ޒަކާތާއި ވަގުފު ފަންޑުން ކުރިއަށްދާ މަޝްރޫއުތަކުގެ އަގު 300 މިލިއަނުގައި

ޝަހީމް ވިދާޅުވީ، ޒަކާތު ފަންޑާއި ވަގުފު ފަންޑު މެދުވެރިކޮށް ކުރިއަށްގެންދާ މި އިންވެސްޓްމަންޓްތަކުގެ ސަބަބުން ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އެ ވުޒާރާއަކީ މާލީ ގޮތުން ބޮޑު ކުރިއެރުމެއް ލިބިފައިވާ ތަނަކަށް ވެގެންދާނެ ކަމަށެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރުންގެ ސުވާލުތަކަށް މިނިސްޓަރު ޝަހީމް ޖަވާބު ދެއްވަނީ. --ފޮޓޯ: މަޖިލީހުގެ އިދާރާ

އިސްލާމިކް މިނިސްޓްރީއަކީ، ދައުލަތުގެ ބަޖެޓަށް ބަރޯސާވުން ކުޑަ، މާލީ ގޮތުން ތަނަވަސް އިދާރާއަކަށް ހެދުމަށް، 300 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓް މަޝްރޫއުތަކެއް ފަށާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ހާމަކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ހަސަން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޝަހީމް ވިދާޅުވީ، ޒަކާތު ފަންޑާއި ވަގުފު ފަންޑު މެދުވެރިކޮށް ކުރިއަށްގެންދާ މި އިންވެސްޓްމަންޓްތަކުގެ ސަބަބުން ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އެ ވުޒާރާއަކީ މާލީ ގޮތުން ބޮޑު ކުރިއެރުމެއް ލިބިފައިވާ ތަނަކަށް ވެގެންދާނެ ކަމަށެވެ. 

މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، ޒަކާތު ފަންޑަށް އޮތް އިތުބާރު ބޮޑުވެ އެ ފަންޑަށް ބޮޑު ކުރިއެރުމެއް ލިބެމުންދާއިރު، ވަގުފު ފަންޑުވެސް އަންނަނީ އިތުރަށް ފުޅާވަމުންނެވެ.

އަމިއްލަ މާލީ ފުދުންތެރިކަން އިތުރުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވަމުން ޝަހީމް ވިދާޅުވީ، މިނިސްޓްރީގެ އަމާޒަކީ ދީނީ ކަންކަން ފެތުރުމާއި މިސްކިތްތައް ބެލެހެއްޓުމުގައި ދައުލަތުގެ ބަޖެޓަށް ބަރޯސާވާންޖެހޭ މިންވަރު ކުޑަކުރުން ކަމަށެވެ. 

މީގެކުރިން މިސްކިތްތައް ބިނާކުރުމަށް އިސްކަންދީފައިވީ ނަމަވެސް، އެތަންތަން ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭނެ މާލީ ނިޒާމެއް ގާއިމުކުރެވިފައި ނެތުމަކީ ބޮޑު ގޮންޖެހުމެއްކަން އޭނާ ފާހަގަކުރެއްވި އެވެ. 

މިސާލެއްގެ ގޮތުން އިސްލާމީ މަރުކަޒަށް އިޝާރާތް ކުރައްވައި ޝަހީމް ވިދާޅުވީ، އެ މަރުކަޒު ބިނާކުރިއިރުވެސް އެތަން ބެލެހެއްޓުމަށް ހާއްސަ މާލީ އިންތިޒާމެއް ހަމަޖެހިފައި ނުވާ ކަމަށެވެ. ނަމަވެސް، ދުނިޔޭގެ އެހެން އިސްލާމީ ގައުމުތަކުގައި މިފަދަ ބިނާތައް ބެލެހެއްޓުމަށް ދާއިމީ މާލީ ވަސީލަތްތައް ހުންނަކަން އޭނާ ފާހަގަކުރެއްވި އެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، ހުރިހާ ކަމަކަށް ދައުލަތުގެ ބަޖެޓަށް ބަރޯސާވެގެން ތިބުމުގެ ބަދަލުގައި، މިހާރު ފަށާފައިވާ އިންވެސްޓްމަންޓް މަޝްރޫއުތަކުގެ ސަބަބުން މިސްކިތްތައް މަރާމާތުކުރުމާއި ދީނީ އެކި ހަރަކާތްތައް ހިންގުމުގައި ކުރިމަތިވާ މާލީ ދަތިތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.