ބައިނަލްއަގުވާމީ މައިދާނުގައި ގުޅިގެން މަސައްކަތްކޮށް، މާލީ ޒިންމާދާރުކަން އިސްކުރުމަކީ އަންނާން އޮތް ޖީލުތަކަށް ފާގަތި މުސްތަގުބަލެއް ކަށަވަރުކޮށްދިނުމަށް އޮތް އެންމެ ފަހި މަގުކަމުގައި އެ މަނިކުފާނު ވިދާޅުވި.

މާލީ ނަޒާހަތްތެރިކަމާއި ހެޔޮވެރިކަމަކީ ކުދި ޖަޒީރާ ގައުމުތަކަށް ހަމައެކަނި އިހުތިޔާރުކުރެވޭ ސިޔާސަތެއް ނޫންކަމަށާއި، އެއީ އެ ގައުމުތަކުގެ ސަލާމަތާއި، ރައްކާތެރިކަމާއި، ދެމިއޮތުމާ ގުޅިފައިވާ އެންމެ މުހިންމު އަސާސީ ބަހާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ކުދި ޖަޒީރާ ގައުމުތަކުގެ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް (އެސްޑީޖީ) ހާސިލުކުރުމާއި، ސުޕްރީމް އޮޑިޓް އިންސްޓިޓިއުޝަންތަކުގެ (ސާއީ) ގާބިލުކަން އިތުރުކުރުމަށް އަމާޒުކޮށް ބޭއްވި ބައިނަލްއަގުވާމީ ސިމްޕޯޒިއަމް ނިންމުމާއި އަދި "އައިޑީއައި ގްލޯބަލް ސަމިޓް 2026" ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ އޮޑިޓަރ ޖެނެރަލްގެ އޮފީހާއި، ޔޫއެންޑީއީއެސްއޭ އަދި އައިޑީއައި ގުޅިގެން ކުރިއަށްގެންދިޔަ މި މަސައްކަތްތަކަށް ތައުރީފު ކުރައްވައިފަ އެވެ.
އއ. އުކުޅަހުގައި ބާއްވާ މި ބައްދަލުވުމުގައި މޫސުމީ ބަދަލުތަކުގެ ނުރައްކަލަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، މިއީ ހަމައެކަނި މުސްތަގުބަލުގައި ކުރިމަތިވެދާނެ ބިރުވެރިކަމެއް ނޫން ކަމަށާއި، މިއީ މިއަދު ކުދި ޖަޒީރާ ގައުމުތަކުގެ އިގްތިސާދަށާއި އުމްރާނީ ވަސީލަތްތަކަށް ކުރިމަތިވަމުންދާ ހަގީގަތް ކަމަށެވެ.
އަދި ގައުމެއްގެ ވިލުންތެރިކަން ބިނާވެފައިވަނީ ހަމައެކަނި އުމުރާނީ ވަސީލަތްތަކުގެ މައްޗަށް ނޫން ކަމަށާއި، އޭގެ ބަދަލުގައި އެއީ ވަރުގަދަ މުއައްސަސާތަކާއި، ދެފުށް ފެންނަ މާލީ ނިޒާމަކާއި، ސަރުކާރަށް ރައްޔިތުން ކުރާ އިތުބާރުގެ މައްޗަށް ބިނާވެފައިވާ ކަމެއްކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.
ރާއްޖޭގެ ތަރައްގީގެ ތަަސައްވުރުގެ މައްޗަށް ވާހަކަފުޅު ދައްކަވަމުން، "މޯލްޑިވްސް 2.0" އަމާޒުގެ ދަށުން ޑިޖިޓަލް ޓްރާންސްފޯމޭޝަނަށް ކުރާ މަސައްކަތްތައް ރައީސް ފާހަގަކުރެއްވި އެވެ.

އެގޮތުން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާއި ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ސަރުކާރުގެ ހިންގުން ހަރުދަނާކޮށް، ދެފުށް ފެންނަ ނިޒާމެއް ގާއިމުކުރުމަށް އިސްކަންދެއްވާނެ ކަމަށް ވިދާޅުވި އެވެ.
ހަމައެއާއެކު، ރާއްޖޭގެ އިގްތިސާދު ބިނާވެފައިވަނީ ކަނޑުފަޅުތަކުގެ މައްޗަށް ކަމަށްވުމުން، ތިމާވެށި ހިމާޔަތްކުރުމަކީ އިގްތިސާދީ ކުރިއެރުމާ ވަކިނުކުރެވޭނެ މުހިންމު ބައެއްކަމުގައިވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސްގެ ވާހަކަފުޅު ނިންމަވާލެއްވީ، ކުދި ޖަޒީރާ ގައުމުތަކަކީ ނިކަމެތި ގައުމުތަކެއްގެ ގޮތުގައި ބެލުމުގެ ބަދަލުގައި، އެއީ ގުދުރަތީ ގޮންޖެހުންތަކާ ކުރިމަތިލައި، ހިތްވަރުގަދަ ރައްޔިތުންތަކެއް ދިރިއުޅޭ ގައުމުތަކެއްގެ ގޮތުގައި ސިފަކުރައްވަމުންނެވެ.
އަދި ބައިނަލްއަގުވާމީ މައިދާނުގައި ގުޅިގެން މަސައްކަތްކޮށް، މާލީ ޒިންމާދާރުކަން އިސްކުރުމަކީ އަންނާން އޮތް ޖީލުތަކަށް ފާގަތި މުސްތަގުބަލެއް ކަށަވަރުކޮށްދިނުމަށް އޮތް އެންމެ ފަހި މަގުކަމުގައި އެ މަނިކުފާނު ވިދާޅުވި އެވެ.