މިހާރު ނައިބު ރައީސްގެ މަގާޟުގައި ހުންނެވި ތިން ބޭފުޅުން ވެސް އަލުން އެ މަގާމަށް ވާދަ ކުރައްވަ އެވެ.

ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ ނައިބު ރައީސްގެ މަގާމަށް އެ ޕާޓީގެ އިސް ހަ ބޭފުޅަކު ކުރިމަތިލާން ނިންމަވައިފި އެވެ.
ޕީއެންސީގެ ކޮންގްރެސް ބާއްވަން ނިންމާފައި ވަނީ އަންނަ މަހު ތެރޭގަ އެވެ. ކޮންގްރެސްގައި އެ ޕާޓީގެ އާ ނައިބު ރައީސުން އިންތިހާބު ކުރުން ވެސް އޮންނާނެ އެވެ.
މިހާތަނަށް އެ މަގާމަށް ޝައުގުވެރިކަން ފާޅު ކުރައްވާފައިވާ ބޭފުޅުންގެ ތެރޭގައި ހިމެނެނީ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އަދި ސަރުކާރުގެ ތަރުޖަމާނުގެ މަގާމުގައި ހުންނެވި މުހައްމަދު ހުސެއިން ޝަރީފް (މުންދު) އެވެ.
މި ތިން ބޭފުޅުންނަކީ މިހާރު ވެސް އެ ޕާޓީގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ފަރާތްތަކެވެ.
އޭގެ އިތުރުން މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު އާއި ކެބިނެޓުގައި ރައީސާ ވަރަށް އަރިސް މެންބަރެއްގެ ގޮތުގައި ހުންނެވި ޔޫތު މިނިސްޓަރު އަބްދުﷲ ރާފިއު އަދި ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ ވެސް އެ މަގާމަށް ވާދަ ކުރައްވަ އެވެ.
ޕީއެންސީގެ އަސާސީ ގަވާއިދު ބުނާ ގޮތުން އެ ޕާޓީގެ ވެރިކަމެއް އޮންނަ އިރު ޕާޓީގެ ރައީސަކީ ރައިސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ފަރާތެކެވެ. އަދި ޗެއާޕާސަންގެ މަގާމުގައި ހުންނަވާނީ ޕާޓީގެ ރައީސް އައްޔަން ކުރައްވާ ފަރާތެކެވެ.
ނަމަވެސް ޕާޓީގެ އެންމެ މަތީ މަޖިލީހުން ނައިބު ރައީސުންނާއި އެހެނިހެން މަގާމްތަކަށް މީހުން އިންތިހާބު ކުރަން ޖެހެ އެވެ.