މި ބަދަލުތަކަކީ ބޭންކުގެ ކުރިއެރުމަށްޓަކައި ގެނެވޭ ބަދަލެކެވެ. މި ބަދަލުގެ ބޭނުމަކީ ބޭންކް އޮފް ރަނގަޅު މާލީ ހާލަތުގެ ސަބަބުން ދެވޭ ހިދުމަތް އިތުރަށް ވަރުގަދަކޮށް ހަލުވި ކުރުމެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެ ބޭންކުގެ އިދާރީ އޮނިގަނޑަށް ބަދަލުތަކެއް ގެނެސް، އެގްޒެކްޓިވް ޓީމްގެ މެންބަރުންގެ ދައުރަށްވެސް ބަދަލުތަކެއް ގެނެސްފި އެވެ.
ބީއެމްއެލްއިން ބުނީ މި ބަދަލަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ދެމުންދާ ޚިދުމަތްތައް އިތުރަށް ފަސޭހަކޮށް ހަލުވިކުރުމަށް އަމާޒުކޮށްގެން ގެނެވުނު ބަދަލެކެވެ. އަދި މިއީ ބޭންކުގެ ދެމެހެއްޓެނިވި ކުރިއެރުމަށާއި، ކަސްޓަމަރުންނާ އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ޚިދުމަތުގެ ފެންވަރު މަތީ ދަރަޖައަކަށް ގެންދިއުމަށް އެކުލަވައިލާފައިވާ ދުރުރާސްތާގެ ސްޓްރެޓެޖިކް އަމާޒުތަކާ އެއްގޮތަށް ބޭންކުގެ މަސައްކަތްތައް ބައްޓަންކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
ހިންގުމުގެ އޮނިގަނޑަށް މި ގެނެވުނު ބަދަލުތަކުގެ ތެރެއިން، ސީނިއަ މެނޭޖްމަންޓް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އެ ބޭފުޅުންގެ މަގާމުތަކާ ގުޅުންހުރި އެހެން ދާއިރާތަކުގެ މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގެންފައެވެ.
ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު މުޙައްމަދު ޝަރީފް ވިދާޅުވި ގޮތުގައި މި ބަދަލުތަކަކީ ބޭންކުގެ ކުރިއެރުމަށްޓަކައި ގެނެވޭ ބަދަލުތަކެކެވެ. އަދި ބޭންކް އޮތީ ހަރުދަނާ މާލީ ހާލަތެއްގައި ކަމަމުން ބޭނުމަކީ ކަސްޓަމަރުންނަށް ދެވޭ ޚިދުމަތްތައް އިތުރަށް ފުރިހަމަކޮށް، ބޭންކުގެ ކުރިއެރުން ހަލުވިކުރުމެވެ.

"އިސް މަގާމުތަކުގެ ދައުރުތަކަށް ވަގުތީ ގޮތުން މި ގެނެވޭ ބަދަލަކީ ލީޑަޝިޕް ވަރުގަދަކުރުމަށްޓަކައި ކުރެވޭ އިންވެސްޓްމަންޓެއް. ތަޖުރިބާކާރު ވެރިންނަށް އެ ބޭފުޅުންގެ ދާއިރާއާ ގުޅުންހުރި އެހެން ދާއިރާތަކުގެ ތަޖުރިބާ ހޯދައިދިނުމަކީ، އެ ބޭފުޅުންގެ ހުނަރު އިތުރުވުމުގެ އިތުރުން މުޅި މުއައްސަސާއަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް. މިއީ މި ޓީމަށް އަޅުގަނޑުމެންގެ އޮތް އިތުބާރާއި، ހުރިހާ ފަންތިއެއްގައި ދިވެހި ހުނަރުވެރި ވެރިން ބިނާކުރުމަށް ބޭންކުން ދޭ އަހުމިއްޔަތު ހާމަކޮށްދޭ ކަމެއް." ޝަރީފު ވިދާޅުވ އެވެ.
މި އިދާރީ އޮނިގަނޑަށް ގެނެވުނު ބަދަލުތަކުން ހާމަވަނީ ބޭންކް އޮފް މޯލްޑިވްސް އިތުރަށް ހަރުދަނާކޮށް، މުވައްޒަފުންގެ ގާބިލުކަން އިތުރުކުރުމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި ބޭންކު ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކެވެ. އަދި މީގެ އެންމެ ބޮޑު ބޭނުމަކީ ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު މަތިކުރުމެވެ. މިއީ ބޭންކުގެ އެތެރޭގެ ހިންގުމަށް ގެނެވުނު ބަދަލުތަކަކަށް ވާތީ، ކަސްޓަމަރުންނަށް ބޭންކުން ފޯރުކޮށްދޭ ޕްރޮޑަކްޓްތަކާއި ޚިދުމަތްތަކަށް ނުވަތަ މިހާރު މުއާމަލާތް ކުރަމުންދާ އުސޫލުތަކަށް އެއްވެސް ބަދަލެއް ނާންނާނެއެވެ.