ފަލަސްތީނުގެ ހަމާސް ޖަމާއަތުން ނެރުނު ރަސްމީ ބަޔާނެއްގައި ބުނެފައިވަނީ، ޣައްޒާގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދެވަނަ ފިޔަވަހި ތަންފީޒުކުރުން ބިނާވެފައިވަނީ އިސްރާއީލުން އޭގެ ފުރަތަމަ ފިޔަވަހި ފުރިހަމަ އަށް ތަންފީޒުކުރުމުގެ މައްޗަށް

ހަމާސް ޖަމާއަތުން ހަތިޔާރު ބަހައްޓަން އެއްބަސްވެއްޖެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާނު ކުރިނަމަވެސް އެކަންވާނީ، އިސްރާއިލުން ގާޒާގެ ބިމުން ފޭބުމުން ކަމަށް ހަމާސް އިން ބުނެފި އެވެ.
ފަލަސްތީނުގެ ހަމާސް ޖަމާއަތުން ނެރުނު ރަސްމީ ބަޔާނެއްގައި ބުނެފައިވަނީ، ޣައްޒާގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދެވަނަ ފިޔަވަހި ތަންފީޒުކުރުން ބިނާވެފައިވަނީ އިސްރާއީލުން އޭގެ ފުރަތަމަ ފިޔަވަހި ފުރިހަމަ އަށް ތަންފީޒުކުރުމުގެ މައްޗަށް ކަމަށެވެ. މީގެ ތެރޭގައި ޣައްޒާއިން އިސްރާއީލު ސިފައިން ފޭބުމާއި ހަމަލާތައް ދިނުން އެއްކޮށް ހުއްޓާލުން ހިމެނެއެވެ.
"އެއްބަސްވެފައިވާ ކަންކަން ތަންފީޒުކުރުމާއި، އެކަންކަމަށް ވަގުތީ ތާވަލެއް އެކުލަވާލުމައިގެން ކުރިއަށް ދިއުމުގެ އެންމެ އަސާސީ ޝަރުތަކީ، މީހުން މެރުން ހުއްޓާލުމަށް އިސްރާއީލުން ފުރިހަމައަށް އަމަލުކުރުން،" ހަމާސް އިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން އެ ޖަމާއަތުން ވަނީ އެއްބަސްވުމައިގެން ކުރިއަށް ދިއުމަށް ކޮންމެހެން ފުރިހަމަވާންޖެހޭ އިތުރު ޝަރުތުތަކެއްވެސް ފާހަގަކޮށްފައެވެ. އޭގެ ތެރޭގައި ޣައްޒާ ހިންގުމާ ހަވާލުވާ އިދާރީ ކޮމިޓީ ކަމަށްވާ 'ނޭޝަނަލް ކޮމިޓީ ފޯ ދަ އެޑްމިނިސްޓްރޭޝަން އޮފް ގާޒާ' އަށް ޣައްޒާ އަށް ވަދެވޭނެ މަގުފަހިކުރުމާއި ސުލްހަ ބަލަހައްޓާ ބައިނަލްއަގްވާމީ ލަޝްކަރެއް ހަރަކާތްތެރިވާން ފެށުމުގެ އިތުރުން، އިސްރާއީލުގެ މަދަދު ލިބޭ ހަތިޔާރުއެޅި ޖަމާއަތްތައް އުވާލުން ހިމެނޭކަމަށް ހަމާސްގެ ބަޔާނުގައި ބުނެފައިވެއެވެ.