ރައީސް ނަޝީދުގެ ވާހަކަފުޅާއެކު ތަރުޖަމާނުގެ ވީޑިއޯއެއް، އޮއްސާލީ ސުވާލު

ތަރުޖަމާނު މުންދު ވަނީ އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި އިސްރާއީލާމެދު ގުޅުން ބަދަހި ކުރަން ބޭނުންވާ ކަމަށް ނަޝީދު ވާހަކަ ދައްކަވާ ވީޑިއޯ އާއްމު ކުރައްވާފަ އެވެ.

ރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) --

އެމްޑީޕީ ވެރިކަމުގައި އިސްރާއިލްއާ ގުޅުން ބަދަހި ނުކުރާނެ ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވިތާ މަދުގަޑިއިރުކޮޅެއް ނުވަނީސް އެމަނިކުފާނު ވެރިކަމުގައި ދެއްކެވި ވާހަކަފުޅު ހިމެނޭ ވީޑިއޯއެއް ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފު (މުންދު) އާއްމު ކުރައްވައިފި އެވެ. 

އެމްޑީޕީގެ ފުރަތަަމަ ވެރިކަމުގައި ރައީސް ނަޝީދު އިސްވެ ހުންނަވައި އިސްރާއިލްއާ ގުޅުން ބަދަހި ކުރަން މަސައްކަތްކުރި ދުވަސްވަރު ބޭއްވި ނޫސް ކޮންފަރެންސެއްގެ ވީޑިއޯއާއެކު ތަރުޖަމާނު މުންދު ވިދާޅުވި ގޮތުގައި މި ވީޑިއޯ އާއްމު ކުރެއްވީ ހަނދާން ބަލި ހަރު މީހުންނާއި އެންމެ ޒުވާން ޖީލުތަކުގެ މަޢްލޫމާތު މުއްސަނދިކޮށްދިނުމަށްޓަކަ އެވެ.

މިއާއެކު ތަރުޖަމާނު އުފެއްދެވި ފުރަތަމަ ސުވާލަކީ 1974 ން ފެށިގެން ސަސްޕެންޑްކުރެވިފައި އޮތް ރާއްޖެ އާއި އިސްރާއީލުގެ ގުޅުން 2009 ވަނަ އަހަރު އަލުން އިއާދަކުރެވުނު އިރު ވެރިކަމުގައި ހުންނެވީ ކޮން ރައީސެއް ތޯ އާއި ވެރިކަމުގައި އޮތީ ކޮން ޕާޓީއެއްތޯ؟ 

"2009 ވަނަ އަހަރު އިސްރާއީލަށް ދިވެހި ޚާރިޖީ ވަޒީރަކު ހަމައެކަނި ފަހަރު ރަސްމީގޮތުން ޒިޔާރަތްކުރިއިރު ވެރިކަމުގައި ހުންނެވީ ކޮން ރައީސެއްތޯ؟ ވެރިކަމުގައި އޮތީ ކޮން ޕާޓީއެއް ތޯ؟ " މުންދު ވިދާޅުވި އެވެ.

މީގެ އިތުރުން ޓޫރިޒަމާއި ސިއްހަތާއި ތަޢްލީމު އަދި ސަޤާފީ ގުޅުން ރާއްޖެއާއި އިސްރާއީލާ ދެމެދު ޤާއިމުކޮށް ހަރުދަނާކުރުމުގެ ޚާރިޖީ އެއްބަސްވުންތަކުގައި 2009 ގައި ސޮއި ކުރެވުނު އިރު ވެރިކަމުގައި ހުންނެވީ ކޮން ރައީސެއެއް ތޯ އާއި ވެރިކަމުގައި އޮތީ ކޮން ޕާޓީއެއްތޯ؟ ވެސް ވަނީ ސުވާލު އުފައްދަވާފަ އެވެ.

"2010 ވަނަ އަހަރު އިސްރާއީލުގެ 'އައި ފްރޮމް ޒަޔޯން' ގެ ޑޮކްޓަރުންގެ ޓީމެއް ރާއްޖެ ގެނެސް ކްލިނިކް ހިންގާ، އެމީހުން ރައީސް އޮފީހަށް ގެންގޮސް ސައިދީ، ބައްދަލުކޮށް، ސަނާ ކިޔިއިރު ވެރިކަމުގައި ހުންނެވީ ކޮން ރައީސެއްތޯ؟ ވެރިކަމުގައި އޮތީ ކޮން ޕާޓީއެއްތޯ؟ " މުންދު ވިދާޅުވި އެވެ.

މުންދު މީގެ އިތުރުން ވިދާޅުވެފައިވާ ގޮތުގައި 2011 ގައި ޕެރިސް، ފްރާންސްގައި އޮތް ޔުނެސްކޯގެ ޖެނެރަލް އެސެމްބްލީއިން ދިވެހި ވަފުދު ނުކުތް ހާދިސާއާ ބެހޭ ގޮތުން ވެސް ސުވާލު އުފެއްދެވި އެވެ. 

ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އިސްރާއިލާ ގުޅުން ބަދަހި ކުރަން މަސައްކަތް ކުރެއްވި އެވެ. މިގޮތުން 2009 ވަނަ އަހަރު ރާއްޖެއާއި އިސްރާއީލާ ދެމެދު މައިގަނޑު 3 ދާއިރާއަކުން ގުޅުން ބަދަހިކުރުމަށް އެއްބަސްވުންތަކެއްގައި ސޮއިކުރިއެވެ. އެއީ ސިއްޙަތާއި، ތަޢުލީމާއި، ފަތުރުވެރިކަމާއި ސަގާފީ ދާއިރާއިންނެވެ.

ސިއްޙީ ދާއިރާގެ އެހީތެރިކަން ހޯދުމުގެ ގޮތުން މި އެއްބަސްވުންތަކުގެ ދަށުން އިސްރާއީލުގެ ޑޮކްޓަރުންގެ ޓީމުތައް ރާއްޖެ ގެނެސް، ލޮލުގެ ފަރުވާދޭ ކޭމްޕްތަކެއް (އައި ކޭމްޕް) ބޭއްވިއެވެ. މިއީ އޭރު ސަރުކާރުން އާންމުންނަށް ޚިދުމަތް ދިނުމުގެ ނަމުގައި ވަރަށް ބޮޑަށް ޕްރޮމޯޓުކުރި ކަމެކެވެ. މީގެ އިތުރުން ޚާރިޖީ ގުޅުން އާލާކުރުމުގެ ގޮތުން ދެގައުމުގެ ދެމެދުގައި ޚާރިޖީ ގުޅުން އަލުން ގާއިމުކުރުމަށްޓަކައި އިސްރާއީލުގެ ޚާރިޖިއްޔާގެ އިސް އޮފިޝަލުންނާއެކު ރަސްމީ ބައްދަލުވުންތައް ބޭއްވި އެވެ. އޭރުގެ ފޮރިން މިނިސްޓަރ ޑރ. އަޙްމަދު ޝަހީދު މިކަމުގައި އިސް ދައުރެއް އަދާކުރެއްވި އެވެ. އަދި އދ. ފަދަ ބައިނަލްއަގުވާމީ ޕްލެޓްފޯމްތަކުގައި އިސްރާއީލާ މެދު ރާއްޖެ އިން ގެންގުޅެމުން އައި ހަރުކަށި ސިޔާސަތު އޭރު ކޮންމެވެސް ވަރަކަށް މަޑުމައިތިރި ކުރިއެވެ. އަދި އިސްރާއީލުގެ ފަތުރުވެރިން ރާއްޖެއަށް އައުމަށް ހިތްވަރުދީ، ރާއްޖޭގެ ފަތުރުވެރިކަން އިސްރާއީލުގައި ޕްރޮމޯޓްކުރުމަށް މަސައްކަތްތަކެއް ކުރެވުނެވެ.

ކޮމެންޓް

0
450

މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ

Newsroom
Phone: 7819333
Email: news@themirror.mv
Marketing
Phone: 7399333
Email: marketing@themirror.mv
H. Fairlin, Bodu thakurufaanu magu, Male
Republic of Maldives
© 2026 Mi. All rights reserved.