ރާއްޖޭން ތުރުކީއަށް އެތެރެކުރާ މަހަށް އިނާޔަތް ލިބޭ އެއްބަސްވުމަށް އަމަލު ކުރަން ފަށައިފި

ރާއްޖެއާއި ތުރުކީއާ ދެމެދު ވެފައިވާ މޯލްޑިވްސް-ތުރުކީ ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓް (އެމްޓީޕީޓީއޭ) އަށް މިއަދު އަމަލު ކުރަން ފެށުމާއެކު މީގެ އެންމެ ބޮޑު މަންފާއެއް ލިބޭނީ ދިވެހި މަސްވެރިކަމަށެވެ.

ތުރުކީގެ ރައީސް ރަޖަބު ތޮއްޔިބު އުރުދުގާންއާ ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްދަލު ކުރައްވަނީ

ރާއްޖޭގެ ވިޔަފާރިއަށް ފަހިކަން ލިބޭނެ ގިނަ ބައިތަކެއް ހިމެނޭ ތުރުކީ-ރާއްޖެ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް މިއަދުން ފެށިގެން އަމަލު ކުރަން ފަށައިފި އެވެ. 

ރާއްޖެއާއި ތުރުކީއާ ދެމެދު ވެފައިވާ މޯލްޑިވްސް-ތުރުކީ ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓް (އެމްޓީޕީޓީއޭ) އަށް މިއަދު އަމަލު ކުރަން ފެށުމާއެކު މީގެ އެންމެ ބޮޑު މަންފާއެއް ލިބޭނީ ދިވެހި މަސްވެރިކަމަށެވެ. 

މި އެއްބަސްވުމަށް އަމަލު ކުރަން ފެށުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ މިއީ ދެ ޤައުމުގެ ދެމެދުގައި އޮތް އިޤްތިސާދީ އަދި ވިޔަފާރީގެ ގުޅުމަށް ލިބިގެންދިޔަ ވަރަށް މުހިންމު ކުރިއެރުމެކެވެ. އަދި މިއީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާންގެ ގުޅިފައިވާ ތަޞައްވުރުގެ މައްޗަށް ބިނާވެގެން އައިސްފައިވާ މުހިންމު ލަނޑުދަނޑިއެއް ކަމަށް ސައީދު ފާހަގަ ކުރެއްވި އެވެ. 

ރާއްޖެ- ތުރުކީން މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ނޮވެމްބަރު 4، 2024 ގަ އެވެ. މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ. އަދި އެ ގައުމުގެ ޓްރޭޑް މިނިސްޓަރު ޕްރޮފެސާ ޑރ. އޮމާރު ބޮލަޓް އެވެ. 

ދެ ގައުމުން މިއެއްބަސްވުމަށް ދިޔައީ ރައީސް ޑރ. މުއިއްޒު ވެރިކަމާ ހަވާލުވަޑައިގެން ބޭރަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅުގައި ތުރުކީއަށް ވަޑައިގެން ތުރުކީގެ ބޮޑު ވަޒީރު ތައްޔިބު އުރުދުޣާން އާ އެކު ކުރެއްވި މަޝްވަރާއަށްފަހު އެވެ. 

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އާއި ތުރުކީގެ ޓްރޭޑް މިނިސްޓަރު ޕްރޮފެސާ ޑރ. އޮމާރު ބޮލަޓް އެއްބަސްވުން ބަދަލު ކުރަނީ -- އިކޮނޮމިކް މިނިސްޓްރީ

މިއަދު އަމަލު ކުރަން ފެށި އެއްބަސްވުމާ ބެހޭ ގޮތުން ސައީދު ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން 75 ބާވަތެއްގެ މުދަލުން ޓެރިފް (ޑިއުޓީ) ގެ ލުއިތަކެއް ދެ ގައުމުގެ ދެމެދުގައި ބަދަލުކުރެވިގެންދާނެ އެވެ. މީގެ ސަބަބުން، 85 މިލިއަނަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ތުރުކީގެ ބޮޑު މާކެޓަށް ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތައް އެކްސްޕޯޓުކުރުމަށް ފަހި ފުރުސަތުތަކެއް ހުޅުވިގެންދާނެކަން ސައީދު ފާހަގަ ކުރެއްވި އެވެ.

" ހަމައެއާއެކު، ރާއްޖޭގެ ވިޔަފާރިތަކަށް ތުރުކީގެ އުފެއްދުންތަކާއި ޒަރޫރީ މުދާ ފަސޭހަކަމާއެކު ލިބުމުގެ މަގު ތަނަވަސްވެގެންދާނެ އެވެ. މި މުހިންމު އެއްބަސްވުމާއެކު، ކުރިމަގުގައި ދެ ޤައުމުގެ ދެމެދުގައިވާ އިޤްތިޞާދީ ގުޅުން އިތުރަށް ބަދަހިވެ، ދެ ޤައުމުގެ ރައްޔިތުންނަށްވެސް ދިގުދެމިގެންވާ ތަނަވަސްކަމާއި ފާގަތިކަން ލިބިގެންދާނެކަމަށް ވަނީ އުންމީދު ކުރެވެއެވެ،" ސައީދު ފާހަގަ ކުރައްވާފައިވެ އެވެ. 

މި އެއްބަސްވުމުގެ ދަށުން ތުރުކީއަށް އެކްސްޕޯޓު ކުރާ މަހުގެ ބާވަތްތަކަށް ލުއި ލިބުމާ އެކު ދިވެހި މަސް އެކްސްޕޯޓު ކުރާ ފަރާތްތަކަށް ތުރުކީ މާކެޓްގައި ވިޔަފާރި ފުޅާ ކުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ. މީގެއިތުރުން، މި އެއްބަސްވުމާއެކު ދެ ގައުމުގެ ދެމެދު ކުރެވޭ ވިޔަފާރީގެ ހުރަސްތައް ކުޑަ ކުރެވި، ވިޔަފާރީގެ ގުޅުން ވަރުގަދަ ވުމުގެ އިތުރުން ދިވެހި ވިޔަފާރިތަކަށް ތުރުކީގެ އުފެއްދުންތައް އަގުހެޔޮކޮށް ލިބުމުގެ ފަހިވާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފައިވެ އެވެ. 

ރާއްޖެއަށް ޑިއުޓީގެ ލުއި ލިބޭނެ ބާވަތްތައް

  •  ކާބޯ ތަކެތި
  •  މަހުގެ އުފެއްދުންތައް
  •  ސިނާއީ އަދި ކޮންސްޓްރަކްޝަން މެޓީރިއަލްސް
  •  މެރިން އަދި ޓްރާންސްޕޯޓް
  •  ގޭގައި ހިފާ ގެންގުޅޭ ތަކެތި
  •  ފަރުނީޗަރު

އިކޮނޮމިކް މިނިސްޓަރު ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން 100 އަށް ވުރެ ގިނަ ބާވަތްތަކުން ޑިއުޓީ ކުޑަވެގެން ވާނެ އެވެ. އަދި ތުރުކީއަށް ޑިއުޓީ ނުނަގައި ދިވެހި މަސް އެކްސްޕޯޓް ކުރުމުގެ ދޮރު ހުޅުވިގެންދާނެ ކަން ސައީދު ފާހަގަ ކުރެއްވި އެވެ. 

ރާއްޖެ ފްރީޓްރޭޑް - ރާއްޖޭން މިހާތަނަށް ފްރީޓްރޭޑް އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ ޗައިނާއެކުގަ އެވެ. ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2018 ވަނަ އަހަރު މި އެއްބަސްވުމުގައި ސޮއިކުރިނަމަވެސް އަމަލީ އެއްވެސް މަސައްކަތެއް ކޮށްފައެއް ނެތެވެ. ނަމަވެސް ރައީސް ޑރ، މުއިއްޒު ދަނީ އެ އެއްބަސްވުމަށް އަމަލު ކުރަން ފަށާފަ އެވެ. އަދި މިކަމުގެ ސަބަބުން ދެ ގައުމުގެ ގުޅުން ވަނީ ބަދަހި ވެގެން ގޮސްފަ އެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.