ދަ ވޮޝިންޓަން ޕޯސްޓުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޔޫއެސް ޔޫރަޕިއަން ކޮމާންޑްގެ ވެރިޔާ ޖެނެރަލް އެލެކްސަސް ގްރިންކެވިޗް ވަނީ ޕެންޓަގަންގެ އޮފިޝަލުންނަށް މި ހަފްތާގެ ކުރީކޮޅު މިކަން އަންގަވާފައެވެ.

އީރާނުން އިސްރާއީލަށް ދެމުންގެންދާ ބެލިސްޓިކް މިސައިލް ހަމަލާތައް ހުއްޓުވުމަށް އެމެރިކާގެ ކަނޑުގެ އަސްކަރިއްޔާގައި އެކަށީގެންވާ ވަރަށް ވަސީލަތްތައް ނެތްކަމަށް، ޔޫރަޕްގައި ހުންނަ އެމެރިކާގެ އަސްކަރިއްޔާގެ އިސް ކޮމާންޑަރު ޕެންޓަގަން އަށް އަންގައިފި އެވެ.
ދަ ވޮޝިންޓަން ޕޯސްޓުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޔޫއެސް ޔޫރަޕިއަން ކޮމާންޑްގެ ވެރިޔާ ޖެނެރަލް އެލެކްސަސް ގްރިންކެވިޗް ވަނީ ޕެންޓަގަންގެ އޮފިޝަލުންނަށް މި ހަފްތާގެ ކުރީކޮޅު މިކަން އަންގަވާފަ އެވެ. އޭނާ ވިދާޅުވެފައި ވަނީ އެމެރިކާގެ ނޭވީ ޑިސްޓްރޯއެއް އިތުރަށް ނުލިބިއްޖެނަމަ، އެމެރިކާ ދިފާއުކުރުން ނުވަތަ އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއު ކުރުމާ ދެމެދު ގޮތެއް ނިންމަން އެ ކޮމާންޑަށް މަޖުބޫރުވާނެ ކަމަށެވެ.
މި ރިޕޯޓާ ގުޅިގެން އިސްރާއީލުންނާއި ޕެންޓަގަންގެ އިތުރުން ޔޫއެސް ޔޫރަޕިއަން ކޮމާންޑުންވެސް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.
މިދިޔަ އޮކްޓޯބަރު 7 ގައި ދިން ހަމަލާއަށްފަހު، އެމެރިކާއިން ވަނީ އިސްރާއީލު ދިފާއުކުރުމަށް އެހީތެރިވުމުގެ ގޮތުން މެދުއިރުމަތީގެ އެކި ސަރަހައްދުތަކުގައި ކަނޑުގެ އަސްކަރިއްޔާގެ ޑިސްޓްރޯޔަރުތައް ރުކުރުވާލާފަ އެވެ. އީރާނުގެ ސިފައިންނާއި ޔަމަނުގެ ހޫޘީން ފޮނުވާލާ މިސައިލްތައް ވައްޓާލުމުގައި އެމެރިކާގެ ޑިސްޓްރޯޔަރުތަކުން ދަނީ ހަރަކާތްތެރި ވަމުންނެވެ.
މި މަހުގެ ކުރީކޮޅު ދަ ނިއުޔޯކް ޓައިމްސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި އީރާނަށް ދެމުންދިޔަ ހަމަލާތައް މަޑުޖައްސާލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވި މައިގަނޑު ސަބަބަކީ މެދުއިރުމަތީގައި ހުރި އެމެރިކާގެ ވައިގެ ދިފާއީ ވަސީލަތްތައް ވަރަށް ބޮޑަށް މަދުވެދާނެކަމުގެ ބިރު އޮތުމުންނެވެ.
މަސްދަރުތަކާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، ޖޮއިންޓް ޗީފްސް އޮފް ސްޓާފްގެ ޗެއާމަން ޖެނެރަލް ޑޭން ކޭން ވަނީ، އީރާނަށް ދޭ ހަމަލާތައް ފުޅާކުރުމަކީ ކުރެވިދާނެ ކަމެއް ނަމަވެސް، އެގޮތަށް ކަންތައް ކުރުމުން ޔޫ.އެސް ސެންޓްރަލް ކޮމާންޑަށް ލިބެންހުރި އިންޓަސެޕްޓަރުތަކުގެ އަދަދު ނުރައްކާތެރި މިންވަރަކަށް މަދުވެގެން ހިނގައިދާނެކަމުގެ އިންޒާރު ދެއްވާފަ އެވެ.
މެއި މަހު ދަ ވޮޝިންޓަން ޕޯސްޓުން ނެރުނު ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި، އީރާނާ އެކު ކުރެވުނު ހަނގުރާމައިގައި އީރާނުގެ ބެލިސްޓިކް މިސައިލްތަކުން އިސްރާއީލު ދިފާއު ކުރުމަށް އެހީތެރިވުމުގެ ގޮތުން އެމެރިކާއިން ގާތްގަނޑަކަށް 300 އިންޓަސެޕްޓަރު ފޮނުވާލިއިރު، އިސްރާއީލުން އަމިއްލައަށް ފޮނުވާލާފައިވަނީ 190 އިންޓަރސެޕްޓަރެވެ.
ޕެންޓަގަންގެ އަންދާޒާތަކާއި އެމެރިކާގެ މަސްދަރުތަކާ ޙަވާލާދީ އެ ރިޕޯޓުގައި ބުނެފައިވަނީ، އިސްރާއީލު ދިފާޢުކުރުމަށް ވޮޝިންޓަނުން 200 އަށްވުރެ ގިނަ ހައި-އަލްޓިޓިއުޑް ތާޑް އިންޓަސެޕްޓަރު ފޮނުވާލާފައިވާ ކަމަށެވެ. މިއީ ޕެންޓަގަންގައި ރައްކާކޮށްފައިހުރި މިބާވަތުގެ ހަތިޔާރުގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބަ އެވެ. މީގެ އިތުރުން، އިރުމަތީ މެޑިޓަރޭނިއަން ކަނޑުގައި ހުރި އެމެރިކާގެ ނޭވީ މަނަވަރުތަކުން އިތުރު 100 އަށްވުރެ ގިނަ އިންޓަސެޕްޓަރު ފޮނުވާލާފައިވާކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ. މިއާ ހިލާފަށް، އިސްރާއީލުން ފޮނުވާލާފައިވަނީ އެރޯ އިންޓަސެޕްޓަރުގެ 100 އަށްވުރެ މަދު އަދަދަކާއި، ޑޭވިޑްސް ސްލިންގް މިސައިލްގެ 90 އެވެ.
ޕެންޓަގަންގެ އަންދާޒާތަކުން ދައްކާގޮތުގައި އިސްރާއީލުގެ މިސައިލް ދިފާއީ ނިޒާމުގެ އެންމެ ބޮޑު ބުރައެއް އުފުލާފައިވަނީ އެމެރިކާއިންނެވެ. އެމެރިކާ ސަރުކާރުގެ އޮފިޝަލަކާ ހަވާލާދީ ރިޕޯޓުގައި ބުނެފައިވަނީ، "ޖުމްލަކޮށް ބަލާއިރު، އެމެރިކާއިން 120 އަށްވުރެ ގިނަ އިންޓަސެޕްޓަރު ފޮނުވާލާފައިވޭ އަދި އީރާނުގެ ދެގުނަ ގިނަ މިސައިލްތަކާ ކުރިމަތިލާފައިވޭ" މިހެންނެވެ.
ދަ ވޮޝިންޓަން ޕޯސްޓުން ބުނެފައިވާ ގޮތުގައި، އީރާނާ އެކު ކުރެވުނު ހަނގުރާމައިގައި އިސްރާއީލުން އަމިއްލައަށް ބޭނުންކުރި ވަރަށްވުރެ މާ ގިނައިން ހަތިޔާރު ބޭނުންކޮށްގެން އިސްރާއީލު ދިފާއު ކުރުމުގެ ސަބަބުން، އެމެރިކާގެ އަސްކަރިއްޔާގައި ހުރި ޒަމާނީ އިންޓަސެޕްޓަރުތަކުގެ ބޮޑު ބައެއް ވަނީ ހުސްވެފަ އެވެ.
"އިސްރާއީލަކީ އަމިއްލައަށް ހަނގުރާމަކޮށް ކާމިޔާބު ހޯދުމުގެ ގާބިލުކަން ހުރި ގައުމެއް ނޫން، އެކަމަކު އެއްވެސް މީހަކަށް މިކަމެއް ނޭނގޭނެ، ސަބަބަކީ އެމީހުންނަށް ފަރުދާގެ ފަހަތުގައި ހިނގާ ކަންތައްތައް ނުފެންނާތީ،" ރިޕޯޓުގައި ހަވާލާދީފައިވާ އެމެރިކާގެ އޮފިޝަލަކު ވިދާޅުވެފައިވެ އެވެ.