ރަށްރަށުގެ ބިންތައް ސަރުކާރަށް ނެގޭ ގޮތަށް އިސްލާހެއް

މަޝްރޫއު ހިންގަން ކައުންސިލްތަކުގެ އިހްތިސާސުން ބިން ވަކިކޮށް ސަރުކާރަށް ނެގިދާނެ ކަމަށް އެ އިސްލާހުގައި ބުނެފައިވޭ

ތޮއްޑޫ ރަށު ތެރެއިން--ފޮޓޯ: ސަން

ރަށްރަށުގެ ބިންތައް ކައުންސިލްގެ އިހްތިސާސުން ވަކިކޮށް ސަރުކާރަށް ނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް އިސްލާހެއް ހުށަހަޅައިފި އެވެ.

މި އިސްލާހު ހުށަހެޅީ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު އަބޫބަކުރު އެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އެ ބިލުގެ ފުރަތަމަ ކިޔުން އިއްވައިފަ އެވެ.

އެ ބިލުގައި ބުނެފައި ވަނީ ކައުންސިލްގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ބިމާއި ތަންތަނުގައި ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އެތަންތަން ކައުންސިލްގެ އިހްތިސާސުން ވަކި ކުރުމަށް ވަޒީރުންގެ މަޖިލީހަށް ނިންމިދާނެ ކަމަށެވެ.

އެފަދަ ނިންމުމެއް ވަޒީރުންގެ މަޖިލީހުން ނިންމުމުން ކަމާބެހޭ ގައުމީ އިދާރާ އިން ކައުންސިލަށް އެކަން އެންގުމުން އެ ބިމެއް ނުވަތަ ތަނެއް ކައުންސިލްގެ މިލްކިއްޔަތުން ވަކިވެ ދައުލަތުގެ ފުރިހަމަ ބާރު ހިނގާ ބިމާއި ތަންތަން ކަމުގައި ވެގެންދާނެ ކަމަށް އެ ބިލުގައި ބުނެފައިވެ އެވެ.

ބިލުގައިވާ ގޮތުން ރަށެއް ނުވަތަ ސިޓީއެއްގެ ފިސްކަލް ޑިވަލޮޕްމަންޓް ޕްލޭން ފާސްކޮށް އަމަލުކުރަން ފެށުމުގެ ކުރިން ސަރުކާރުގެ ފަރާތުން ތަރައްގީގެ މަޝްރޫއެއް ކުރިޔަށް ގެންދިޔުމަށް ބިމެއް ހޯދުމަށް އެދޭ ހާލަތުގައި މަޝްރޫއުތަކަށް ބޭނުންވާ ބިން ކައުންސިލްތަކުން ހަވާލު ކުރަން ވާނެ އެވެ.

މީގެ އިތުރުން ސިޓީތަކާއި ރަށްރަށުގެ މަންފާ އަށް ސަރުކާރުން ކުރިޔަށް ގެންދަން ބޭނުންވާ މަޝްރޫއުތަކަށް އެ ކައުންސިލަކުން ފުރިހަމަ އަށް އެއްބާރުލުން ދޭން ޖެހޭނެ ކަމަށާއި އެކަމަށް ހުރަސް އެޅޭ ފަދަ ގޮތަކަށް އަމަލުކުރުން ނުވަތަ މަޝްރޫއުތައް ހުއްޓުވުމަށް މެދުވެރިވާ ފަދަ ނިންމުންތައް ނިންމައިގެން ނުވާނެ ކަމަށް ވެސް އެ ބިލުގައި ބުނެފައިވެ އެވެ.

މި ބިލް މަޖިލީހަށް ހުށަހެޅި ހަންނާނަކީ ވަކި ޕާޓީ އަކަށް ނިސްބަތްވާ މެންބަރެއް ނޫނެވެ. ނަމަވެސް އޭނާ އަކީ ސަރުކާރުން ހުށަހަޅާ ބިލްތަކަށް ތާއީދުކޮށް ސަރުކާރުގެ ސްޓޭންޑް ހިފަހައްޓާ މެންބަރެކެވެ.

ކައުންސިލްތަކުގެ ބިންތައް ނެގުމުގެ ބާރު ސަރުކާރަށް ދޭ ގޮތަށް އިސްލާހެއް ހުށަހެޅި އިރު ތަރައްގީގެ މަޝްރޫއުތަކަށް ކައުންސިލްތަކުން އެއްބާރުލުން ނުދޭ މައްސަލަ ރައީސް ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ވަނީ އެކި ފަހަރުގެ މަތިން ފާހަގަ ކުރައްވައިފަ އެވެ.

ކައުންސިލް އިންތިހާބުގެ ތެރޭގައި ވެސް ސަރުކާރުގެ ފަރާތުން ދެއްކި އެންމެ ބޮޑު އެއް ޝަކުވާއަކީ ސަރުކާރުގެ އަގުލަބިއްޔަތު ނުލިބިއްޖެ ނަމަ މަޝްރޫއުތައް ހިންގަން ބޭނުންވާ ބިން ދޫކުރުން ފަދަ ކަންކަމަށް ކައުންސިލްތަކުން އެއްބާރުލުން ނުދިނުމެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.