ޕޯޓުގެ ބާކީ މަސައްކަތްތައް ކުރިއަށްދާނީ މާލޭގެ ހުޅަނދު ދެކުނުން، ތިލަމާލޭ ބުރިޖު ނިމޭ ހިސާބުގައި، އިންޑަސްޓްރިއަލް ވިލެޖުގައި ކަމަށް ރައީސް ވިދާޅުވި އެވެ.

ޖާގަ ބޮޑު، ވަސީލަތް ފުރިހަމަ، ސްޓޭޓް އޮފް ދި އާޓް ޕޯޓެއްގެ ގޮތުގައި، އަންނަ އަހަރުގެ ނޮވެންބަރު މަހު މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކޮށް، އޮޕަރޭޝަނަށް ގެނެވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމްގެ 'ނޭޝަން ޗެޓް' ޕޮޑްކާސްޓުގައި ރޭ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އަންނަ އަހަރުގެ ނޮވެމްބަރު 11 ވަނަ ދުވަހު، މާލޭ ވިޔަފާރި ބަނދަރުން ދޭ ހިދުމަތްތަކުގެ 80 ޕަސެންޓް ތިލަފުއްޓަށް ބަދަލުކުރެވޭނެ ކަމަށެވެ. ޕޯޓުގެ ބާކީ މަސައްކަތްތައް ކުރިއަށްދާނީ މާލޭގެ ހުޅަނދު ދެކުނުން، ތިލަމާލޭ ބުރިޖު ނިމޭ ހިސާބުގައި، އިންޑަސްޓްރިއަލް ވިލެޖުގައި ކަމަށް ރައީސް ވިދާޅުވި އެވެ.
އެއާއެކު، ރޯރޯ ފެރީ ނުވަތަ ކޮޅުވެއްޓިތައް މެދުވެރިކޮށް ކޮންޓެއިނަރުތައް އެއްތަނުން އަނެއްތަނަށް ގެންދިއުމުގެ ކަންކަންވެސް ކުރިއަށްދާނީ މާލޭގެ އެތެރެއަށް ދަތި ނުވާގޮތަށް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ޕޯޓުގެ މައިބަދައަކަށް ވާނީ ޑިޖިޓަލައިޒްޑް ނިޒާމެއް ކަމަށާއި، ޕްރައިވެޓް ވުނޭރުންނަށް ބޮޑެތި އިންސެންޓިވް ދީގެން، ތިލަފުއްޓާއި މާލޭ އިންޑަސްޓްރިއަލް ވިލެޖުގައި ޕޯޓު ހިންގާ ސަރަހައްދުގައި ފިހާރަތައް ހުޅުވުމުގެ ހުރިހާ ކަމަކަށް މަގުފަހި ކޮށްދެއްވާނެ ކަމަށެވެ.
އިތުރަށް ރައީސް ވިދާޅުވީ މިހާރު ކުރިއަށްދާ މަގު ހެދުމުގެ މަސައްކަތް އެއްކޮށް ނިމޭއިރު، ފަސިންޖަރުން އުފުލާ އުޅަނދުފަހަރަށް ވެސް ލުއި ފަސޭހަ ވަސީލަތްތަކެއް ގާއިމު ކޮށްދެއްވާނެ ކަމަށެވެ. އެގޮތުން، ލޯންޗުތައް ބޭނުންކުރާ ސަރަހައްދުގައި އިތުރު ފިންގާ ޖެޓީތައް ގާއިމުކޮށް ލަފާ ފުރުން މިހާރަށްވުރެ ފަސޭހަކޮށް ކުރިއަށް ގެންދެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.