އެ ނިންމުމާ ގުޅިގެން އިދިކޮޅު އެމްޑީޕީން ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔައިފަ

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް މެންބަރުން ހޮވަން ބާއްވާ އިންތިހާބު މުއްދަތެއް ނެތް ގޮތަށް ފަސްކުރަން އެ އޮތޯރިޓީން ނިންމައިފި އެވެ.
އެލްޖީއޭ އިން އިއްޔެ ބުނީ ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސުންގެ ތެރެއިން އެ އޮތޯރިޓީގެ ބޯޑަށް މެންބަރުން ހޮވަން ބާއްވާ އިންތިހާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
އެ ނިންމުން ނިންމި ސަބަބަކީ އިންތިހާބާ ގުޅިގެން ކުރަން ޖެހޭ މުހިންމު މަސައްކަތްތައް ނިމިފައި ނުވާތީ ކަމަށް އެލްޖީއޭ އިން ބުންޏެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް ހާމައެއް ނުކުރެ އެވެ.
އެލްޖީއޭ އިން ކުރިން ނިންމާފައި ވަނީ އެ އިންތިހާބު އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށެވެ.
ނަމަވެސް އެ އިންތިހާބު ބާއްވާނެ އިތުރު ތާރީހެއް ނުދީ ފަސް ކުރަން ނިންމުމުން އިދިކޮޅު އެމްޑީޕީން ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑު ކިޔައިފަ އެވެ.
އެގޮތުން އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ގޮތުގައި އެ އިންތިހާބު ފަސް ކުރަން ނިންމުމަކީ ސަރުކާރުން އަމިއްލަ އަށް ބަލި އިއުލާން ކުރުމެވެ. އަދި އެލްޖީއޭގެ އިންތިހާބު އޮންނަ ތާރީހަށް ބާއްވަން ނަޝީދު ސަރުކާރަށް ގޮވާލި އެވެ.