މަޖިލީހުގެ ތަޅުމުގައި މެންބަރުން މަޝްރޫއުތައް އަވަސްކުރުމަށް ބާރުއަޅުއްވާއިރު، ޕާޓީގެ ލީޑަޝިޕުން މަޝްރޫއުތައް ހުއްޓާލަން ބުނުމަކީ ދެކޮޅުނުޖެހޭ ކަމެއް ނޫން ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ރާއްޖޭގެ އިގްތިސާދީ ހާލަތަށް ރިއާޔަތްކޮށް ތަރައްގީގެ މަޝްރޫއުތައް ހުއްޓާލުމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވަމުން ގެންދަވާއިރު، އެ ޕާޓީގެ މަޖިލިސް މެންބަރުން ވަޒީރުން ހާޒިރުކޮށް މަޝްރޫއުތައް ލަސްވާތީ ސުވާލުކުރައްވާ މައްސަލައިގައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު އެދިވަޑައިގަތީ، މަޝްރޫއުތަކާ ގުޅޭގޮތުން އެމްޑީޕީން ގެންގުޅޭ ސިޔާސަތު އެއްގޮތް ކުރުމަށެވެ.
މަޖިލީހުގެ ތަޅުމުގައި މެންބަރުން މަޝްރޫއުތައް އަވަސްކުރުމަށް ބާރުއަޅުއްވާއިރު، ޕާޓީގެ ލީޑަޝިޕުން މަޝްރޫއުތައް ހުއްޓާލަން ބުނުމަކީ ދެކޮޅުނުޖެހޭ ކަމެއް ނޫން ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
މުއްތަލިބު ވިދާޅުވި ގޮތުގައި، ގައުމަށް ކުރިމަތިވެފައިވާ އިގްތިސާދީ ދަތިތަކާއެކުވެސް، ސަރުކާރުގެ އަމާޒަކީ އެއްވެސް މަޝްރޫއެއް ހުއްޓާނުލައި، ވީހާވެސް އަވަހަށް ނިންމައި ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމުގައި ވިދާޅުވި އެވެ.
ނަމަވެސް، މިދިޔަ އެމްޑީޕީގެ ސަރުކާރުން ގިނަ މަޝްރޫއުތަކެއް ހުއްޓިފައިވާ ހާލަތެއްގައި ދޫކޮށްލާފައިވުމާއި، ގައުމުގެ މާލީ ހާލަތު އޮތް ގޮތުން، ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅުވާ ބާރުމިނުގައި މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ހުރަސްތަކެއް ހުރިކަމަށް އޭނާ ވިދާޅުވި އެވެ.
މިގޮތުން، ކުރީގެ ސަރުކާރުން ބައެއް ބޮޑެތި މަޝްރޫއުތައް ހަވާލުކޮށްފައިވަނީ މަސައްކަތް ކުރުމުގެ ގާބިލުކަން ނެތް ކުންފުނިތަކާ ކަމަށާއި، ހާއްސަކޮށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކުރި މަޝްރޫއުތައް، އެ މަސައްކަތް ކުރެވޭނެ ފަންނީ އަދި މާލީ ތަނަވަސްކަން ނެތް ކުދި ކުންފުނިތަކަށް ސަބްކޮންޓްރެކްޓް ކޮށްފައިވާކަން މުއްތަލިބު ފާހަގަކުރެއްވި އެވެ.
މުއްތަލިބު އިތުރަށް ވިދާޅުވީ، ކުރީގެ ސަރުކާރުން ފަށާފައިވާ އެއްވެސް މަޝްރޫއެއް މި ސަރުކާރުން ހުއްޓާނުލާނެ ކަމަށާއި، މި ސަރުކާރުގެ އާ ވައުދުތަކާއެކު ހުރިހާ މަސައްކަތެއްވެސް ތަރުތީބުން ކުރިއަށް ގެންދިއުމަށް ބުރަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.