އޭނާ ވަގަށް ނެގި ފޮށި ބަލައިފާސްކޮށް، 248,500 އަށްވުރެ ގިނަ ރުފިޔާ އާއި، އެ ފައިސާއިން އޭނާ ގަނެފައިވާ ކަމަށް ބެލެވޭ 7000 ރުފިޔާގެ މޯބައިލް ފޯނެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މިއީ މިދިޔަ އާދީއްތަ ދުވަހު މާލެ އައި ލޯންޗަކުން ބޭލި ފޮއްޓެއް، ބޮޑުތަކުރުފާނު މަގު އެޓޯލްސް ޕާކިންޒޯންއާ ދިމާ ޖެޓީމަތީގައި ހުއްޓައި ގެއްލިގެން ފުލުހަށް ހުށަހެޅި މައްސަލަ އެކެވެ. އެ ފޮށީގައި ތިން ލައްކަ އަށްވުރެ ގިނަ ދިވެހި ރުފިޔާ ހުންނާނެކަމަަށް މައްސަލަ ހުށަހެޅިފަރާތުން ފުލުހުންނަށް މައުލޫމާތު ދީފައިވެ އެވެ.
މި މައްސަލަ ހުށަހެޅުމާއެކު އެ ފޮށި ހޯދުމުގެ މަސައްކަތް ފަށައި، އެ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖްތައް ބަލައި އަދި ތަހުގީގުގެ ތެރެއިން ކުރެވުނު އެކި މަސައްކަތުން، އެ ފޮށި ވަގަށްނެގި މީހާ ދެނެގަނެ، ފޮށި ގެންދިޔަ ތަން ފުލުހުން ވަނީ ހޯދައިފަ އެވެ.
ފުލުހުން ބުނީ އިއްޔެ މި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެއީ ލ. މުންޑޫ، ސެވެންސްޓާ އަލީ ނާޒިމް 44، އެވެ.
އޭނާ ވަގަށް ނެގި ފޮށި ބަލައިފާސްކޮށް، 248,500 އަށްވުރެ ގިނަ ރުފިޔާ އާއި، އެ ފައިސާއިން އޭނާ ގަނެފައިވާ ކަމަށް ބެލެވޭ 7000 ރުފިޔާގެ މޯބައިލް ފޯނެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން އަލީ ނާޒިމްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.