މި ފެންނަނީ | ރައީސް ނާސިރުގެ ވިސްނުންފުޅު ދޫކޮށްލުމުގެ ނަތީޖާ

ބޮޑު ވަޒީރު ނާސިރު އެއާޕޯޓް ހަދަން ކޮޅުނބުން މާހިރުން ގެނަ އެވެ. އެމީހުންގެ ބަސް ވިކުނެވެ. ބޯޓު ޖެއްސުނީ އެހެންވެ އެވެ. އެކަމަކު މިހާރު އެ ވިސްނުމެއް ނެތެވެ. ކަންކުރަނީ އެއިރަކު ތިބޭ ބަަޔަކު އެ ދުވަހަކު ހިތަށް އަރާ ގޮތަކަށެވެ.

ފުރަތަމަ ހެދި ކުރަހުން ބަދަލުކޮށް ހުޅުވި ޒަމާނީ އެއާޕޯޓް އަދި ބޮޑު ވަޒީރު ނާސިރު އެއާޕޯޓު ތަރައްގީގެ މަަސައްކަތް ބައްލަވާ ލައްވަނީ

އެއާޕޯޓް ފަދަ ތަންތަނަކީ ފަންނީ ތަޖުރިބާކާރުންގެ ލަފާގެ މަތިން ނޫނީ ނުހެދޭނެ ތަންތަނެވެ. މި ފަންނު ވެރިން ލަފާ ދިނުމުން އެއަށް އިހުތިރާމް ކުރުމަކީ އެކަން ފުރިހަމަވުމުގެ ސަބަބެވެ. އެކަން އެނގެނީ ރާއްޖޭގެ މައި އިގްތިސޯދުތަކުގެ ބިންގާ އެޅުއްވި މޭސްތިރިޔާ ބޮޑުވަޒީރު އިބްރާހިމް ނާސިރު ހުޅުލެ އެއާޕޯޓަށް ތަރައްގީ ކުރުމުގައި ގެންގުޅުއްވި ވިސްނުން ފުޅުންނެވެ. އެ ޒަމާނަކީ ހުނަރުވެރި ތައުލީމީ ދިވެހިން އަމުދުން ރާއްޖެއަކު ނެތެވެ. އެހެންކަމުން ސިލޯން އާއި ސަރުކާރާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން ކޮޅުނބުގެ "ޕަބްލިކް ވޯކްސް ޑިޕާޓްމަންޓު" ގެ އެހީތެރިކަން ހޯއްދެވި އެވެ. މިކަމަށް ބޭނުންވާ މެޝިނާރީ އާއި ތާރު ކައްކާ ތަކެތި އަދި މަސައްކަތް ބަލަހައްޓަން "ސިވިލް އިންޖިނޭރުން" އެ ގައުމުން ހޯއްދެވި އެވެ. އަދި ތާރު ކައްކަން ބޭނުންވާ ދަރު ގެނައީ މާލެއާ ދުރު ރަށްރަށުންނެވެ. އެއާޕޯޓުގެ މަސައްކަތް ރަސްމީކޮށް ފެއްޓެވީ 1، މެއި 1964 ގަ އެވެ. ބޮޑު ވަޒީރު ނާސިރު މި މަސައްކަތް ކުރެއްވީ ތަޖުރިބާކާރުންގެ ލަފާގެ މަތިންނެވެ. އެ މީހުންގެ ޕްރޮފެޝަނަލް އޮޕީނިއަން އަޑު އައްސަވއިގެންނެވެ. މަސައްކަތް ކުރީ އެ މީހުން ބުނާ ގޮތަށެވެ. ރަންވޭ ހަދަމުން ދިޔައީ އެ މީހުން ދިން ކުރެހުމަށެވެ.

ނަމަވެސް ދިވެހިންގެ މޫނުމަތި ފުރިހަމަކޮށްދިން ބިލިއަން ޑޮލަރުގެ މި މަސައްކަތް މިއަދު ނިންމައި ހަތް މިލިއަނަށް ފައްކާ ކުރިތާ އެއް އަހަރު ފަހުން މި ފެންނަނީ ބޮޑު ވަޒީރު ނާސިރުގެ މި ވިސްނުން ދޫކޮށްލުމުގެ ނަތީޖާ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ. މިއަދު މި ދައްކަނީ ފުރިހަމަ ރީތި ބިނާއަށް ވާރެއާ ތެމިފޯވެގެން ނޫނީ ނުވަދެވޭ ވާހަކަ އެވެ. މިއަދުގެ ޝަކުވާއަކީ ޓާމިނަލަށް ވަންނަން ގޮސް ގަޑިއިރު ގަދަ ކަވީގައި ޓެކްސީ ކިޔޫގައި ތިބެން ޖެހޭ ޝަކުވާ އެވެ. 

މި މައްސަލަ ދިމާވީ ކީއްވެގެން ހެއްޔެވެ ؟ މިއީ އިހުމާލެއް ހެއްޔެވެ ؟  ހައްލަކީ ކޮބައި ހެއްޔެވެ؟ 

ވެލާނާ އެއާޕޯޓުގެ ބިޔަ މަޝްރޫއު "މާސްޓަ ޕްލޭނިން އަދި ފީޒިބިލިޓީ ސްޓަޑީޒް" ނިންމާފައިވަނީ 2014-2015 އަހަރު އެވެ. މި މަސައްކަތް ކުރިއަށް ގެންދިއުމުގައި ޕްރޮޖެކްޓް މެނޭޖްމަންޓް ކޮންސަލްޓަންޓެއްގެ ގޮތުގައި "ސިންގަޕޫރުގެ ސަބާނާ ޖުރޮންގް" މަސައްކަތް ކުރި އެވެ. މިއީ އެންމެ ކިޔާމޮޅު ސިންގަޕޫގެ ޗަންގީ އެއާޕޯޓު ފަރުމާކުރި ކުންފުންޏެވެ. މި ކުންފުނިން ހިސާބު ޖަހައި ރާއްޖޭގެ މާހައުލާ އެއްގޮތަށް ޓާމިނަލް ފަރުމާކުރި އެވެ. އެ މީހުން ހަމައެކަނި ވިސްނީ އެތަނުގެ ބޭރުގައި ރީތި ފަރުމާއެއް ގެންނަން އެކަންޏެއް ނޫނެވެ. އެ މީހުންގެ ސިކުނޑި ގެންގޮސް ހުއްޓާލި އެއް ހިސާބަކީ ރާއްޖޭގެ މޫސުމެވެ. ދެ މޫސުމުގައި އަންނަ ގަދަ ވަޔާއި ބުރުއްސާ ލޮނު އަދި ބޯ ކެރި އާއި ގަދަ އަވިން މި ޓާމިނަލް ބޭނުން ކުރާ މީހުން ސަލާމަތްވާނެ ގޮތް އެ މީހުން ވިސްނައި ފުރިހަމަ ކުރެހުމެއް ހެދި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ފުރަތަމަ ހެދި މާސްޓަ ޕްލޭންގެ ކުރެހުމެއް

ފުރަތަމަ ތައްޔާރުކުރި ކުރެހުމާ ވަނީ ކުޅެފަ

މި ޕްރޮފެޝަނަލް އޮޕީނިއަންގެ މައްޗަށް 2016 ގައި ޑިޒައިން ފައިނަލްކޮށް އަދި އަމަލީ މަސައްކަތް ފަށަން ސައޫދީ ބިންލާދިން ކުންފުންޏަށް ހަވާލު ކުރި އެވެ. އެ ކުރެހުމުގައި އޮތްގޮތުންނަމަ އެއާޕޯޓަން އަންނަ މިހުންގެ ބޮލަށް އެންމެ އަވިކޮޅެއް ވެސް ނުދީ އެއާޕޯޓަށް ވަދެވޭނެ އެވެ. މިހާރުގެ މައްސަލައިގެ ހައްލު އެމީހުން ދީފައިވެ އެވެ. 

އެއާޕޯޓުގައި މަސައްކަތް އެ ދުވަސްވަރު ހަރަކާތްތެރިވި ކޮންސެލްޓެންޓެއް މިރާ އަށް ކިޔައިދިން ގޮތުގައި މިހާރުގެ މައްސަލައިގެ ހަގީގީ ސަބަބަކީ މާސްޓް ޕްލޭންގައި އޮތް ކުރެހުމާ ކުޅުމެވެ. 

"ކޮންމެ ރައީސަކު އެބަޖެހޭ މިއާ ކުޅެން. އެ މީހުން ހިތާވާ ގޮތަކަށް ބަދަލު ކުރަން. މިހެން ހެދުމުގެ ނަތީޖާ މި ފެންނަނީ،" ނަން ނެޖުމަށް އެދި ކިޔައިދިނެވެ.

ހުޅުލެ އެއާޕޯޓް ތަރައްގީ ކުރަމުން ދިޔަ ދުވަސްވަރު ބޮޑު ވަޒީރު ނާސިރު -- ދިވެހިއާކޭވް

ގާތްގަނޑަކަށް 300 އެތައް މިލިއަން ޑޮލަރުގެ އަގު ބޮޑު ޓާމިނަލް ކިތަންމެހާ ވެސް ފުރިހަމަ ނަމަވެސް ހަގީގަތަކީ އާ ޓާމިނަލް ހުޅުވިތާ އެއްއަހަރު ނުވަނީސް މި ވާހަކަ ފެންމަތިވާން މެދުވެރިވި ސަބަބަކި މިތަނުގެ ކުރެހުމާ ކުޅުނެވެ. ސުވާލަކީ މި ތަނަށް ފުރިތަމަ ފަރުމާކުރި ކުރެހުމާ ކުޅުނީ ކޮން ބައެއް އެއްޔެވެ؟

މިހާރު ޖެހިފައިވާ މައްސަލައިގެ ހަގީގީ ކުނި ޖެހުނީ އެއާޕޯޓުގެ ތަރައްގީގެ ކަންކަން ބަލަހައްޓާ މަންދޫބަކަށް މަހުޖޫބު ޝުއާއު ހަމަޖެއްސި ހިސާބުންނެވެ. މަޖުހޫބު މި މަސައްކަތަށް ނަގާކިން ހުންނަވައި ވަނީ މި ބަދަލު ގެނެސްފަ އެވެ. ޓާމިނަލްގެ ކިތަންމެ ފުރިހަމަ ކުރެއްހުމެއް ހެދިނަމަވެސް މި މަސައްކަތާ ހަވާލުވުމާއެކު ކުރެހުމެއް ނެތްކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރަސްމީކޮށް އިއުލާނު ކުރެއްވި އެވެ.

ރައީސް އޮފީހުގައި 24، ޖެނުއަރި 2019 ގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ސޯލިހު ވިދާޅުވެފައިވާ ގޮތުގައި ޓާމިނަލްގެ ކޮލަމްތައް ޖެހި ނަމަވެސް އެތަނުގެ ފަރުމާއެއް ފެންނާކަށް ނެތެވެ. އޭގެ ކުރީގަ އޭރުގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ އެއާޕޯޓު ވަކިން ވިއްކޭ ތަނެއްގެ ގޮތުގައި ދިވެހިވަންތަ ސިފަ ގެންނަން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. މީގެން އެނގެނީ ކުރެހުން ބަދަލުކޮށް މުޅި މަޝްރޫއު އެކޮޅުކޮޅުން ޖެހީ މި ދުވަސްވަރު ކަމެވެ. އޭގެފަހުން 19، އެޕްރީލް 2022 ގައި މިހާރުގެ "ރާޅުބާނި ޓާމިނަލްގެ ކުރެހުން" ދައްކާލި އެވެ. މި ހިސާބުން މަސައްކަތް ނިންމަމުން ދިޔައީ އެ ކުރެހުމުގެ މައްޗަށެވެ. އެ ކުރެހުމުގައި އޮތްގޮތުން ފުރަން އަންނަ މީހުން ވަންނަން ޖެހެނީ މިހާރު ގޭޓްތައް ހުރި ސަރަހައްދުންނެވެ. 

އެމްއޭސީއެލްގެ އެމްޑީ މަހުޖޫބު ސުޖާއު ވާހަކަފުޅު ދައްކަވަނީ -- މި

މައްސަލަ ހައްލުކުރަން ފުރުސަތު ލިބުނު، ނުކުރީ

ރާޅު ބާނި ފަރުމާއަށް ކުރެހި ޓާމިނަލް އޮތްގޮތުން ހުޅަނގު މޫސުމުގައި ޓާމިނަލްގެ ކޮރިޑޯ އޭރިއާ ބޭނުމެއް ނުކުރެވޭނެ އެވެ. އެކަން އެންމެންނަށް ވެސް އެނގެ އެވެ. އަދި އެކަމުގެ ޝަކުވާ އިންޖިނޭރުން ދިޔައީ ކުރަމުންނެވެ. ނަމަވެސް އެކަން ހައްލެއް ނުކުރި އެވެ. ކޮވިޑަށް މެދުކެނޑުމަށްފަހު އަލުން އެއާޕޯޓުގެ މަސައްކަތް ފެށިގެން ދިޔައިރުވެސް އެކަން ހައްލެއް ނުކުރެވުނެވެ. 

އެމްޑީޕީގެ ވެރިކަން ބަދަލުވިފަހުން ވެސް މި މައްސަލަ ހައްލުކުރަން ފުރުސަތު ލިބުމެވެ. މި ސަރުކާރަށް ވެސް މި ބަދަލު ގެންނަން ފުރުސަތު އޮތެވެ. ނަމަވެސް އެމްއޭސީއެލް ހިންގުމާ މިހާރުގެ އެމްޑީ މުހައްމަދު ޝަރީފު ހަމަޖެއްސި ހިސާބުން ފަޔަށް ހިނި އަރައިގެން އުޅުނީ މިނިވަން ދުވަހަށް އެއާޕޯޓް ހުޅުވާށެވެ. އަވަހާ ރިބަންފަށް ކަނޑާށެވެ. ބޮޑު ހަރަދު ކުރީ ޑްރޯން އަރުވައިގެން ރެކޯޑެއް ހަދާށެވެ. ރަނގަޅަށް ތަން ނުނިމުނަސް އަވަސް އަރުވާލައިގެން އުޅުމުގެ ނަތީޖާއަކީ ކުރީގެ އެ މައްސަލަ ތަކަށް ހައްލެއް ނުލިބުމެވެ.

އެމްއޭސީއެލްގެ އެމްޑީ މުހައްމަދު ޝަރީފު ހަނިމާދޫ އެއާޕޯޓް ހުޅުވުމުގެ ތައްޔާރީތަކުގެ ދަށުން ސްޓޭކްހޯލްޑަރުންނާ ބައްދަލު ކުރައްވަނީ -- އެމްއޭސީއެލް

މި މަސައްކަތުގައި އިސްކޮށް އުޅުއްވި ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި ޓާމިނަލްގެ މާސްޓަ ޕްލޭންގައި ޓާމިނަލަށް ވަންނަ މީހުންނަށް ފުރިހަމަ އެކްސެސް ދެވޭނެ ގޮތް އޮންނާނެ އެވެ.

"އެހެން ޓާމިނަލްތައް ހުންނަނީ ޑިޕާޗާ އަށް ދާ ފަސިންޖަރުން މަތީ ފްލޯތަކުންދާ ގޮތަށް ފްލައި އޯވާ ހަދާފަ. މިތަން ވެސް އެގޮތަށް ބަދަލު ކުރަންވީ މިހާރު ވެސް، ނުވާންވީ ސަބަބެއް ނެތް. ކުރީގެ ކުރެހުންތަކުގައި ހުންނާނެ ލޯންޗުން ފައިބައިގެން ނުތެމި، އަވީގަ ނުޖެހި، ޓާމިނަލަށް ވަދެ ނިކުމެވޭނެ ގޮތަށް،" ނަން ނުޖެހުމަށް އެދި ކިޔައިދިނެވެ.

ރީތި ފަރުމާއެއްގެ މައްޗަށް ޓާމިނަލް ހެދިނަމަވެސް އެއާޕޯޓަށްދާ މަގުވެސް އެއޮތީ އެއާޕޯޓެއްގެ މަގެއް އޮންނާނެ ގޮތަކަށް ނޫނެވެ. އިންޓަނޭޝަނަލް ޓާމިނަލަކަށްދާ މަގުތަކުގައި ހުންނަން ޖެހޭ އެއްވެސް ނިޝާނެއް ނެތެވެ. އެތަނުން ވާއެއް ނުވާއެއް ނޭނގެ އެވެ. އެއާޕޯޓް ޓާމިނަލުން ދިވެހި ކެއުންތައް ލިބޭ ދިވެހި ރެސްޓޯރެންޓް ބްރޭންޑު ތަކަށް ފުރުސަތު ދޭން "ކަރުދާހުގަ" އޮތަސް އެކަމެއް ނުވެ އެވެ. އެމްއޭސީއެލް އިން އުޅެނީ އެއަށްވުރެ މާ ބުރަކޮށް ދަނޑު އަޅާށާއި ކުޅިވަރުގެ ހަދާށެވެ. ބިން ހިއްކާށާއި ތޮށި ލާށެވެ.

މި ހުރިހާ މައްސަލައެއް ފެންމަތިވީ ވެސް މިހުރިހާކަމެއް ގެތި މެހިގެންނެވެ. ނަމަވެސް މި މައްސަލައިގެ ހަގީގީ ސަބަބު އުފެދުނީ ބޮޑު ވަޒީރު ނާސިރު ގެންގުލުންވި ތަރައްގީގެ ދުރު ވިސްނުން ދޫކޮށްލި ހިސާބުންނެވެ. ތަޖުރިބާކާރުންގެ ބަހުގައި ނުހިފުމުންނެވެ. އެ މީހުން ކުރަހާއިދޭ ކަރުދާހުގައި ކުލަ ނުޖެއްސުމުންނެވެ. 

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.