ރާއްޖެއަށް ފަހުރެއް | ބީއެމްއެލްގެ ސީއީއޯ ޝަރީފު އޭބީއޭގެ ޗެއާމަންކަމަށް

މީގެ ކުރިންވެސް ޝަރީފް ވަނީ އޭބީއޭގެ ލީޑާޝިޕްގައި ޚިދުމަތްކުރައްވާފަ އެވެ. އެގޮތުން 2018 އިން 2020 އަށް އެ އެސޯސިއޭޝަންގެ ވައިސް ޗެއާމަންކަން ކުރައްވާފަ އެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު މުޙައްމަދު ޝަރީފް، އޭޝިއަން ބޭންކާސް އެސޯސިއޭޝަން (އޭބީއޭ)ގެ ޗެއާމަންކަމަށް އައްޔަންކޮށްފިއެވެ. މިއީ މި މަޤާމަށް ދިވެއްސަކު އައްޔަންކުރެވުނު ފުރަތަމަ ފަހަރެވެ. 

އޭބީއޭ ބޯޑުން ނިންމެވި ނިންމެވުމާ އެއްގޮތަށް، އެމަނިކުފާނު މަޤާމާ ހަވާލުވެވަޑައިގަންނަވާނީ 31 ޖުލައި 2026 ގައެވެ.
މީގެ ކުރިންވެސް ޝަރީފް ވަނީ އޭބީއޭގެ ލީޑާޝިޕްގައި ޚިދުމަތްކުރައްވާފަ އެވެ. އެގޮތުން 2018 އިން 2020 އަށް އެ އެސޯސިއޭޝަންގެ ވައިސް ޗެއާމަންކަން ކުރައްވާފައިވާއިރު، އެސޯސިއޭޝަންގެ ސްޓްރެޓެޖިކް އަމާޒުތަކަށް ވާސިލުވުމަށް އެހީތެރިވެދެއްވައި ސަރަހައްދީ މެންބަރު ބޭންކުތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމަށް އެމަނިކުފާނު ވަނީ މަސައްކަތްކުރައްވާފަ އެވެ. އަދި އެ މަނިކުފާނުގެ ލީޑަރޝިޕަށް އޮތް އިތުބާރުގެ ޔަޤީންކަމާއެކު، 2025 ވަނަ އަހަރު އަލުން އެ މަޤާމަށް ވަނީ އައްޔަންކުރައްވާފަ އެވެ.

މި މަގާމަށް އައްޔަންކުރެއްވުމާ ގުޅިގެން ޝަރީފް ވިދާޅުވީ އޭޝިއަން ބޭންކާސް އެސޯސިއޭޝަންގެ ބޯޑާއި މެންބަރު ބޭންކުތަކުން އަޅުގަނޑަށް ކުރައްވާފައިވާ އިތުބާރަށްޓަކައި ނުހަނު ޝުކުރުވެރިވާ ކަމަށާ މި ތަޖުރިބާއާއެކު މި މަޤާމުގައި އޭބީއޭއަށް ޚިދުމަތްކޮށްދިނުމަކީ ލިބޭ ޝަރަފެއް ކަމަށެވެ.

"އަޅުގަނޑުގެ އުއްމީދަކީ ބޭންކުތަކުގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކޮށް، އޭޝިއާގެ ބޭންކިންގ ސިނާއަތުގެ ކުރިއެރުމަށް މަގުފަހިކުރުމަށްޓަކައި، ބޯޑާއި ސެކްރެޓޭރިއަޓް އަދި މެންބަރު މުއައްސަސާތަކާ ގުޅިގެން ވީހާވެސް ގާތުން މަސައްކަތްކުރުން،" ޝަރީފު ވިދާޅުވި އެވެ.

ޗެއާމަންކަމުގެ މަޤާމާ ޝަރީފް ހަވާލުވެވަޑައިގަތުމާ ގުޅިގެން، އޭބީއޭގެ ސެކްރެޓަރީ- ޓްރެޜަރާ ޑރ. ޑަރސަން ޗިއު ވަނީ އެސޯސިއޭޝަންގެ އަސާސްތައް ހިފެހެއްޓެވުމަށް ޝަރީފް ކުރައްވަމުންދާ މަސައްކަތަށް ފާހަގަކުރައްވާފައެވެ. އަދި މެންބަރު ބޭންކުތަކާއި މުޅި ސަރަހައްދުގެ ބޭންކިން ސިނާޢަތުގެ ކުރިއެރުމާއި ތަރައްޤީއަށް އޭބީއޭއިން ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކުރައްވާ މަސައްކަތްޕުޅުގައި ސެކްރެޓޭރިއަޓްގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަޤީންކަން އޭބީއޭގެ ސެކްރެޓަރީ- ޓްރެޜަރާ ދެއްވިއެވެ. 1981 ވަނަ އަހަރު އުފެއްދި އޭޝިއަން ބޭންކަރސް އެސޯސިއޭޝަނަކީ އޭޝިއާ ސަރަހައްދުގެ ބޭންކުތަކާއި ބޭންކިންގ އެސޯސިއޭޝަންތައް ތަމްސީލުކުރާ އެންމެ އިސް އެއް ސަރަހައްދީ ޖަމިއްޔާއެވެ. މި މުއައްސަސާގެ މައިގަނޑު މަސައްކަތަކީ ބޭންކިންގ ދާއިރާގެ އިސްވެރިންނާއި، ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، ރެގިއުލޭޓަރުން އަދި ބައިނަލްއަޤްވާމީ މާލީ މުއައްސަސާތަކާއެކު ސިޔާސަތުތަކާ ބެހޭގޮތުން މަޝްވަރާކުރުމާއި، ޤާބިލުކަން އިތުރުކުރުމާއި، އަދި އެ ވަގުތަކަށް ދާއިރާއަށް އެންމެ އެކަށީގެންވާ އުސޫލުތައް މެންބަރު މުއައްސަސާތަކާ ހިއްސާކުރުމެވެ. 

އޭބީއޭ އިން ޝަރީފް މި މަޤާމަށް އައްޔަންކުރެއްވުމަކީ ބޭންކް އޮފް މޯލްޑިވްސްއަށާއި ރާއްޖެ އަށް ވެސް ލިބުނު މުހިންމު ކުރިއެރުމެކެވެ. މިކަމުގެ ސަބަބުން ސަރަޙައްދީ ބޭންކިންގ ލީޑަޝިޕްގައި ރާއްޖޭގެ ތަމްސީލުކުރުން އިތުރަށް ހަރުދަނާވެ ފުޅާވެގެންދާނެއެވެ. އަދި މި ނިންމުމުން އެސޯސިއޭޝަންގެ މެންބަރު ބޭންކުތަކުން އެމަނިކުފާނުގެ ތަޖުރިބާއަށް ކުރާ އިތުބާރު ދައްކުވައިދެ އެވެ. މި އަހަރުގެ އޭބީއޭ ކޮންފަރެންސް ސެޕްޓެންބަރު 1 އިން 3 އަށް ދިވެހިރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވަނީ ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުންނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.