތެޔޮ ބިލްތަކަށް ދައްކަން ދޫކޮށްފައިވުމެވެ. މިކަން ވެގެން ދިޔައީ މެކްރޯއިކޮނޮމިކް ހަމަޖެހުމާއި މާލީ ފައިދާތައް ލިބިގެން ދިޔަ ބަދަލަކަށެވެ.

މި ބަދަލުގެ ސަބަބުން އާއްމު ރައްޔިތުން މީހާ އާއި ޕްރައިވެޓް ސެކްޓަރަށް ދޫކުރާ ކްރެޑިޓަށްވެސް ލުއި ލިބޭނެ ގިނަ ބަދަލުތަކެއް ގެންނަން މަގު ފަހިވެގެން ދިޔަ އެވެ. އެންމެ ބޭންކްއަަކަށް ބަލާނަމަ މި އަހަރުގެ ފުރަތަމަ ކުއާޓަރު ނިމުނުއިރު ބީއެމްއެލް އިން ޓޫރިޒަމް ސިނާޢަތަށް ދޫކޮށްފައިވާ ލޯނު ޕޯޓްފޯލިއޯގެ ސާފު އަދަދު ވަނީ 585 މިލިއަން ޑޮލަރަށް އަރާފަ އެވެ. ތަފާސްހިސާބުތަކަށް ބަލާއިރު، 2021 އިން 2023 އަށް ޖުމްލަ 249 މިލިއަން ޑޮލަރުގެ ލޯނު ދޫކުރެވުނުއިރު، 2024 ގައި 142 މިލިއަން ޑޮލަރު، 2025 ގައި 284 މިލިއަން ޑޮލަރު، ނަމަވެސް މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި އެކަނިވެސް 226 މިލިއަން ޑޮލަރުގެ ލޯނު ވަނީ ދޫކޮށްފަ އެވެ.
މި ތަފާސްހިސާބުތަކުން ދައްކައިދޭ އެންމެ ފުން ހަގީގަތަކީ ޤާނޫނުގެ ތެރެއިން ޑޮލަރު ބޭންކުތަކަށް ވަނުމަށް މަޖުބޫރުކުރުމުން އުފެދިގެންދިޔަ "ޕޮޒިޓިވް ފީޑްބެކް ލޫޕް" އެވެ. ރިސޯޓުތަކުން ޑޮލަރު ޖަމާކުރުމުން ބޭންކުގެ ޑޮލަރު ރިޒާވް ބޮޑުވެއެވެ. އެ ބޮޑުވާ ރިޒާވް ބޭނުންކޮށްގެން ބޭންކަށް އިތުރު ރިސޯޓުތައް ތަރައްޤީކުރުމަށާއި އައު ގެސްޓްހައުސްތައް އެޅުމަށް ޑޮލަރުން ލޯނު ދޫކުރެވެއެވެ. މި އައު އިންވެސްޓްމަންޓްތައް ފުރިހަމަވެ އިތުރު ފަތުރުވެރިން އައުމުން، އަނެއްކާވެސް ޤާނޫނުގެ ދަށުން ބޭންކަށް މާރުކުރަންޖެހޭ ޑޮލަރުގެ މިންވަރު އިތުރުވެގެން ދެއެވެ. މީގެ އިތުރުން ކާޑު ލިމިޓުތައް މަތި ކުރި އެވެ. އުމްރާއަށް ފުރާ ޖަމާއަތްތަކަށް އެކަނި 100 މިލިއަން ޑޮލަރު ވަނީ ދޫކޮށްފަ އެވެ. މީގެ އިތުރުން އާސަންދައިގެ ދަށުން ދާ ބަލި މީހުންނަށް ދޫކުރާ ފައިސާވެސް އިތުރު ކުރި އެވެ. އަދި ބޭރުގައި ކިޔަވާ ކުދިންނަށް ދޫކުރާ ފައިސާ އިތުރުވި އެވެ.

ބޭރު ފައިސާއާ ބެހޭ ގާނޫނާއި އޭގެ ދަށުން އެމްއެމްއޭ އިން ތަންފީޒުކުރި މަނިޓަރީ ސިޔާސަތުތަކުގެ ސަބަބުން ރާއްޖޭގެ މާލީ ނިޒާމަށް އިންޤިލާބީ ހެޔޮ ބަދަލުތަކެއް ވަނީ އައިސްފަ އެވެ. މި ސިޔާސަތުގެ ސަބަބުން އެންމެ ފުރަތަމަ ފައިދާއެއް ކުރީ މުޅި ބޭންކިން ނިޒާމަށެވެ. ބޭންކުތަކަށް ޑޮލަރު ލިބޭ މިންވަރު އިތުރުވުމާއެކު، ބޭރު ފައިސާގެ މިނިމަމް ރިޒާވް ރިކުއަޔަމަންޓް (އެމްއާރްއާރް) %7.5 އިން % 5 އަށް ދަށްކުރެވި، ވިޔަފާރިތަކަށް ޑޮލަރުން ލޯނު ދޫކުރުމުގެ ގާބިލުކަން ބޭންކުތަކަށް ލިބިގެން ދިޔައެވެ. ބީއެމްއެލް އެކަނިވެސް 860 މިލިއަން ޑޮލަރުގެ ލޯނު ފަތުރުވެރިކަމުގެ ސިނާޢަތަށް ދޫކުރުމަކީ މީގެ އަލިގަދަ ހެއްކެކެވެ.
ދެވަނަ ކަމަކަށް، މަރުކަޒީ ބޭންކަށް ކޮމާޝަލް ބޭންކުތަކުން ވިއްކާ ޑޮލަރުގެ ނިސްބަތް 70-90 ޕަސެންޓް އިތުރުވުމުން، ދައުލަތުގެ ރަސްމީ ރިޒާވް ވަރުގަދަވެ، ބޭރުގެ ބޮޑެތި ދަރަނިތައް މި އަހަރު އެޕްރީލް މަހު ސްކޫކް ޑިފޯލްޓަކަށް ނުގޮސް ދެއްކުމުގެ މަގު ތަނަވަސްވި އެވެ. މިއީ ފިޗް ފަދަ ބައިނަލްއަޤްވާމީ ކްރެޑިޓް ރޭޓިން އޭޖެންސީތަކުން ރާއްޖޭގެ ރޭޓިންގ 'CCC-' އަށް މަތިކުރި މައިގަނޑު ސަބަބެވެ. ދެން މި ސިޔާސަތުގެ އެންމެ ފޮނި މީރުކަން ލިބުނީ އާންމު ރައްޔިތުންނަށާއި ކުދި ވިޔަފާރިތަކަށެވެ. ކަޅު ބާޒާރުގެ ނުފޫޒު އޮތްނަމަވެސް އޯޕަން މާކެޓް އޮޕަރޭޝަންސް (ރިވާސް ރީޕަޗޭސް) ގެ ތެރެއިން 3 ބިލިއަން ރުފިޔާ ބޭންކިން ނިޒާމުން ނެގުމުން، 15.42 ރުފިޔާގެ އެކްސްޗޭންޖް ރޭޓް ޕެގް ހިފެހެއްޓުމަށް ބާރު ލިބުނެވެ. ބޭންކުތަކުގެ ޑެބިޓް އަދި ކްރެޑިޓް ކާޑު ލިމިޓުތައް ބޮޑުކުރެވި، ކިޔަވާ ކުދިންނަށާއި ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާ ފަރާތްތަކަށް ރަސްމީ ރޭޓުގައި ޑޮލަރު ލިބޭނެ ފަސޭހަ އިންތިޒާމު ތަކެއް ހަމަޖެހިގެން ދިޔަ އެވެ.
ބޮޑު މި ބަދަލު ވެގެން ގޮސްފައިވަނީ ބޭރު ފައިސާ ވަންނަ ދޮރުތައް ހަނިވި ވަގުތު ކުރިމަތިިވި ދަރަނީގެ ބޮޑު މައްސަލައަށް ހައްލު ގެނެސްދިން ކަމަށެވެ. ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަން ބޭރުގައި ތިބި އެތައް ދިވެހިންނަށް ފަސޭހައިން ޑޮލަރު ލިބުނު ކަމަށެވެ. އަދި ކިޔަވާ ކުދިންގެ ބޭނުންތަކަށް ޑޮލަރު ފޯރުކޮށްދޭން ލިބުނު ފަސޭހައަކަށެވެ.