ބީއެމްއެލްއިން ވަނީ ޓީޓީ ހަދަން ހިންގި 261,168 މުއާމަލާތައް ޖުމްލަ 166 މިލިއަން ޑޮލަރު ވިއްކާފަ އެވެ.

މި އަހަރުގެ މިދިޔަ ހަ މަސް ތެރޭ ބޭންކް އޮފް މޯލްޑިވްސް އިން ދޫކުރި ޑޮލަރުގެ ނިސްބަތް ދޫކުރި ޑޮލަރު 478 މިލިއަނަށްވުރެ މަތިވެއްޖެ އެވެ.
ބީއެމްއެލްގެ މިދިޔަ ކުއާޓަރުގެ މާލީ ހިސާބުތަކާއެކު ނެރުނު ބަޔާނުގައިވާ ގޮތުން އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ވިޔަފާރިތަކަށާއި އަމިއްލަ ފަރުދުންނަށް ބޭންކުން ވަނީ 478 މިލިއަނަށްވުރެ ގިނަ ޑޮލަރު ފޯރުކޮށްދީފައެވެ.
މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި، ގައުމަށް ބޭނުންވާ ބޭރު ފައިސާ ފޯރުކޮށްދިނުމުގައި ބޭންކުން ވަނީ މުހިންމު ދައުރެއް އަދާކޮށްފަ އެވެ.
މި ނޫސް ބަޔާނުގައިާ ގޮތުން ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) މެދުވެރިކޮށް ފައިސާ ފޮނުވުމަށް އެހީތެރިވުމުގެ ގޮތުން، އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ބޭންކުން ވަނީ 166 މިލިއަން ޑޮލަރު ވިއްކާފައެވެ. މީގެ ތެރޭގައި ރާއްޖެއިން ބޭރަށް ފޮނުވި 311,722 ރެމިޓެންސް މުއާމަލާތް ހިމެނޭއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު (261,168 މުއާމަލާތް)، 20 އިންސައްތައިގެ އިތުރުވުމެކެވެ. މީގެ އިތުރުން، ކްރެޑިޓް އަދި ޑެބިޓް ކާޑުން ކުރާ ރާއްޖެއިން ބޭރުގެ މުއާމަލާތްތަކަށް އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ބޭންކުން ވަނީ 226 މިލިއަން އެމެރިކާ ޑޮލަރު ފޯރުކޮށްދީފައެވެ. މިއީ 2025 ވަނަ އަހަރުގެ މި މުއްދަތުގައި ފޯރުކޮށްދިން 175 މިލިއަން ޑޮލަރާ އަޅައިބަލާއިރު 29 އިންސައްތައިގެ އިތުރުވުމެކެވެ.
"ޖުމްލަގޮތެއްގައި، އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ވިޔަފާރިތަކަށާއި އަމިއްލަ ފަރުދުންނަށް ބޭންކުން ވަނީ 478 މިލިއަނަށްވުރެ ގިނަ ޑޮލަރު ފޯރުކޮށްދީފައެވެ. މިއީ ބޭންކަށް ޑޮލަރު ގަންނަން ލިބުމުގައި ހުރި ދަތިތަކާއެކުވެސް، ކަސްޓަމަރުންގެ ބޭނުންތައް ފުއްދައިދިނުމަށާއި ގައުމުގެ އިގްތިސާދަށް އެހީތެރިވުމަށް ބޭންކުން ދޭ އަހުމިއްޔަތު ހާމަކޮށްދޭ ކަމެކެވެ،" ބީއެމްއެލްއިން ބުނެފައިވެ އެވެ.
ބީއެމްއެލް އިން ބުނެފައިވާ ގޮތން މިއީ މަހެއްގެ މައްޗަށް ބަލާއި އެވްރެޖްކޮށް 80 މިލިއަން ޑޮލަރެވެ. އަދި މިއީ 2025 ވަނަ އަހަރުގެ މަހެއްގެ އެވްރެޖަށްވުރެ 30 އިންސައްތަ އިތުރު، 2023 ވަނަ އަހަރުގެ މަހެއްގެ އެވްރެޖަށްވުރެ ދެގުނަ އިތުރު، އަދި 2021 ވަނަ އަހަރުގެ މަހެއްގެ އެވްރެޖާ އަޅައިބަލާއިރު ގާތްގަނޑަކަށް ހަތަރު ގުނަ އިތުރު އަދަދެކެވެ. މި ހިސާބުތަކުން ދައްކައިދެނީ ފާއިތުވި އަހަރުތަކުގައި ބޭންކުން ބޭރު ފައިސާ ފޯރުކޮށްދޭ މިންވަރު ބޮޑުތަނުން އިތުރުވެފައިވާ ކަމެވެ.
ބީއެމްއެލް އިން ބުނީ ބޭންކުގެ އުފެއްދުންތަކަށާއި ޑިޖިޓަލް ޚިދުމަތްތަކަށާއި މުވައްޒަފުންގެ ގާބިލުކަން އިތުރުކުރުމުގެ އިތުރުން ސްޓްރެޓިޖިކް ޕާޓްނާޝިޕްތަކަށް ބޭންކުން ދަނީ އިންވެސްޓް ކުރަމުންނެވެ. މީގެ ތެރޭގައި ގެދޮރުވެރިކަމުގެ ފައިނޭންސިންގއަށް އޮތް ފުރުސަތުތައް ފުޅާކުރުމާއި، މައިންޑްކޯއާ ގުޅިގެން 'މޯލްޑިވްސް އޭއައި ލެބް' އިފްތިތާހުކުރުމާއި، ލީޑަޝިޕް ތަރައްގީކުރުން ހަރުދަނާކުރުމާއި، ބައިނަލްއަގުވާމީ ދަރަނީގެ މާލީ ބާޒާރުތަކަށް ވަނުމަށް ތައްޔާރުވުން ހިމެނެއެވެ.
ކުރިމަގަށް ބަލައިލުން
ބީއެމްއެލް 2026 ވަނަ އަހަރުގެ ދެވަނަ ހަ މަސްދުވަހާ ކުރިމަތިލަނީ މާލީގޮތުން ވަރުގަދަ، ހަރުދަނާ ބެލެންސް ޝީޓަކާއި، ރަނގަޅު ކެޕިޓަލް އަދި ލިކުއިޑިޓީ ހާލަތެއްގައި އޮވެގެންނެވެ.. ބޭންކުގެ ދުރުރާސްތާ ސްޓެރެޓެޖީތައް ފަރުވާތެރިކަމާއެކު ތަންފީޒުކޮށް، ކަސްޓަމަރުންނާއި ވިޔަފާރިތަކުގެ އިތުރުން ގައުމީ އިގްތިސާދީ ތަރައްގީއަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ބޭންކު އޮންނާނީ ސާބިތުކަމާއެކުގައެވެ.