ޖޫން މަހު ޖުމްލަ ރިޒާވަށް ތިން ޕަސެންޓުގެ ދަށްވުމެއް

ޖޫން މަހުގެ ނިޔަލަށް ރާއްޖޭގެ ޖުމްލަ ރިޒާވްގައި ހުރީ 626.8 މިލިއަން ޑޮލަރެވެ.މިއީ 2025 ވަނަ އަހަރުގެ ޖޫން މަހު ރިޒާވްގައި ހުރި 832.4 މިލިއަން ޑޮލަރާ އަޅާބަލާއިރު މިއީ 17 އިންސައްތަ ނުވަތަ 145.6 މިލިއަން ޑޮލަރުގެ ދަށްވުމެކެވެ.

ދިވެހި ރާއްޖޭގެ މަރުކަޒީ ބޭންކް، އެމްއެމްއޭ

ރާއްޖޭގެ ގްރޮސް އިންޓަނޭޝަނަލް ރިޒާވް ނުވަތަ ރާއްޖޭގެ ރަސްމީ ރިޒާވް މިދިޔަ ޖޫން މަހުގެ ނިޔަލަށް 626.8 މިލިއަން ޑޮލަރަށް ދަށްވެއްޖެއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކަށް ބަލާއިރު، ޖޫން މަހު ރިޒާވްއަށް ވަނީ އޭގެ ކުރީ މަހާ އަޅާބަލާއިރު ތިން ޕަސެންޓުގެ ދަށްވުމެއް އައިސްފަ އެވެ. މެއި މަހުގެ ނިޔަލަށް ރިޒާވްގައި ހުރީ 704.8 މިލިއަން ޑޮލަރެވެ. އަދި ފާއިތުވި 2025 ވަނަ އަހަރުގެ ޖޫން މަހު ރިޒާވްގައި ހުރި 832.4 މިލިއަން ޑޮލަރާ އަޅާބަލާއިރު މިއީ 17 އިންސައްތަ ނުވަތަ 145.6 މިލިއަން ޑޮލަރުގެ ދަށްވުމެކެވެ.

މި އަހަރުގެ މެއި މަހުވެސް ރިޒާވް ވަނީ އޭގެ ކުރީ މަހާ އަޅާބަލާއިރު ރިޒާވް ދަށްވެއިވެ ފައެވެ. އޭޕްރީލް މަހު ރިޒާވްގައި 717.9 މިލިއަން ޑޮލަރު ހުރިއިރު، މެއި މަހު މި އަދަދު ވަނީ 704.8 މިލިއަން ޑޮލަރަށް ދަށްވެފަ އެވެ. މިއީ އޭޕްރީލް މަހާ އަޅާބަލާއިރު ދެ ޕަސެންޓުގެ ދަށްވުމެކެވެ. އަދި މިއީ 2025 ވަނަ އަހަރުގެ މެއި މަހު ރިޒާވްގައި ހުރި 815.8 މިލިއަން ޑޮލަރާ އަޅާބަލާއިރު މިއީ %14ގެ ނުވަތަ 111.0 މިލިއަން ޑޮލަރުގެ ދަށްވުމެކެވެ.

އެމްއެމްއޭގެ އެންމެފަހުގެ ހިސާބުތައް ދައްކާ ގޮތުން ޖޫން މަސް ނިމުނުއިރު ބޭނުންކުރެވޭ ރިޒާވް (ޔޫސަބަލް ރިޒާވް) ހުރީ 248.9 މިލިއަން ޑޮލަރުގަ އެވެ. މިއީ މިދިޔަ މޭ މަހާއި އަޅާބަލާއިރު 11.9 މިލިއަން ޑޮލަރުގެ ދަށްވުމެކެވެ. ނަމަވެސް، އަހަރުން އަހަރަށް ބަލާއިރު، 2025 ވަނަ އަހަރުގެ ޖޫން މަސް ނިމުނުއިރު މިއަދަދު ހުރީ 203.0 މިލިއަން ޑޮލަރުގަ އެވެ. މިއީ ގާތްގަނޑަކަށް 23 ޕަސެންޓުގެ ކުރިއެރުމެކެވެ. 

އެމްއެމްއޭ އިން ބުނި ގޮތުގައި މި އަހަރުގެ މެއި މަހާ އަޅާ ބަލާއިރު ޖޫން މަހު ގްރޮސް ރިޒާވް ދަށްވުމުގެ މައިގަނޑު ސަބަބަކީ ބޭރު ފައިސާއިން ކުރެވުނު ހޭދަ އިތުރުވުމެވެ. މީގެ ތެރޭގައި، ބޭންކިން ނިޒާމާއި މުދާ އިމްޕޯޓްކުރާ ފަރާތްތަކުން ބޭރު ފައިސާއަށް އޮތް ބޮޑު ޑިމާންޑް އިތުރުވުމުގެ ސަބަބުން އެމްއެމްއޭގެ ފޮރިން އެކްސްޗޭންޖް އިންޓަވެންޝަން ސިޔާސަތުގެ ދަށުން ބާޒާރަށް ވިއްކި ޑޮލަރުގެ މިންވަރު، ކުރީ މަހާ އަޅާބަލާއިރު 43 ޕަސެންޓު އިތުރުވުން ހިމެނޭކަމަށް އެމްއެމްއޭ އިން ބުންޏެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުން ރާއްޖޭގެ ޔޫޒަބަލް ރިޒާވް މިފަހުން ހުރީ 400-100 މިލިއަން ޑޮލަރާއި ދެމެދުގަ އެވެ. އާންމު މިންގަނޑަކުން ބަލާނަމަ ރާއްޖޭގެ ރިޒާވްގައި ގިނަ ފަހަރަށް ހުންނަނީ ގާތްގަނޑަކަށް 3-1 މަސް ދުވަހާ ދެމެދުގެ މުއްދަތަކަށް ރާއްޖެއަށް ބޭނުންވާ އަސާސީ މުދާ (ތެޔޮ، ކާޑުގެ ބާވަތްތައް އަދި ބޭސް) އެތެރެކުރެވޭނެ ފައިސާ އެވެ. މިފަހުން ޔޫޒަބަލް ރިޒާވް ދަަށްވީ ރާއްޖޭގެ ބޮޑު ދަރަނި އަދާކުރަން ރިޒާވުން ފައިސާ ނެގުމުންނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.