އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މި އަހަރުގެ އޭޕްރީލް މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި 34.40 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.

މިދިޔަ ޖޫން މަހު މުދަލު ޒަކާތުގެ ގޮތުގައި ޖުމްލަ 21.3 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް ޒަކާތު ހައުސްއިން ބުނެފި އެވެ.
ޒަކާތު ހައުސްއިން ނެރުނު ތަފާސްހިސާބުން ދައްކާ ގޮތުގައި، މިދިޔަ އަހަރާ އަޅާ ބަލާއިރު، މިއަހަރުގެ ޖޫން މަހު ވަނީ މުދަލު ޒަކާތުގެ ގޮތުގައި ބޮޑު އަދަދެއް ލިބިފަ އެވެ.
މިދިޔަ އަހަރުގެ ޖޫން މަހު މުދަލު ޒަކާތުގެ ގޮތުގައި ލިބިފައި ވަނީ 10.6 މިލިއަން ރުފިޔާ އެވެ. މިއީ 100 ޕަސެންޓްގެ ކުރިއެރުމެއް ކަމަށް ޒަކާތު ހައުސްއިން ބުންޏެވެ.
އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މި އަހަރުގެ އޭޕްރީލް މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި 34.40 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 26.73 މިލިއަން ރުފިޔާއާ އަޅާބަލާއިރު 28.73 ޕަސެންޓްގެ އިތުރުވުމެއްކަން ޒަކާތު ހައުސްއިން ފާހަގަކޮށްފައިވެ އެވެ.
މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި މުދަލު ޒަކާތުގެ ގޮތުގައި ޖުމްލަ 79.73 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. ޒަކާތު ހައުސްއިން ބުނީ މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 61.58 މިލިއަން ރުފިޔާއާ އަޅާބަލާއިރު 29.48 ޕަސެންޓްގެ ކުރިއެރުމެއް ކަމަށެވެ.
އެ އިދާރާއިން އިތުރަށް ބުނީ މިދިޔަ ޖޫން މަހުގެ ތެރޭގައި ޒަކާތުގެ ބެހެނިވެރީންގެ އެކި ދާއިރާތަކަށް ޖުމުލަ 18.8 މިލިއަން ރުފިޔާ ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ.
މީގެ ތެރެއިން އެންމެ ބޮޑު ބައެއް ހޭދައެއް ކޮށްފައިވަނީ ފަގީރުންނާއި މިސްކީނުންގެ ދާއިރާއަށެވެ. އެ ދާއިރާއަށް ޖުމްލަ 17 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.