އެމްއެމްއޭއިން ވަނީ އަންނަ މަހުން ފެށިގެން އެމްއާރުއާރުއެމްއެމްއޭގައި ބަހައްޓަންޖެހޭ މިންވަރު 10.5% އިން 11.0% އަށް އަންނަ މަހުން ފެށިގެން މަތިކުރުމުގެ އިތުރުން އޮޕަންމާކެޓް އޮޕަރޭޝަންސް (އޯމޯ) 10 ބޭސިސް ޕޮއިންޓަށް އިތުރުރަން ނިންމާފަ އެވެ.

ޑޮލަރަށް ބާރު ބޮޑުވާ މައިގަނޑު މައްސަލަ ހައްލު ކުރުމުގެ ގޮތުން އިގްތިސާދު ތެރޭގައި އިތުރުވެފައިވާ ދިވެހި ރުފިޔާގެ ސާޕްލަސް ލިކުއިޑިޓީ މަދުކުރުމަށް އެމްއެމްއޭގެ މަނިޓަރީ ޕޮލިސީ އިތުރަށް ހަރުދަނާކޮށް ފިޔަވަޅުތަކެއް އަޅަން ފަށައިފި އެވެ.
ޑޮލަރުގެ މައްސަލައަށް ހައްލެއް ގެނައުމުގެ ގޮތުން އެމްއެމްއޭގެ ބޯޑުން އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ރުފިޔާގެ މިނިމަމް ރިޒަވް ރިކުއަރމެންޓް މަތިކުރުމާއި އޮޕަން މާކެޓް އޮޕަރޭޝަންސް ހިންގައިގެން ދައުރުވާ ފައިސާ މަދުކުރުން ހިމެނެ އެވެ.
އެގޮތުން އެމްއާރުއާރުއެމްއެމްއޭގައި ބަހައްޓަންޖެހޭ މިންވަރު 10.5% އިން 11.0% އަށް އަންނަ މަހުން ފެށިގެން މަތިކުރުމަށް ވެސް ވަނީ ނިންމާފައެވެ. މީގެ އިތުރުން އެމްއެމްއޭ އިން ވަނީ 2027 ވަނަ އަހަރުގެ ތެރޭގައި ކޮންމެ ތިން މަހަކުން އެމްއެމްއޭގެ ބޯޑުން ރިވިއުކުރުމަށްފަހު، ދިވެހި ރުފިޔާގެ އެމްއާރްއާރް މަތިކުރުމަށް ވެސް ވަނީ ނިންމާފަ އެވެ. އެގޮތުން މަޑުމަޑުން މަތިކުރަމުންގޮސް އަންނަ އަހަރު ޑިސެމްބަރަށް އެމްއާރުއާރު %13 އަށް މަތިކުރުމަށް ވެސް ވަނީ ނިންމާފަ އެވެ.
އެމްއާރްއާރް އަކީ ކޮބާ؟ - އެމްއާރްއާރް އަކީ ކަސްޓަމަރުންގެ ޑިޕޮސިޓްތަކުގެ ތެރެއިން އެންމެ މަދުވެގެން ބޭންކުތަކުން ސެންޓްރަލް ބޭންކް (އެމްއެމްއޭ) ގައި ރިޒާވްގެ ގޮތުގައި - ރުފިޔާ ނުވަތަ ބޭރު ފައިސާއިން - ބަހައްޓަން ޖެހޭ ޕަސެންޓެވެ. މި ރިޒާވްތައް ލޯނު ދޫކުރުމަށް ނުވަތަ އިންވެސްޓް ކުރުމަށް ބޭނުމެއް ނުކުރެވޭނެ އެވެ. މިއީ މާލީ ނިޒާމުގެ ހަރުދަނާކަން ކަށަވަރުކުރުމަށް ޓަކައި ބެހެއްޓޭ ފައިސާ އެވެ.
އެމްއެމްއޭ އިން މީގެ އިތުރުން އެމްއެމްއޭގެ އޮޕަންމާކެޓް އޮޕަރޭޝަންސް (އޯމޯ) 10 ބޭސިސް ޕޮއިންޓަށް އިތުރުކުރުމަށް ވެސް ވަނީ ނިންމާފަ އެވެ. އެމްއެމްއިން ވަނީ 2025 ވަނަ އަހަރުގެ ޖުލައި މަހު އޯއެމްއޯ އަލުން ހިންގަން ފެށިފަހުން، ބޭންކިން ނިޒާމުގައި ހުރި ދިވެހި ރުފިޔާ އެކްސެސް ލިކުއިޑީގެ ތެރެއިން އޯއެމްއޯ މެދުވެރިކޮށް 2026 ޖުލައި މަހުގެ ނިޔަލަށް އެވްރެޖްކޮށް 2.7 ބިލިއަން ރުފިޔާ ވަނީ ނެގިފަ އެވެ. އަދި ޝޯޓް ޓާމް ލިކުއިޑިޓީ ވަނީ 6.5 ބިލިއަން ރުފިޔާއިން 3.7 ބިލިއަން ރުފިޔާ އަށް ކުޑަވެފަ އެވެ.
އެމްއެމްއޭ އިން އެންމެފަހުން އޯމޯ އޮޕަރޭޝަން ހިންގާފައިވަނީ ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ވަގުތީ ސަސްޕެންޝަން ގެނެސް، ޕަބްލިކް ބޭންކް އެކައުންޓުން (ޕީބީއޭ) ސަރުކާރުން އޯވަޑްރޯކޮށް އަދި އޯވަޑްރޯ ކުރެވިފައިވާ އަދަދުތައް ތިން ފަހަރު ދިގު މުއްދަތުގެ ބޮންޑުތަކަކަށް ބަދަލުކުރުމުގެ ސަބަބުން، ޕީބީއޭ އިން އޯވަޑްރޯކުރުމަށް ޖާގަ ލިބުމާ ގުޅިގެން ބޭންކިން ނިޒާމުގައި ދައުރުވަމުންދާ ރުފިޔާ ލިކުއިޑިޓީ ވަނީ ވަރަށް ބޮޑުތަނުން އިތުރުވުމުންނެވެ. މިގޮތުން، އިގުތިސާދުގައި ދައުރުވާ ރުފިޔާގެ ލިކުއިޑިޓީ ވަނީ 2020 ވަނަ އަހަރާއި އަޅާބަލާއިރު 178 ޕަސެންޓް އިތުރުވެފައިވެ އެވެ. އަދި މީގެ ކުރީގައި އެމްއެމްއޭއިން އޮޕަންމާކެޓް އޮޕަރޭޝަންސް ހިންގާފަިއވަނީ 2014 ވަނަ އަހަރަށްފަހު އެވެ.
ރާއްޖޭގެ މަނިޓަރީ ސިޔާސަތު އެކުލަވާލައި، އެ ސިޔާސަތު ތަންފީޒުކުރުމަކީ އެމްއެމްއޭގެ މައިގަނޑު އެއް މަސްއޫލިއްޔަތެވެ. ރާއްޖޭގެ މަނިޓަރީ ސިޔާސަތުގެ މައިގަނޑު މަގުސަދަކީ ދެމެހެއްޓެނިވި އިގްތިސާދީ ކުރިއެރުމަށް މަގުފައިވާ ގޮތެއްގެ މަތީން ދިވެހިރާއްޖޭގެ ބާޒާރުގައި އަގުތައް އުފުލޭ މިންވަރު (ނުވަތަ އިންފްލޭޝަން) އެކަށީގެންވާ މިންވަރެއްގައި ދެމެހެއްޓުން ނުވަތަ ޕްރައިސް ސްޓެބިލިޓީ ދެމެހެއްޓުއެވެ. ރާއްޖޭގެ ބާޒާރުގައި މުދަލާއި ޚިދުމަތުގެ އަގުތައް އުފުލެމުންދާ މިންވަރު އެކަށީގެންވާ މިންވަރެއްގައި ދެމެހެއްޓުމަށްޓަކައި އެމްއެމްއޭ އިން ބޭނުންކުރަމުންދަނީ އެކްސްޗޭންޖް ރޭޓަށް ބިނާކޮށް އެކުލަވާލާފައިވާ މަނިޓަރީ ސިޔާސަތެކެވެ. އެގޮތުން، އެމްއެމްއޭ އިން ކަނޑައަޅާފައިވާ މިންވަރުގައި ރުފިޔާގެ އެކްސްޗޭންޖް ރޭޓް ހިފެހެއްޓުމަށްޓަކައި، ބޭރު ފައިސާގެ ބާޒާރަށް ޑޮލަރު ވިއްކުމުގެ (ފޮރިން އެކްސްޗޭންޖް އިންޓަރވެންޝަން) އިތުރުން ބޭންކިން ނިޒާމުގައި ހުންނަ ދިވެހި ރުފިޔާ ލިކުއިޑިޓީގެ މިންވަރު މެނޭޖްކުރުމަށް އެމްއެމްއޭ އިން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.