ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ދިޔާނާއަށް މަގާމުގެ ފޮތްކޮޅު އެރުއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި ބެލްޖިއަމް އަށް ރާއްޖެއިން ކަނޑައަޅާ ސަފީރުގެ މަގާމަށް ފާތިމަތު ދިޔާނާ ސައީދު އައްޔަނު ކޮށްފި އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ދިޔާނާއަށް މަގާމުގެ ފޮތްކޮޅު އެރުއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
އެ މަގާމަށް ދިޔާނާ އައްޔަނު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައި ވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހު އެވެ.
ދިޔާނާ އަކީ ސާކް އުފެދުނު ފަހުން އެ ޖަމްއިއްޔާގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ފުރުއްވި ފުރަތަމަ އަންހެން ބޭފުޅާ އެވެ.
އޭގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ފުރަތަމަ އެޓާނީ ޖެނަރަލްގެ މަގާމާއި، ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި ޖެންޑާ މިނިސްޓަރުގެ މަގާމް ވެސް އަދާ ކުރެއްވި އެވެ.
އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި އޭނާ ހުންނެވި ނަމަވެސް މި ސަރުކާރުން ދެ އިންތިހާބު އެއްކޮށްލަން ނެގި ރެފަރަންޑަމްގެ ކެމްޕެއިންގެ ތެރޭގައި ސަރުކާރުގެ ސްޓޭންޑް ދިފާއު ކުރުމުގައި އިސް ގާނޫނީ ވަކީލެއްގެ ގޮތުގައި ދިޔާނާ މަސައްކަތް ކުރެއްވި އެވެ.
އޭގެ ފަހުން އޭނާ ވަނީ އެމްބަސިޑާ އެޓް ލާޖްގެ މަގާމަށް އައްޔަން ކުރައްވައިފަ އެވެ.